ވޯލްޑް ކަޕް 2018

ކްރޮއޭޝިޔާ

Jun 12, 2018

ގޭމް ސިސްޓަމް: 4-2-3-1

ކުރީގެ ޔޫގޮސްލޭވިއާ ރޫޅި ކުދި ގައުމުތަކެއް 1991 ވަނަ އަހަރު އުފެދިގެން ދިޔަ އެވެ. އޭގެ ތެރޭގައި ކޮރޭޝިއާވެސް ހިމެނެ އެވެ. ގައުމެއްގެ ގޮތުގައި އެ އަހަރު އުފަންވި ނަމަވެސް، ފީފާގެ މެންބަރުކަން އެ ގައުމަށް ލިބުނީ ޖޫން 1993 ގައެވެ. އެ ހިސާބުގައި ފީފާގެ މެންބަރުކަން އެ ގައުމަށް ލިބުމުން ޖެހިގެން އައި 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑްކަޕުގެ ކޮލިފައިންގައި ވާދަ ކުރާކަށް ކޮރޭޝިއާއަށް ފުރުސަތެއް ނުލިބުނެވެ.

ނަމަވެސް އޭގެ ފަހުން 1998 ގައި ފްރާންސްގައި ބޭއްވި ވޯލްޑްކަޕަށް ކޮލިފައިވެ، އެ މުބާރާތުގައި ކޮރޭޝިއާއިން މުޅި ދުނިޔެ ސިއްސުވާލި އެވެ. ވޯލްޑްކަޕުގެ ތިން ވަނަ މަގާމު އެފަހަރު ހޯދި އެވެ. ވޯލްޑްކަޕުގައި ވާދަ ކުރަން ފުރުސަތު ލިބުނު ފަހުން، އެންމެ ފަހަރަކު ފިޔަވައި ވޯލްޑްކަޕުގައި އެ ގައުމުން ވާދަ ކުރެ އެވެ. ނަމަވެސް ގުރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނީ ފުރަތަމަ ފަހަރު އެކަންޏެވެ. ކޮރޭޝިއާ އަށް ފުރުސަތު ގެއްލުނީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި މުބާރާތުންނެވެ.

ކޮލިފައިވީ ގޮތް

ކޮލިފައިންގައި ކޮރޭޝިއާ ހިމެނުނީ އައިސްލެންޑާއެކު، ގުރޫޕް "އައި" ގަ އެވެ. އައިސްލެންޑަށް ވުރެ ދެ ޕޮއިންޓް މަދުވުމުން ކޮރޭޝިއާ އަށް ލިބުނީ ގުރޫޕްގެ ދެ ވަނަ އެވެ. ގުރޫޕްގެ އެންމެ ފަހު މެޗު ބާކީ އޮތް އިރު އެޓީމަށް ތާވަލުގެ ދެ ވަނަ ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އެ ގައުމުގެ ފުޓްބޯޅަ ފެޑްރޭޝަނަށް ކުރިމަތިވި ފާޑު ކިޔުންތަކާއެކު ކޮލިފައިންގެ ފަހު މެޗަށް އެ ޓީމުގެ ކޯޗަކަށް ހުރި އެންޓީ ކަސިކް މަގާމުން ވަކިކޮށް ޒްލެޓްކޯ ޑަލިކް އާ ކޯޗު ކަން ހަވާލު ކުރި އެވެ.

އެ ޓީމަށް ދެ ވަނަ މާގާމު ޔަގީންވީ ޑަލިކްގެ އިރުޝާދުގެ ދަށުން ޔޫކްރޭންއާ ދެކޮޅަށް ގުރޫޕްގެ ފަހު މެޗުން މޮޅުވުމުންނެވެ. ދެ ވަނަ މަގާމު ލިބުމުން އެ ޓީމަށް ޖެހުނީ ޕްލޭއޮފް ބުރަށް ދާށެވެ. ޕްލޭއޮފްގައި އެ ޓީމާ ވާދަ ކުރަން އައީ، ގުރޫޕްގެ އެޗް ގެ ދެ ވަނަ ހޯދި ގްރީސް އެވެ. ގްރީސްއާ ދެކޮޅަށް 4-1 ގެ އެގްރިގޭޓް ނަތީޖާއިން ކާމިޔާބު ކޮށް ވޯލްޑްކަޕުގެ ޖާގަ ކޮރޭޝިއާއިން ޔަގީން ކުރި އެވެ.

މުހިންމު ކުޅުންތެރިން

ކޮރޭޝިއާގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ޓީމުގެ ކެޕްޓަން ލުކަ މޮޑްރިޗެވެ. ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ވަނީ، މިދިޔަ ދެ އަހަރު ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރުގެ އެވޯޑް ހޯދާފަ އެވެ. ފީފާ އާއި ޔޫއެފްއާ އެވޯޑްގައި އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި މިދިޔަ ދެ އަހަރުވެސް މޮޑްރިޗް ހިމެނުނެވެ. މިހާރު އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ވަނީ ރެއާލް މެޑްރިޑަށް ޗެމްޕިއަންސް ލީގް ހަތަރު ފަހަރަށް ހޯދައި ދީފަ އެވެ. ޔުވެންޓަސްގެ ފޯވަޑް މާރިއޯ މަންޒޫކިޗްއަކީވެސް ކޮރޭޝިއާގެ ޓީމުގެ ފާހަގަ ކުރެވޭ ކުޅުންތެރިޔެކެވެ. މިދިޔަ ތިން އަހަރު ތެރޭ ޗެމްޕިއަންސް ލީގްގެ ފައިނަލަށް ޔުވެންޓަސް ދެ ފަހަރަށް ގެންގޮސް ދިނުމުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މޮޑްރިޗާއި މަންޒޫކިޗަށް ފަހު ކޮރޭޝިއާ ޓީމުން ދެން ފާހަގަ ކުރެވޭނެ ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުންދާ އީވާން ރެކިޓިޗް އެވެ. ސެވިއްޔާއަށް ކުޅެމުން ދަނިކޮށް، ބާސެލޯނާއިން އޭނާ ގެނައީ އޭރު ބާސެލޯނާ ދޫކޮށްލަން ތައްޔާރު ވެފައިވާ އެ ޓީމުގެ ލެޖެންޑް ޒަވީ ހެނާންޑޭޒްގެ މަގާމު ފޫބެއްދުމަށެވެ. ރެކިޓިޗް ބާސާއާ ގުޅި ބާސާގެ މިޑްފީލްޑް ލައިންގައި އޭނާ ވަރުގަދަ ނުފޫޒެއް އުފެއްދި އެވެ. ކޮރޭޝިއާ ޓީމުން ދެން ފާހަގަ ކުރެވޭނެ އަނެއް ނަމަކަށް ވަނީ އިންޓަމިލާންގެ ވިންގާ އީވާން ޕެރސިޗް އެވެ. އޭނާ އަކީ މި ސީޒަންގެ ޔޫރަޕްގެ ޓްރާންސްފާގައި ޑިމާންޑް ބޮޑުވި ކުޅުންތެރިޔެކެވެ. އޭނާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރީ މެންޗެސްޓާ ޔުނައިޓަޑުންނެވެ.

ކޯޗް

ޒްލެޓްކޯ ޑަލިކް ކޮރޭޝިއާގެ ކޯޗު ކަމާ ހަވާލުވީ ކޮލިފައިންގައި ގުރޫޕް ސްޓޭޖުގެ ފަހު މެޗު ކުރިމަތީ އެއްވައެވެ. ކޮލިފައި ނުވެދާނެ ކަމުގެ ބިރު ހީވުމުން، އޭރު ކޯޗަކަށް ހުރި އެންޓީ ކަސިކް މަގާމުން ވަކި ކުރުމަށްފަހު އެވެ. އޭރު ކޮރޭޝިއާގެ ފުޓްބޯޅަ މަސްރަހުގައި އޮތީ ނުތަނަވަސްކަން އުފެދިފަ އެވެ. ކޮރޭޝިއާގެ ކޯޗު ކަމާ ހަވާލުވިއރު، ޔޫރަޕްގެ ފުޓްބޯޅައިގައި ފާހަގަ ކުރެވޭ މަސައްކަތެއް ޑަލިކް އަތުގައި ނެތެވެ.

ކޯޗެއްގެ ގޮތުގައި އޭނާ އަށް ހޯދުނު އެންމެ ބޮޑު ކާމިޔާބެއް އޮތީ އޭއެފްސީ ޗެމްޕިއަންސް ލީގްގެ ފައިނަލަށް އަރަބި އެމިރޭޓްސްގެ އަލް އައިން ގެންގޮސްދިނުމެވެ. އެއީ 2016 ވަނަ އަހަރު އެވެ. ކޮރޭޝިއާގެ ކޯޗު ކަމާ އޭނާ ހަވާލުވީ ޔޫކްރޭންއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ދެ ދުވަސް ކުރިންނެވެ. ޓީމުގެ ޕްލޭނެއް އކުލަވާލާކަށް ޑަލިކްއަކަށް ފުރުސަތެއް ނެތެވެ. އޭނާ ގެނައީ ޓެކްނިކަލް ބަދަލު ތަކެކެވެ. ޔޫކްރޭންއާ ދެކޮޅަށް 2-0 މޮޅުވެ ކޮރޭޝިއާއަށް ޕްލޭއޮފްގެ ޖާގަ ހޯދައިދިނެވެ.