ވޯލްޑް ކަޕް 2018

ސްވިޒަލޭންޑް

Jun 12, 2018

ގޭމް ސިސްޓަމް: 4-5-1

މިއީ ވޯލްޑްކަޕުގައި ސްވިޒަލޭންޑް ވާދަ ކުރާ 11 ވަނަ ފަހަރެވެ. ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ތިން ފަހަރު ދަތުރު ކުރި އެވެ. އޭގެ ތެރެއިން އަމިއްލަ ގައުމުގައި 1954 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުވެސް ހިމެނެ އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ދަތުރު ކުރި އެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބަލިވީ މުބާރާތުގެ ރަނަރަފު އާޖެންޓީނާ އަތުންނެވެ. ވޯލްޑްކަޕުގެ ނޮކައުޓް މެޗަކުން ސްވިޒަލޭންޑަށް މޮޅު ނުވެވޭތާ 64 އަހަރު ވެއްޖެ އެވެ. ނޮކައުޓް މެޗަކުން އެ ޓީމު އެންމެ ފަހުން މޮޅުވީ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑްކަޕުގައި ގުރޫޕްގެ ޕްލޭއޮފް މެޗުގައި އިޓަލީ އަތުންނެވެ. މިފަހަރުގެ ވޯލްޑްކަޕަށް އެ ޓީމު ޓާގެޓަކަށް އޮތީ އެންމެ ކުޑަ މިނުން ގުރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުވެ.

ކޮލިފައިވީ ގޮތް

ވޯލްޑްކަޕަށް ސްވިޒަލޭންޑް ކޮލިފައި ވުމުން އެ ގައުމުގައި ހާއްސަ އުފާ ފާޅު ކުރުންތަކެއް ނެތެވެ. ފަސޭހަ ގޫރޫޕެއްގައި ހިމެނުމުން، އެގައުމަށް އޭގެ ތެރެއިން ފަސޭހައިން ދެމި ގަނެވޭނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް އެނގެ އެވެ. ޔޫރްޕްގެ ކޮލިފައިން ޒޯން ގައި އެ ޓީމަށް ފައިޓެއް ދެވޭނެ ޓީމަކަށް އޮތީ ޕޯޗުގަލް އެވެ. ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު ސްވިޒަލޭންޑުން ކާމިޔާބު ކުރި އެވެ. ކޮލިފައިންގެ ފަހު މެޗާ ހަމަޔަށް ދިޔައިރުވެސް ތާވަލުގެ އެއް ވަނައިގައި އޮތީ ސްވިޒަލޭންޑެވެ. އެ ޓީމަށް ތާވަލުގެ އެއް ވަނަ މަގާމު ގެއްލުނީ ފަހު މެޗުގައި ޕޯޗުގަލް އަތުން ބަލިވުމުންނެވެ. ޕޯޗުގަލްއަށް ޕޮއިންޓް ލިބުނީ ސްވިޒަލޭންޑާ އެއް އަދަދަކަށެވެ. ދެ ޓީމަށްވެސް 27 ޕޮއިންޓެވެ. ޕޯޗުގަލް ދެމިގަތީ ފައިދާ ގޯލްގައި ކުރި ލިބުމުންނެވެ. ޕްލޭއޮފްގައި ސްވިޒަލޭންޑާ ވާދަ ކުރީ ގުރޫޕް "ސީ' ގެ ދެ ވަނަ އުތުރު އަޔަލޭންޑެވެ. 1-0 ގެ އެގްރިގޭޓް ނަތީޖާއިން އުޔަލޭންޑް ބަލިކޮށް ސްވިޒަލޭންޑް ވޯލްޑްކަޕުގެ ޖާގަ ހޯދި އެވެ.

މުހިންމު ކުޅުންތެރިން

ސްވިޒަލޭންޑްގައި އޮތީ އެގައުމުގެ ރަން ޖީލްގެ ކުޅުންތެރިންނެއް ނޫނެނެވެ. ނަމަވެސް 2009 ވަނަ އަހަރު 17 އަހަރުން ދަށުގެ ވޯލްޑްކަޕު ޗެމްޕިއަންކަން ހޯދި ސްވިޒަލޭންޑްގެ ޓީމުގެ ހިމެނުނު މުހިންމު ކުޅުންތެރިން އެ ޓީމުގެ މިހާރުގެ ސްކޮޑުގައި އެބަތިއްބެވެ. ސްވިސްގެ ކުޅުންތެރިންގެ ތެރެއިން ދިވެހިން އެންމެ ދަންނަ ނަމަކަށް ވާނީ އާސެނަލްގެ މިޑްފީލްޑާ ގްރެނިޓް ޒަކާ އެވެ. ނަމަވެސް ސްވިޒަލޭންޑްގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އިޓަލީގެ އުޑިނޭޒީއަށް ކުޅެމުން އަންނަ މިޑްފީލްޑާ ވެލޮން ބީރާމީ އެވެ. މިއީ އޭނާގެ ޖެހިޖެހިގެން ހަތަރު ވަނަ ވޯލްޑްކަޕެވެ. ޓީމުގެ މެދުތެރޭގައި ހުރެގެން މުޅި ޓީމު ލީޑް ކުރަވަނީ އޭނާ އެވެ. ސްވިޒަލޭންޑްގައި ވާހަކަ ދައްކާ އުޅޭ މައިގަނޑު ތިން ބަހަށްވެސް ފަރިތަ ކުޅުންތެރިޔަކަށް ވުމުން ޓީމުގެ އެހެން ކުޅުންތެރިންގެ މެދުގައިވެސް އޭނާގެ ނުފޫޒު ބޮޑެވެ.

ޓީމަށް އޭނާގެ މުހިންމުކަން އިހްސާސް ކުރެވުނީ ކޮލިފައިންގެ ފަހު މެޗުގައި އޭނާ ނެތި ކުޅެން ޖެހުމުންނެވެ. އެމެޗުގައި ޕޯޗުގަލް އަތުން ބަލިވީ އެވެ. ޕޯޗްގަލްއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގް މެޗުގައި ބީރާމީ ވަނީ މޮޅު ކުޅުއް ދައްކާފަ އެވެ. އެ މެޗުން ސްވިޒަލޭންޑް މޮޅުވީ 2-0 ންނެވެ. ސްވިޒަލޭޏްޑްގެ ޓީމުން ދެން ފާހަގަ ކުރެވޭނެ ކުޅުންތެރިޔަކީ ޒަކާ އެވެ. އާސެނަލްއާ އެކު އޭނާ މިހާރު ހުރީ ރަނގަޅު ފޯމެއްގަ އެވެ. ސްޓޯކް ސިޓީގެ ޒާޑާން ޝަކީރީ އަކީވެސް ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. އެންމެ ފަހުން ބޭއްވި ޔޫރޯގައި އޭނާގެ އަޑު ގަދަ ވެގެން ދިޔަ އެވެ.

ކޯޗް

ބޮސްނިއާގެ ވަލްޑަމީރު ޕެޗްކޯވިޗް ސްވިޒަލޭންޑްގެ ކޯޗު ކަމާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އޭނާ ވަނި ސްވިޒަލޭންޑް ޔޫރޯ 2016 އިގެ ކްއާޓާ ފައިނަލަށް ގެންގޮސް ދީފަ އެވެ. ޕެޗްކޯވިޗް ސްވިޒަލޭންޑްގެ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ހުރީ އިޓަލީގެ ލާޒިއޯގެ ކޯޗަކަށެވެ. އޭނާ ވަނީ 2013 ވަނަ އަހަރު އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ލާޒިއޯ އަށް ހޯދައިދީފަ އެވެ.

ސްވިޒަލޭންގެ ޓީމާ ހަވާލުވެ އޭނާ ވަނީ ސްވިޒަލޭންޑްގެ ކުޅުންތެރިންގެ މެދުގައި މެޗުގެ އެންމެ ފަހުވަގުތާ ހަމަޔަށްވެސް ވަރުގަދަ ރޫހެއްގައި މަސައްކަތް ކުރުމުގެ އެޓިޓިޔުޑެއް އުފައްދާފަ އެވެ. އޭނާގެ ކުރިން ސްވިޒަލޭންޑްގެ ކޯޗަކަށް ހުރީ ޖަރުމަންގެ އޮޓްމާރު ހިޓްޒްފީލްޑް އެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ސްވިޒަލޭންޑް ގެންގޮސް ދިނެވެ. އެ މުބާރާތަށް ފަހު ހިޓްޒްފީލްޑް ކޯޗުކަމުން ރިޓަޔާ ކުރީ އެވެ. އޭނާ ވަނީ ބްރޫޝިއާ ޑޯޓަމުންޑާއި ބަޔާން މިޔުނިކަށް ޗެމްޕިއަންސް ލީގް ހޯދައިދީފަ އެވެ.