ވޯލްޑް ކަޕް 2018

އައިސްލެންޑް

ގޭމް ސިސްޓަމް: 4-4-2 ނުވަތަ 4-5-1

ވޯލްޑްކަޕަށް މިހާތަނަށް ކޮލިފައިވި އެންމެ ކުޑަ ގައުމަކީ އައިސްލެންޑެވެ. އެގައުމުގެ އާބާދީ އަކީ 335000 މީހުންނެވެ. އަދަދުގެ ގޮތުން މަދުވިޔަސް އައިސްލެންޑްގެ ސަޕޯޓަރުންގެ އަޑު ޔޫރަޕްގައި ގަދަ އެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ އަކީ، އެގައުމުން ވާދަ ކުރި ފުރަތަމަ ބޮޑު މުބާރާތެވެ. އެ މުބާރާތުގެ ކްއާޓާ ފައިނަލަށް ދަތުރު ކުރި އެވެ. އެ މުބާރާތުގައި އައިސްލެންޑް ސަޕޯޓަރުންގެ ވާހަކަ މުޅި ދުނިޔޭގައި މަޝްހޫރު ވެގެން ދިޔަ އެވެ. ޔޫރޯގެ ކްއާޓާ ފައިނަލަށް އެ ޓީމު ދަތުރު ކުރީ ދެ ވަނަ ބުރުގައި ވަރުގަދަ އިންގްލެންޑް ކަޓުވާލުމަށް ފަހު އެވެ.

ކޮލިފައިވީ ގަޮތް

ވޯލްޑްކަޕު ކޮލިފައިންގައި ކުރީ ކޮޅު އައިސްލެންޑަށް މަސައްލަ ކުރިމަތި ވިއެވެ. އެ ޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ، އެ ޓީމުގެ އެއް ވަނަ ސްޓައިކަރު ކޯލްބީން ސިގްސޯސަން އަށް އަނިޔާވުމެވެ. ޔޫރޯގައި އެ ޓީމަށް ކޯޗު ކޮށްދިން ސްވިޒަލޭންޑްގެ ލާސް ލާގާބެކް ޔޫރޯއަށް ފަހު އެ ޓީމު ދޫކޮށްލި އެވެ. ކޮލިފައިންގައި އައިސްލެންޑަށް ޖެހުނީ ޔޫރޯގައި ވާދަ ކުރި ތިން ޓީމާއެކު ގުރޫޕް "އައި' ގަ އެވެ. ކޮރެޝިއާ އާއި ތުރުކީ ފަހަތަށް ޖައްސާލުމަށް ފަހު އައިސްލެންޑް ވަނީ ގުރޫޕްގެ އެއް ވަނައިގައި ވޯލްޑްކަޕުގެ ސީދާ ޖާގަ ކަށަވަރު ކޮށްފަ އެވެ. ކޮލިފައިންގައި ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް ޖުމުލަ 22 ޕޮއިންޓް ހޯދި އެވެ. އެ ޓީމު ބަލިވީ ދެ މެޗުންނެވެ.

މުހިންމު ކުޅުންތެރިން

އައިސްލެންޑް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ، އެވަޓަންގެ މިޑްފީލްޑާ ގިލްފީ ސިގްޑޮސަން އެވެ. ވޯލްޑްކަޕަށް އައިސްލެންޑް ކޮލިފައި ކޮށްދިން މެޗުގައި، ކޮސޯވާ ކޮޅަށް އައިސްލެންޑްގެ ފުރަތަމަ ލަނޑު ކަމިޔާބު ކުރީ އޭނާ އެވެ. ބާންލީގެ ޔޯހަން ބާގް ގަތޮމަންސަންއަކީވެސް އައިސްލެންޑް ޓީމުން ފާހަގަ ކުރެވޭ ކުޅުންތެރިޔެކެވެ. ކޮސޯވޯ ކޮޅަށް އައިސްލެންޑްގެ ދެ ވަނަ ލަނޑު ޖެހީ އޭނާ އެވެ.

އައިސްލެންޑް ޓީމުން ފާހަގަ ކުރެވޭނެ އަނެއް ކުޅުންތެރިޔަކީ، އިނގިރެސީ ޗެމްޕިއަންޝިޕްގެ ކާޑިފް ސިޓީގެ މިޑްފީލްޑާ އަރޯން ގަނާސަން އެވެ. އޭނާ އަކީ އެޓޭކިންގައި ނުރައްކާ ކުޅުންތެރިޔެކެވެ. އޭނާ އަށް ޓީމުގެ ޑިފެންސުގައި ކަނާތު ބެކަށް އަދި ސެންޓަރަލް މީޑްފީލްޑްގައި ވެސް މޮޅަށް ކުޅެވޭ ކުޅުންތެރިޔެކެވެ.

ކޯޗް

އައިސްލެންޑް ޓީމުގެ އާދަޔާ ހިލާފުކަން ފެންނާނީ ސަޕޯޓަރުންނާއި ކުޅުންތެރިންގެ ފަރާތުން އެކަންޏެއް ނޫނެވެ. އެ ޓީމުގެ ހެޑްކޯޗަކީވެސް މުޅިން ތަފާތު ފަންނެއްގެ ތަޖުރިބާކާރެކެވެ. ހާމިއާ ހޯލްގްރިމްސަން އަކީ ޑެންޓިސްޓެކެވެ. އޭނާ އަކީ ޔޫރޯގައި ލާސް ލާގާބެކް އާއެކު ޖޮއިންޓް ހެޑް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި ކޯޗެވެ. ޔޫރޯ އަށް ފަހު ލާގާބެކް ޓީމު ދޫކޮށްލުމުން އައިސްލެންޑްގެ ކޯޗުގެ ގޮނޑި އެކީ އެކައްޗަކަށް އޭނާ އަށް ލިބުނެވެ.

ޑެންޓިސްޓަކަށް ވަމަކުން މައްސަލައެއް ނެއްތާއެވެ. ގޫރޫޕް އެއް ވަނައިގައި ވޯލްޑްކަޕުގެ ސީދާ ޖާގަ ހޯލްގްރިމްސަން އައިސެލެންޑަށް ހޯދައިދިނެވެ. އައިސްލެންޑް އާންމުގޮތެއްގައި ކުޅެނީ 4-4-2 ގެ ފޯމޭޝަނަށެވެ. ހޯލްގްރިމްސަން ޓީމުގެ ސްޓައިލަށް ބަދަލުތަކެއް ގެނެ އެވެ. ކޮލިފައިންގައި ބައެއް މެޗުތަކުގައި އޭނާ ވަނީ 4-5-1 ގެ ފޯމޭޝަނަށް ކުޅުވާފަ އެވެ.