ވޯލްޑް ކަޕް 2018

މެކްސިކޯ

އެންމެ ފަހުން ބޭއްވި ވޯލްޑްކަޕުގެ ހަ މުބާރާތުގައިވެސް މެކްސިކޯ ވަނީ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. މިފަހަރުގެ މުބާރާތުގެ ޓާގެޓްގެ ގޮތުގައި އެ ޓީމު ކަނޑައެޅާފައި އޮތީ އެންމެ ކުޑަ މިނުން ކްއާޓާ ފައިނަލަށް ދިއުމެވެ. މީގެ ކުރިން މެކްސިކޯ ވަނީ އެ ޓާގެޓަށް ދެ ފަހަރު ވާސިލު ވެފަ އެވެ. އެއީ އަމިއްލަ ގައުމުގައި ބޭއްވި ދެ ފަހަރު ކަމަށްވާ 1970 އާއި 1986 ވަނަ އަހަރު އެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގައި މެކްސިކޯ ހިމެނުނީ މުބާރާތް ބޭއްވި ވަރުގަދަ ބްރެޒިލްއާ އެއް ގުރޫޕެއްގަ އެވެ. ގުރޫޕް ސްޓޭޖުގައި ބްރެޒިލްއާ އެއް އަދަދަކަށް ޕޮއިންޓް ހޯދި އެވެ.

ކޮލިފައިވީ ގޮތް

އުތުރު އެމެރިކާ ބައްރުގައި، މެކްސިކޯ އާ އެންމެ ވާދަވެރި ގައުމަކީ އެމެރިކާ އެވެ. އެމެރިކާ އަށް ވޯލްޑްކަޕުގެ ޖާގަ ގެއްލުނީ އެވެ. މެކްސިކޯ ވޯލްޑްކަޕަށް ކޮލިފައިވީ ސަރަހައްދުގެ އެއް ވަނަ ހޯދައިގެންނެވެ. ކޮލިފައިންގައި ބާކީ ތިން މެޗު އޮއްވައި މެކްސިކޯ ވޯލްޑްކަޕުގެ ޖާގަ ހޯދި އެވެ. ކޮލިފައިންގައި އެ ޓީމު ކުޅުނު 10 މެޗުގެ ތރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ އެންމެ ފަހު މެޗުގައި ހޮންޑޫރަސް އަތުންނެވެ. ހަ މެޗުން މޮޅުވިރު ތިން މެޗު އެއްވަރުވީ އެވެ. ދެ ވަނަ ހޯދި ކޮސްޓަރިކާއަށް އަށްވުރެ އިތުރަށް ފަސް ޕޮއިންޓް ހޯދި އެވެ.

މުހިންމު ކުޅުންތެރިން

އިއަރިވިންގް ލޮސާނޯ އޭނާގެ އެންމެ ފުރަތަމަ ކުލަބު މެކްސިކޯގެ ޕަޗޫކާ ދޫކޮށް ނެދަލޭންޑްސްގެ ޕީއެސްވީ އެންދޯވަން އަށް ބަދަލުވީ މި އަހަރު އެވެ. ވިންގަށް ކުޅެމުން މުހިންމު ބައެއް މެޗުތަކުގައި އޭނާ ވަނީ ޕީއެސްވީއަށް ލަނޑުތައް ކާމިޔާބު ކޮށްދީފަ އެވެ. ޕީއެސްވީއަށް އޭނާ ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާގެ ސަމާޅުކަން އޭނާ އަށް ހުއްޓެނެވެ. ގައުމީ ޓީމުގައިވެސް އޭނާ ވީ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށެވެ.

މެކްސިކޯގެ ޓީމުން ދެން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ވެސްޓަހަމްގެ ހާވިއާ ހެނާންޑޭޒް (ޗިޗަރީޓޯ) އެވެ. ޔޫރަޕްގެ އެންމެ މަތީ ކުލަބު ލެވަލްގައި ފަސް އަހަރު ވަންދެން ކުޅުމުގެ ތަޖުރިބާ އޭނާގެ ކިބައިގައި އެބަހުއްޓެވެ. މެންޗެސްޓާ ޔުނައިޓަޑާއި، ރެއާލް މެޑްރިޑް އަދި ޖަރުމަންގެ ބަޔާން މިޔުނިކަށް އޭނާ ވަނީ ކުޅެފަ އެވެ. އޭނާ އަކީ މެކްސިކޯގެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. ޑިފެންސުގައި ސްޕެއިންގެ ރެއާލް ސޮސިއެދާދަށް ކުޅެމުންދާ ހެކްޓާ މޮރޭނޯގެ ނަން ފާހަގަ ކުރަން ޖެހެއެވެ. މެކްސިކޯގެ ކެޕްޓަން އަންޑްރޭސް ގްއެޑާޑާވެސް ހުރީ ރަނގަޅު ފޯމެއްގަ އެވެ. ޕޯޗުގަލްގެ ޕޯޓޯގެ ހެކްޓާ ހެރޭރާ އަކީވެސް މެކްސިކޯގެ ޓީމުން ފާޙަގަ ކުރެވޭނެ ކުޅުންތެރިންނެވެ.

ކޯޗް

ކޮލަމްބިއާގެ ހުއާން ކާލޯސް އޮސޯރިއޯ މަޝްހޫރު ވެފައި ވަނީ އޭނާގެ ޕްލޭން ވަރަށް ތަފުސީލުތަކާއެކު ކިޔައިދޭ ކޯޗެއްގެ ގޮތުގަ އެވެ. ލިވަޕޫލްގެ ޖޯން މޫރޭސް ޔުނިވަސިޓީން ފުޓްބޯޅަ ސައިންސުން އޭނާ ވަނީ ޑިޕްލޮމާ ހަދާފަ އެވެ. މެންޗެސްޓާ ސިޓީގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި އޮސާރިއޯ އާ މެދު ގިނަ ބަޔަކު ޝައުގުވެރިވާ ކަމަކީ ހަލުވި އެޓޭކިން ގޭމެއް ކުޅުވާތީ އެވެ.

ނަމަވެސް އޭނާ އާ މެދު ގިނަ ބަޔަކު ޝައުގުވެރި ނުވާ އެހެން ސަބަބެއް އެބައޮތެވެ. އޭނާ އަކީ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރަން އުނދަގޫ މީހެކެވެ. އަވަހަށް ރުޅި އަންނަ މީހެކެވެ. އޭގެ ސަބަބުން އޭނާއަށް ކުރިމަތިވި ޝަސްޕެންޝަންތައްވެސް ގިނަ އެވެ. މެޗުގެ އޮފިޝަލުންނާ ދިމާލަށް އޭނާ ބުނެފައި ހުރި ބަސްތަކުން އޭނާ އަށް އަދަބު ލިބިފައި އެބަހުއްޓެވެ. މިދިޔަ އަހަރު ރަޝިޔާގައި ބޭއްވި، ކޮންފެޑްރޭޝަން ކަޕުގެ ތިން ވަނަ ހޮވި މެޗުގައި މެޗު އޮފިޝަލުންނަށް ބިރު ދެއްކުމުން، މިދިޔަ އަހަރު ބޭއްވި ގޯލްޑްކަޕުގެ ހަ މެޗަށް ފީފާއިން އޭނާ ސަސްޕެންޑް ކުރި އެވެ.