ހަބަރު

ރީބްރޯޑްކާސްޓަރުންނަށް ވޯލްޑްކަޕް ދެއްކޭނެ: ބްރޯޑްކޮމް

Jun 13, 2018

ރީބްރޯޑްކާސްޓަރުންނަށް ވޯލްޑް ކަޕް ދެއްކުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިހެން ބުނެފައިވަނީ ވޯލްޑް ކަޕް ދެއްކުމާ ގުޅޭ ގޮތުން އަރާފައިވާ އޮޅުންތައް ފިލުވުމަށް މިއަދު ބޭއްވި ބައްދަލުވުމަކަށްފަހު ނެރުނު ނޫސް ބަޔާނުގަ އެވެ. ބައްދަލުވުން ބޭއްވީ ޕަބްލިކް ސާވިސް މީޑިއާއާއި މީޑިއާ ނެޓް އަދި ދިރާގާއެކު އެވެ.

ބަޔާނުގައި ބުނީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޝަނުން ދޫކޮށްފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކުން، އެ ފަރާތްތަކުން ދެމުންދާ ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގައި ދައްކަމުންދާ ޗެނަލްތައް ގެނެސްދެވޭނެ ކަމަށެވެ.

އެ ކޮންޓެންޓް ގެނެސްދޭން ވާނީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 30 އަދި 31 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން ޕެކޭޖްގެ ގޮތުގައި ބައިކޮށް، އެ ގަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ޗެނަލް ދޭ ފަރާތާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ ނޮން-އެކްސްކްލޫސިވް ޗެނެލް އެއްބަސްވުމެއްގެ ދަށުން އަދި ކޮމިޝަނުން ފާސްކޮށްފައިވާ އަގެއްގައި އަދި އެ ޗެނެލެއްގައި ގާނޫނާ ހިލާފު ކޮންޓެންޓެއް ހިނެމިފައި ނުވާ ގޮތުގެ މަތީން ކަމަށެވެ.

ރައްޔިތުންގެ ހާއްސަ ޝައުގެއް ހިމެނޭ އިވެންޓެއް ނުވަތަ “ލިސްޓަޑް އިވެންޓެއް” ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހައްގު ހޯދުމުގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު މެދުވެރިކޮށް ރައްޔިތުންނަށް ވީހައިވެސް ފުޅާ ދާއިރާއެއްގައި އެ އިވެންޓެއް ފޯރުވައިދިނުމަށް މަގުފަހިކޮށްދީފައިވެފައިވާ ކަމަށާއި ފީފާ ވޯލްޑްކަޕް އަކީ ލިސްޓެޑް އިވެންޓެއްގެ ގޮތުގައި ކޮމިޝަނުން ކަނޑައަޅައިފައިވާ އިވެންޓެއް ކަމަށް ކޮމިޝަނުން ބުންޏެވެ.

"މި އަހަރު ރަޝިއާގައި ކުޅޭ ފީފާ ވޯލްޑްކަޕްގެ މެޗުތައް ބެލުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިފައިވޭތޯ މި ކޮމިޝަނުން ބެލިބެލުމުން، ފީފާ ވޯލްޑްކަޕް ރަޝިއާ 2018 ގެ މެޗެތައް ޕަބްލިކް ސާވިސް މީޑިއާއާ އެ އިވެންޓް މި ސަރަހައްދުގައި ޑިސްޓްރިބިއުޓްކުރުމުގެ ހައްގު އޮތް ފަރާތާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރައްޔިތުންނަށް ބެލޭނޭ މަގު ފަހިވެފައިވާކަން މިހާރު ވަނީ ކަށަވަރުވެފަ، އެކަމަށްޓަކައި ޕަބްލިކް ސާވިސް މީޑިއާއަށް މަރުހަބާކިޔަން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ ރާއްޖޭގެ ބައެއް ރީބްރޯޑްކާސްޓަރުން އެ ފަރާތްތަކުގެ ހިދުމަތުގައި ގެނެސްދޭ ބައެއް ޗެނެލްތަކުން ފީފާ ވޯލްޑްކަޕްގެ މެޗްތައް ހައި ޑެފިނިޝަން އަދި 4K ކޮލިޓީގައި ގެނެސްދިނުމަށް މަސައްކަތްކުރަމުންދާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.