ވޯލްޑް ކަޕް 2018

ކޮސްޓަރިކާ

Jun 12, 2018

ގޭމް ސިސްޓަމް: 5-4-1

މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ކުޑަ ގައުމު ކޮސްޓަރީކާ ވަނީ އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ކްއާޓާ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ކްއަޓާ ފައިނަލުގައި އެ ޓީމު ބަލިވީ ޕެނަލްޓީ ޖަހައިގެން ހޮލެންޑް އަތުންނެވެ. މިއީ ކޮސްޓަރިކާގެ ފަސް ވަނަ ވޯލްޑްކަޕެވެ. އާބާދީގައި ފަސް މިލިއަން މީހުން ހިމެނޭ ކޮސްޓަރިކާއަށް އެންމެ ފަހުން ބޭއްވި ވޯލްޑްކަޕަކީ ތާރީހީ ވޯލްޑްކަޕެކެވެ. ވޯލްޑްކަޕުގެ ދެ ޗެމްޕިއަނުން ކަމަށްވާ، ވަރުގަދަ އިޓަލީ އާއި އުރުގުއޭ ފަހަތަށް ޖައްސާލުމަށްފަހު ގުރޫޕް 'ޑީ' ގެ އެއް ވަނަ ހޯދި އެވެ.

ކޮލިފައިވީ ގޮތް

ކޮސްޓަރިކާ ވޯލްޑްކަޕަށް ކޮލިފައިވީ، އުތުރު އެމެރިކާ އަދި ކެރީބިއަން ސަރހައްދުގެ ދެ ވަނަ ހޯދައިގެންނެވެ. ސަރަހައްދުގެ އެއް ވަނަ ހޯދީ މެކްސިކޯއިންނެވެ. އެ ޓީމަށް ކޮސްޓަރިކާގެ މައްޗަށް ފަސް ޕޮއިންޓްގެ ލީޑެއް ހޯދި އެވެ. މެކްސިކޯ އަށް 21 ޕޮއިންޓެވެ. ކޮސްޓަރިކާއަށް 16 ޕޮއިންޓެވެ. ކޮސްޓަރިކާ ބަލިވި ދެމެޗުގެ ތެރެއިން ފުރަތަމަ މެޗަކީ މެކްސިކޯއާ ދެކޮޅަށް ކުޅުނު ކުޅުނު މެޗެވެ. ދެ ވަނަ އަށް ބަލިވީ ގުރޫޕްގެ ފަހު މެޗުގައި ޕެނަމާ އަތުންނެވެ. އަނެއް ހަތަރު މެޗުން މޮޅުވެ އަނެއް ހަތަރު މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

މުހިންމު ކުޅުންތެރިން

ކޮސްޓަރިކާގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ކޭލޯ ނާވަސް އެވެ. މިދިޔަ ތިން ސީޒަންގައި ރެއާލް މެޑްރިޑް ޗެމްޕިއަންސް ލީގް ހޯދިއިރު ނާވަސް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ އަކީ ކޮސްޓަރިކާގެ މިދިޔަ ދެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އިޓަލީގެ ބޮލޯނިއާ އެފްސީގެ ޑިފެންޑަރު ޖިއާންކާލޯ ގޮންޒާލޭޒް އަކީވެސް ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގައި އޭނާ ދެއްކި މޮޅު ކުޅުން ގިނަ ބަޔަކު ފާހަގަ ކުރި އެވެ. ބީބީސީގެ ފުޓްބޯޅަ އެނަލިސްޓުން ކަނޑައެޅި އެ މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ.

ސްޕެއިންގެ ޑިޕޯޓިވޯ ލަކަރޫނިއާގެ މިޑްފީލްޑާ ސެލްސޯ ބޯރްގެސްއަކީ ކޮސްޓަރިކާ ޓީމުގެ މައި މިޑްފީލްޑަރެވެ. ކޮސްޓަރިކާ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރި ކުޅުންތެރިޔަކީ އާސެނަލްގެ ލޯން އެއްބަސްވުމުގެ ދަށުން ރެއާލް ބެޓިސްއަށް ކުޅެމުންގެންދާ ސްޓައިކަރެވެ. އާސެނަލްއާ އޭނާ ގުޅިނީ 2011 ވަނަ އަހަރު އޭނާގެ އުމުރުން 19 އަހަރު އެވެ. ނަމަވެސް އާސެނަލްގައި އޭނާވީ ފްލޮޕަކަށެވެ. އަނިޔާއާ ހެދި ރެއާލް ބެޓިސްގައި އޭނާ އަށް އެކަށީގެންވާ ވަރަކަށް ނުކުޅެވުނެވެ.

ކޯޗް

އޮސްކާ ރަމިރޭޒް އަކީ 1990 ގެ ވޯލްޑްކަޕުގައި ކޮސްޓަރިކާގެ ގައުމީ ޓީމަށް ކުޅުނު މިޑްފީލްޑަރެވެ. ކުޅުން ހުއްޓާލުމަށްފަހު ކޯޗިން އަށް ނިކުމެ އޭނާ ވަނީ ޓެކްޓިކަލީ ރަނގަޅު އާ ބަދަލުތަކެއް އޭނާ ކޯޗު ކޮށްދޭ ޓީމުތަކަށް ގެނެސްފަ އެވެ. ކޮސްޓަރިކާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް އޭނާ ކުރި އެވެ.

ކޮސްޓަރިކާގެ ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ އެ ގައުމުގެ އެކި ކުލަބުތަކާއެކު ކޮސްޓަރިކާގެ ލީގް ފަސް ފަހަރެއްގެ މަތިން ހޯދާފަ އެވެ. އޭނާގެ ކުރިން އެ ގައުމުގެ ކޯޗަކަށް ހުރީ ގައުމީ ޓީމުގެ ކުރިގެ ސްޓައިކަރު ޕައުލޯ ވަންޗޯޕް އެވެ. އޭނާ ގައުމީ ޓީމުން އިސްތިއުފާ ދިނީ 2015 ވަނަ އަހަރު ޕެނަމާއާ ދެކޮޅަށް ކުޅުނު މެޗެކަށް ފަހު ޒުވާބުކޮށް ތަޅައިގަތުމަށް ފަހު އެވެ.