ވޯލްޑް ކަޕް 2018

ޖަރުމަން

Jun 12, 2018

ގޭމް ސިސްޓަމް: 4-2-3-1


ޖަރުމަނަކީ ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. މި ވަގުތު ދުނިޔޭގެ އެއް ވަނަ ޓީމަކީވެސް ޖަރުމަނެވެ. ވޯލްޑްކަޕު ޗެމްޕިއަން ހަތަރު ފަހަރަށް ހޯދި އެވެ. އޭގެ ތެރޭގައި ވެސްޓް ޖަރުމަންގެ ނަމުގައި ހޯދި ތިން ފަހަރުވެސް ހިމެނެ އެވެ. ރަޝިއާގެ ވޯލްޑްކަޕަށް ޖަރުމަން ދަނީ ޓޮޕް ފޭވަރިޓްގެ ގޮތުގަ އެވެ. ވޯލްޑްކަޕުގެ ކުރިން ރަޝިޔާގެ ފަސްގަނޑުގައި ޖަރުމަނުން ވަނީ ކޮންފެޑްރޭޝަން ކަޕް ކާމިޔާބު ކޮށްފަ އެވެ. އެއީ ވޯލްޑްކަޕަށް ޖަރުމަނަށް ލިބުނު ރަނަގަޅު ވޯމްއަޕެކެވެ. ގައުމީ ޓީމުގައި އެންމެ ރަނގަޅު ސިސްޓަމެއް އޮތް ގައުމަކީ ޖަރުމަނެވެ. އޭގެ ސަބަބުން ގައުމީ ޓީމަށް އެންމެ ބަރާބަރަށް ޓްރާންސިޝަނަލް ޕީރިއަޑް ގެންނަ ގައުމަކަށްވެސް ވަނީ ޖަރުމަނެވެ.

ކޮލިފައިވީ ގޮތް

ޔޫރަޕް ޒޯން ވޯލްޑްކަޕު ކޮލިފައިން ބުރުގައި އެންމެ ރަނގަޅު ރެކޯޑެއް ހޯދީ ޖަރުމަނުންނެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވި އެވެ. ކޮލިފައިންގައި ފައިދާ އެންމެ ގިނަ ގޯލް ލިބުނު ގައުމަކީ ވެސް ޖަރުމަނެވެ. އަދި ޔޫރަޕްގެ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި ދެ ޓީމުގެ ތެރެއިން އެއް ޓީމަކީވެސް ޖަރުމަނެވެ. ކޮލިފައިގައި އެ ޓީމުން 43 ގޯލް ޖެހި އެވެ. އެ ޓީމު ކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެވެ. ގުރޫޕްގެ ދެ ވަނަ ހޯދި އުތުރު އަޔަލޭންޑްގެ މައްޗަށް 11 ޕޮއިންޓްގެ ލީޑެއް ޖަރުމަނުން ހޯދި އެވެ.

މުހިންމު ކުޅުންތެރިން

ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ޓޯނީ ކްރޫޒް އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރެވެ. ފީފާގެ ދަ ބެސްޓް އެވޯޑްގައި ވޭތުވެދިޔަ ދެ އަހަރުވެސް އޭނާ ވަނީ މިޑްފީލްޑަރުގެ އެވޯޑް ހޯދާފަ އެވެ. ޖަރުމަނަށް 2014 ވަނަ އަހަރު ވޯލްޑްކަޕް ކާމިޔާބު ކޮށްދިނުމަށްފަހު އޭނާ ގުޅުނީ ރެއާލް މެޑްރިޑާ އެވެ. ރެއާލް އަށް ބަދަލުވެ މި ދިޔަ ތިން ސީޒަންގައި ޗެމްޕިއަންސް ލީގް ހޯދިއިރު އޭނާ ވަނީ އެ ޓީމުގެ މެދު ތެރޭގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ޖަރުމަން ޓީމުން ދެން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ޓީމުގެ ވައިސް ކެޕްޓަން ތޯމަސް މުލާ އެވެ. ބަޔާން މިޔުނިކުގެ ފޯވަޑަކީ މިޑްފީލްޑަށްވެސް ކުޅެވޭ ކުޅުންތެރިޔެކެވެ. ޖަރުމަންގެ މެދުތެރޭގައި އާސެނަލްގެ މެސްޓް އޮޒިލް އަކީވެސް ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގްގައި މެންޗެސްޓާ ސިޓީގެ ލިރޮއީ ސަނޭ އަކީ ވެސް ޓީމުގެ މުހިންމު ކުޅުންތެރިޔަކަށް ވާނެ އެވެ.

ކޯޗް

ޔޯކިމް ލޯ އަކީ ޖަރުމަންގެ ކުރީގެ ކޯޗް ޔާގަން ކްލިންސްމަންގެ އެސިސްޓެންޓް ކޯޗެވެ. އޭނާ ވަނީ ވޯލްޑްކަޕު 2006 ގައި ކްލިންސްމަންގެ ދަށުން މަސައްކަތް ކޮށްފަ އެވެ. ޖަރުމަންގެ ކޯޗް ކަމާ އޭނާ ހަވާލުވީ އެ ފަހަރު މުބާރާތަށް ފަހު ކްލިންސްމަން ވަޒީފާ ދޫކޮށްލުމުންނެވެ. އޭނާ ވަނީ ޖަރުމަނަށް އެންމެ ފަހުގެ ވޯލްޑްކަޕު ކާމިޔާބު ކޮށް ދީފަ އެވެ.

ފްރާންސްގައި 2016 ވަނަ އަހަރު ޔޫރޯގެ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވުމުން ގިނަ ބަޔަކު ހީކުރީ، ޖަރުމަންގެ ކޯޗު ކަމުގައި ލޯގެ ރަން ޒަމާން ނިމުމަކަށް އައީ ކަމަށެވެ. ނަމަވެސް ލޯ، އޭނާގެ ޓީމު އަލުން ރަނގަޅު މިސްރާބަކަށް އެޅުވި އެވެ. ކޮލިފައިންގައި އެ ޓީމު ހޯދި ރަނގަޅު ނަތީޖާ ތަކުގެ ސަބަބުން ލޯ އަށް އަނެއްކާވެސް ތައުރީފު ލިބުނެވެ. އަދި ރަޝިއާގައި ބޭއްވި ފީފާ ކޮންފެޑްރޭޝަން ކަޕުގައި، ޖަރުމަން ޓީމުގެ މުހިންމު ކުޅުންތެރިން ނުލައި، އެ މުބާރާތް ޖަރުމަނަށް ކާމިޔާބު ކޮށްދިނެވެ.