ވޯލްޑް ކަޕް 2018

ބްރެޒިލް

Jun 12, 2018

ގޭމް ސިސްޓަމް: 4-1-4-1

ފުޓްބޯޅައިގެ ވާހަކަ ދައްކާނަމަ ނުވަތަ ވޯލްޑްކަޕުގެ ވާހަކަ ދައްކާނަމަ، ބްރެޒިލްގެ ވާހަކަ އެ ދެމެދަށް އަންނާނެ އެވެ. މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑްކަޕެއްގައިވެސް މުބާރާތުގެ ފެވަރިޓެއްގެ ގޮތުގައި ބްރެޒިލް ހިމަނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެ ޓީމުން ވަނީ 1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރު ވޯލްޑްކަޕު ކާމިޔާބު ކޮށްފަ އެވެ. މުބާރާތުގެ ތާރީހްގައި އެންމެ ކާމިޔާބު ޓީމެވެ. ނަމަވެސް އަމިއްލަ ގައުމުގައި އެންމެ ފަހުން ބޭއްވި މުބާރާތުގެ ސެމީ ފައިނަލުން ބްރެޒިލް ކެޓީ ޗެމްޕިއަން ޖަރުމަން އަތުން ލަދުވެތި ގޮތަކަށެވެ. ވަރުގަދަ ބްރެޒިލް ކޮޅަށް ޖަރުމަނުން ހަތް ލަނޑު ވައްދާލި އެވެ.

ކޮލިފައިވީ ގަޮތް

މިފަހަރުގެ ވޯލްޑްކަޕަށް އެންމެ ފުރަތަމަ ކޮލިފައިވި ގައުމަކީ ބްރެޒިލް އެވެ. ދެކުނު އެމެރިކާ ސަރަހައްދުގެ އެއް ވަނައިގައި އެ ޓީމުން 41 ޕޮއިންޓް ހޯދި އެވެ. ދެ ވަނައިގައި ނިންމާލި އުރުގުއޭގެ މައްޗަށް 10 ޕޮއިންޓްގެ ބޮޑު ފަރަގެއް ހޯދި އެވެ. އެ ޓީމު ބަލިވީ އެންމެ މެޗަކުންނެވެ. 41 ގޯލް ޖެހިއިރު ބައިކޮޅަށް ވަނީ 11 ލަނޑެވެ.

މުހިންމު ކުޅުންތެރިން

ބްރެޒިލް ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ، ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ ނޭމާ އެވެ. ގިނަ ބަޔަކު ނޭމާ ސިފަ ކުރަނީ މިހާރު ދުނިޔޭގައި ހުރި ތިން ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގަ އެވެ. އޭނާގެ ވާދަވެރިންގެ ގޮތުގައި ތިބީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ ދެ ކުޅުންތެރިންނަށްވެސް ވޯލްޑްކަޕުގައި އަތް ލެވިފައެއް ނުވެ އެވެ. ނޭމާ ހުރީ އޭނާގެ ކެރިއާގެ އެންމެ ޕީކް ހިސާބުގަ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ދިއުމަށް މިފަހަރުގެ ވޯލްޑްކަޕަކީ ރަނގަޅު ފުރުސަތެކެވެ.

ނޭމާ އަށް ފަހު ބްރެޒިލްގެ ޓީމުން ދެން ފާހާގަ ކުރެވޭނެ ކުޅުންތެރިޔަކީ މެންޗެސްޓާ ސިޓީގެ ގެބްރިއަލް ޖިސޫސް އެވެ. މި ސީޒަންގައި ސިޓީ ޕްރިމިއާ ލީގްގެ އެއް ވަނައިގައި ވާދަ ކުރުމުގައި ގެބްރިއަލް ޖިސޫސްގެ މުހިންމު ދައުރެއް އެބައޮތެވެ. ބްރެޒިލް ޓީމުގެ އެޓޭކްތަކުގެ ސެންޓްރަލް ކުޅުންތެރިޔަކަށް އޭނާ ވާނެ އެވެ. ޓީމުގެ މެދުތެރެއިން ފެންނާނީ ބާސެލޯނާގެ ފިލިޕޭ ކުޓީނިއޯ އެވެ. އޭނާ ހިމެނުނު ކޮންމެ ޓީމެއްގައިވެސް މިޑްފީލްޑް ލައންގައި ވަރުގަދަ ނުފޫޒެއް އޭނާ އުފައްދަ އެވެ. އިންޓަ މިލާނާއި ލިވަޕޫލަށް ފަހު، މިހާރު ބާސެލޯނާގައިވެސް މިޑްފީލްޑް ލައިންގައި އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ކްޓީނިއޯ އެވެ. ރެއާލް މެޑްރިޑްގެ ވައިސް ކެޕްޓަން މާސެލޯ އާއި ޗެލްސީގެ ވިލިއަންއަކީވެސް ބްރެޒިލް ޓީމުގެ މުހިންމު ކުޅުންތެރިންނެވެ.

ކޯޗް

އެޑެނޯ ލިއަނާޑޯ ބައްޗީ ނުވަތަ މަޝްހޫރު ނަމުން ނަމަ "ޓިޓޭ" ބުރެޒިލްގެ ކޯޗު ކަމާ ހަވާލުވެ ބްރެޒިލް އަލުން ވަރުގަދަ ޓީމަކަށް ހެދި އެވެ. މަޝްހޫރު ކުޅުންތެރިން ތިބި ނަމަވެސް ވޭތުވެދިޔަ 12 އަހަރު ބްރެޒިލްގެ ވިދުން ފެނުނީ ފަނޑު ކޮށެވެ. އޭނާ ޓީމާ ހަވާލުވީ 2016 ވަނަ އަހަރު ޖޫން މަހު އެވެ. އޭގެ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރީ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ކާލޯސް ޑުންގާ އެވެ. ޑުންގާގެ ކޯޗު ކަމުގެ ދަށުން އެ އަހަރު ބޭއްވި ކޮޕާ އެމެރިކާ މުބާރާތުން ބްރެޒިލް ކެޓީ ގުރޫޕް ސްޓޭޖުންނެވެ. ޓީޓީ ހަވާލުވީ ކޮޕާ އެމެރިކާއަށް ފަހު އެވެ. އޭރު ވޯލްޑްކަޕް ކޮލިފައިން އޮތީ ހަ ވަނައިގަ އެވެ. ނަމަވެސް ޓިޓޭ ހަވާލުވެ ގެނައި ބަދަލުތަކާއެކު 10 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު ސަރަހައްދުގެ އެއް ވަނައިގައި ބްރެޒިލް ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނެވެ.

ކޯޗު ކަމާ ހަވާލުވުމުގެ ކުރިން ޓިޓޭ ހުރީ ކޮރިންތިއަންސްގެ ކޯޗަކަށެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޖެހިޖެހިގެން ދެ ފަހަރަށް އެ ޓީމުން ބްރެޒިލްގެ ލީގް ކާމިޔާބު ކުރި އެވެ. ޓިޓޭ ބްރެޒިލްގެ ޓީމަށް ގެނައި ބަދަލުތަކުން ބްރެޒިލްގެ ކުރީގެ ތަރިން ކަމަށްވާ، ޕެލޭ އާއި ރޮނާލްޑޯގެ ތައުރީފް ޓިޓޭ އަށް ލިބުނެވެ. އޭނާ ގެނައި އެންމެ ބޮޑު ބަދަލަކީ ޓީމުގެ ގޭމް ސިސްޓަމް 4-1-4-1 ގެ ފޯމޭޝަނަށް ފައްތާލުމެވެ. އެ ބަދަލުގެ ސަބަބުން ކުރިއަށް ވުރެ ބޮޑަށް އެޓޭކިން ގޭމަށް ބްރެޒިލްގެ ޓީމުގެ ފަހި ވެގެން ދިޔަ އެވެ.