ވޯލްޑް ކަޕް 2018

ސްވިޑެން

Jun 12, 2018

ގޭމް ސިސްޓަމް: 4-4-2


މިފަހަރުގެ ވޯލްޑްކަޕުގެ ދޮރު މަޝްހޫރު އިޓަލީ އަށް ބަންދު ކުރީ ސްވިޑެންއިންނެވެ. ވޯލްޑްކަޕު ކާމިޔާބު ކުރުމާ ވަރަށް ގާތަށް ސްވިޑެން ދަތުރު ކުރި އެވެ. އަމިއްލަ ގައުމުގައި 1958 ގެ ވޯލްޑްކަޕުގެ ފައިނަލުގައި ސްވިޑެން ބަލިވީ ބްރެޒިލް އަތުން 5-2 ން ނެވެ. ރަޝިއާގެ ވޯލްޑްކަޕަކީ ސްވިޑެންގެ 18 ވަނަ ވޯލްޑްކަޕެވެ. މިއީ 2006 ވަނަ އަހަރަށް ފަހު އެ ޓީމު ވޯލްޑްކަޕުގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ.

ކޮލިފައިވީ ގޮތް

ސްވިޑެން ވޯލްޑްކަޕަށް ކޮލިފައިވީ، ޔޫރަޕްގެ ކޮލިފައިންގައި ގުރޫޕް "އޭ" ގައި ވަރުގަދަ ފްރާންސްގެ ފަހަތުން ދެވަނަ ހޯދައިގެންނެވެ. ޔޫރަޕްގެ ފުޓްބޯޅައިގައި މަޝްހޫރު ހޮލެންޑްވެސް އެ ގޫރޫޕްގައި ހިމެނުނެވެ. ގުރޫޕްގެ ފަހު މެޗުގައި ހޮލެންޑުން ސްވިޑެން ބަލިކޮށް ޕޮއިންޓްގެ ގޮތުން އަރާ ހަމަ ކުރި ނަމަވެސް، ސްވިޑެން އަތުގައި ފައިދާ ގޯލްގެ ބޮޑު ލީޑެއް އޮތެވެ. ހޮލެންޑަށްވުރެ އަށް ލަނޑުގެ ލީޑެއް ފައިދާގޯލްގެ ގޮތުގައި ސްވިޑެންއަށް އަށް ގޯލް އޮތެވެ. ގުރޫޕްގެ ދެ ވަނަ ހޯދައިގެން ސްވިޑެން އަށް ޖެހުނީ ޕްލޭއޮފްގައި ވަރުގަދަ އިޓަލީ އާ ދެކަޅަށެވެ. އަމިއްލަ ދަނޑުގައި ކުޔޅުނު ފުރަތަމަ ލެގް ގައި އިޓަލީ ކޮޅަށް ޖެހި ލަނޑާއެކު 1-0 ގެ އެގްރިގޭޓުން ސްވިޑެން ވޯލްޑްކަޕަށް ކޮލިފައިވިއެވެ.

މުހިންމު ކުޅުންތެރިން

ސްވިޑެންގެ އެންމެ މަޝްހޫރު ކުޅުންތެރިޔަކީ، މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ސްޓައިކަރު ޒަލްޓާން އިބްރަހިމޮވިޗެވެ. ނަމަވެސް އޭނާ ޒަމާން ގައުމީ ޓީމުގައި ވަނީ ނިމިފަ އެވެ. ޔޫރޯ 2016 އަށް ފަހު އޭނާ ވަނީ ގައުމީ ޓީމުން ރިޓަޔާ ކޮށްފަ އެވެ. އޭނާ ނެތްތަން ފޫބެއްދުމަކީ ސްވިޑެން އަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ނަމަވެސް އަރަބި އެމިރޭޓްސް އަލްއައިން އަށް ކުޅެމުންގެންދާ ސްޓައިކަރު މާކޯސް ބާގް ކޮލިފައިންގައި ދެއްކި މޮޅު ކުޅުމާއެކު ސްވިޑެންގެ ހަމަލާތަކުގައި މުހިންމު ކުޅުންތެރިޔަކަށް އޭނާ ވާނެ ކަމަށް ގަބޫލު ކުރެ ވެއެވެ.

ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ކުޅުނު 10 މެޗުގައި އޭނާ ވަނީ އަށް ލަނޑު ޖަހާފަ އެވެ. ޖަރުމަންގެ އާރްބީ ލައިޕްޒިގްއަށް ކުޅެމުންދާ އެމީލް ފޯސްބާގް އަކީވެސް ސްވިޑެން ޓީމުގައި ފާހަގަ ކުރެވޭ ކުޅުންތެރިޔެކެވެ. އޭނާ އަކީ އިބްރަހިމޮވިޗް ނެތް ތަނުގައި ސްވިޑެންގެ އެޓޭކަށް އާ ހިތްވަރެއް ގެނެސްދޭ ކުޅުންތެރިޔަކަށް އޭނާ ވާނެ އެވެ. ސްވިޑެންގެ މިހާރުގެ ކުޅުންތެރިންގެ ތެރެއިން ދިވެހިން އެންމެ ދަންނަ ކުޅުންތެރިޔަކަށް ވާނީ މެންޗެސްޓާ ޔުނައިޓަޑްގެ ޑިފެންޑަރު ވިކްޓާ ލިންޑްލޮފް އެވެ.

ކޯޗް

ޔޫރޯ 2016 އަށް ފަހު ޓީމާ ވަކިވެގެން ދިޔައީ ހަމައެކަނި، އިބްރޮހިމޮވިޗެއް ނޫނެވެ. އޭރު ކޯޗަކަށް ހުރި އެރިކް ހަމްރެންވެސް ކޯޗު ކަމުން އިސްތިއުފާ ދިނެވެ. ސްވިޑެންގެ ކޯޗުކަމަށް ގެނައީ އެގައުމުގެ ޔާނެ އެންޑަސަން އެވެ. ސްވިޑންގެ ކޯޗު ކަމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ އެގައުމުގެ އައިއެފްކޭ ނޯކޮޕިންއަށް ފަސް އަހަރު ވަންދެން ކޯޗު ކޮށްދީފަ އެވެ. ސްވިޑެންގެ ޓީމު އޭނާ ބިނާ ކުރީ އިބްރޮހިމޮވިޗް ނެތްތަން ފޫބެއްދުމަށްޓަކައި ޓީމުގެ މުހިންމު ޑިޕާޓްމެންޓްތައް އެކުގައި މަސައްކަތް ކުރާނެ ގޮތަށެވެ.

އޭނާގެ ކޯޗު ކަމުގެ ދަށުން ސްވިޑެން ޓީމު ފާހަގަ ކުރެވެނީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ޓީމެއްގެ ގޮތުގަ އެވެ. އަދި 4-4-2 ފޯމޭޝަންގައި ސްވިޑެންގެ ޓީމަށް ދިރުން ގެނެނެސްދިނެވެ. އޭނާ މަސައްކަތް ކުރި ގޮތުން ގިނަ ބަޔަކު ސިފަ ކުރީ ސްވިޑެންގެ ކުރީގެ ކޯޗް ލާސް ލާގާބެކް އާއެކު 2000 ހުގެ ކުރީ ކޮޅު ސްވިޑެންގެ ޓީމުން ފެނުނު ގެނައި ޓެކްޓިކްސްތަކާއި އެ ރޫހް އަލުން ގެނެސްދިން ކޯޗެއްގެ ގޮތުގަ އެވެ.