ވޯލްޑް ކަޕް 2018

ނައިޖީރިއާ

Jun 12, 2018

ގޭމް ސިސްޓަމް: 4-3-3

އެފްރިކާ ބައްރުން މި ފަހަރުގެ ވޯލްޑްކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމަކީ ނައިޖީރިއާ އެވެ. މިއީ އެ ގައުމުން ވޯލްޑްކަޕުގައި ވާދަ ކުރާ ހަ ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން ވޯލްޑްކަޕުގައި ވާދަ ކުރާ ތިން ވަނަ ފަހަރެވެ. ތިން ފަހަރެއްގެ މަތިން އެ ގައުމު ވަނީ ވޯލްޑްކަޕްގެ ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އެއީ 1994، 1998 އަދި 2014 ވަނަ އަހަރު އެވެ. ތިން ފަހަރެއްގެ މަތިން އެފްރިކާގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމަށް ވޯލްޑްކަޕުގައި އެއަށްވުރެ ދުރަށް ދެވިފަ އެއް ނުވެ އެވެ.

ކޮލިފައިވީ ގަޮތް

ވޯލްޑްކަޕު ކޮލިފައިންގައި ނައިޖީރިއާ ހިމެނުނީ، އެފްރިކާގެ މިހާރުގެ ޗެމްޕިއަން ކެމެރޫން އާއި އޭގެ ކުރީގެ ޗެމްޕިއަން ޒެމްބިއާ އާއެކު ގުރޫޕް "ބީ" ގަ އެވެ. ނަމަވެސް ގުރޫޕް އެއް ވަނަ ހޯދީ ނައިޖީރިއާއިންނެވެ. ކޮލިފައިގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލި ވެފަ އެއް ނުވެ އެވެ. ހަތަރު މެޗުން މޮޅުވެ ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ކެމެރޫންއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގް މެޗުގައި އެ ޓީމު 4-0 ން ބަލި ކުރި އެވެ.

މުހިންމު ކުޅުންތެރިން

ނައިޖީރިއާ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ، ޗެލްސީގެ ވިންގާ ވިކްޓާ މޯސަސް އެވެ. އޭނާ އަކީ ވިންގް ބެކަށްވެސް މޮޅަށް ކުޅެވޭ ކުޅުންތެރިޔެކެވެ. މިދިޔަ ސީޒަންގައި ޗެލްސީން ޕްރިމިއާ ލީގް ކާމިޔާބު ކުރިއިރު އެ ޓީމުގައި އެންމެ ބޮޑަށް ވިދާލި ކުޅުންތެރިޔަކީ މޯސަސް އެވެ.

ޓީމުގެ ކެޕްޓަން ޖޯން މައިކަލް އޮބީ އަކީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 80 މެޗު ކުޅެފަ އެވެ. މިފަހަރުގެ މުބާރާތަކީ އޭނާގެ ދެ ވަނަ ވޯލްޑްކަޕެވެ. ޗެލްސީއަށް ކުރިން ކުޅުނު ކުޅުންތެރިޔާ މިހާރު ކުޅެމުން ދަނީ ޗައިނާގެ ސްޕަ ލީގްގައެވެ. އެންމެ ފަހުން ވޯލްޑްކަޕުގައި ނައިޖީރިއާ ދެ ވަނަ ބުރަށް ގެންގޮސް ދިނުމަށް އޮބީ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ނައިޖީރިއާގެ ޓީމުން މިފަހަރު ވިދާލާނެ ކަމަށް ބެލެވޭ ކުޅުންތެރިންޔަކީ އާސެނަލްގެ ފޯވަޑް އެލެކްސް އިވޯބީ އެވެ.

ކޯޗް

އެންމެ ފަހުގެ ވޯލްޑްކަޕަށް ފަހު ނައިޖީރިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ގައުމީ ޓީމަށް އަށެއްކަ ކޯޗުން ހަމަޖެއްސި އެވެ. މިހާރުގެ ކޯޗް ޖަރުމަނުގެ ގާނޯ ރޯރް ނައިޖީރިއާގެ ޓީމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާ ވަނީ ކޯޗިންގައި ގިނަ ސަރަހައްދުތަކަށް ދަތުރު ކޮށްފަ އެވެ. ފްރާންސްގެ ނީސް އިން ފެށިގެން ގެބޯން، އަދި ބުރުކީނޯ ފާސޯއަށްވެސް އޭނާ ވަނީ ކޯޗު ކޮށްދީފަ އެވެ. ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ވަނީ ބަޔާން މިޔުނިކާއި ފާރާންސްގެ ބޯޑެކްސްއަށް ކުޅެފަ އެވެ. ފަހުން ބޯޑްކްސްގެ ކޯޗުގެ މަގާމާ ހަވާލުވެ 1996 ވަނަ އަހަރު ޔޫއެފްއާ ކަޕުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނެވެ.

އޭނާ ކޯޗު ކަމާ ހަވާލު ވުމުގެ ކުރިން ނައިޖީރިއާ އަށް، އެފްރިކަން ކަޕް އޮފް ނޭޝަންގެ ދެ މުބާރާތުން ފުރުސަތު ގެއްލުނެވެ. ނައިޖީރިއާގެ ޓީމާ ހަވާލުވެ އޭނާ ވަނީ ޓީމުން ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ސަބަބުން ޓީމަށް ތާޒާ ކަން ލިބި ވަރުގަދަ އަށް މަސައްކަތް ކުރުމުގެ ރޫހެއް ޓީމަށް ލިބުނެވެ. މިފަހަރު ވޯލްޑްކަޕުގައި އެންމެ ޒުވާން ކުޅުންތެރިން ގިނަ ޓީމަކީވެސް ނައިޖީރިއާ އެވެ. އާޖެންޓީނާއާ ދެކޮޅަށް ނޮވެމްބަރު މަހު ރަޝީއާގައި ކުޅުނު މެޗުގައި 2-0 ން ފަހަތުގައި އޮވެ، ފަހުން ފަހަތުން އަރާ ކާމިޔާބު ކުރި ލަނޑުތަކުން 4-2 ން ނައިޖީރިއާ މެޗު ކާމިޔާބު ކުރި އެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ނައިޖީރިއާ ބަލިވީ އެންމެ މެޗަކުންނެވެ.