ހަބަރު

ސުޕްރީމް ކޯޓުން މައްސަލަ ނެގުމުން ވެރިކަން ބަދަލުވީ ގޯސްކޮށް ކަމަށް ބުނެ ކުރި ދައުވާ ބާތިލް

May 26, 2015
1

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމަށް މަޖުބޫރުކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ނެގުމާ ގުޅިގެން އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށްފި އެވެ.

ފެބްރުއަރީ، 2012 ގައި ނަޝީދު ރައީސްކަމުން އިސްތިއުފާ ދެއްވާފައިވަނީ ގާނޫނާއި ޚިލާފަށް މަޖުބޫރުކޮށްގެން ކަމަށް ކަނޑައަޅައިދޭން ދިޔާނާ 2013 ގައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ މައްސަލައާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނާޅައި، އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވަން އެ ކޯޓުން އަންގާފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އެންގުމުން ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެ މައްސަލައިގެ ދައުވާ ފޯމް ބާތިލްކޮށްފަ އެވެ.

މީގެކުރިން ވެސް ސިވިލް ކޯޓަށް ހުށަހެޅި ބައެއް މައްސަލަތަކުގެ ފައިލް ސުޕްރީމް ކޯޓަށް ވަނީ ނަގައިފަ އެވެ. އެގޮތުން ދެ ވަކީލަކު ސުޕްރީމް ކޯޓުން ސަސްޕެންޑްކުރި މައްސަލައިގައި އެ ދެ ވަކީލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާއި ސުޕްރީމް ކޯޓުން ފަނޑިޔާރުން މަދުކުރަން ގާނޫނަށް އިސްލާހު ގެނައުމުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒާއި ފަނޑިޔާރު އަހުމަދު މުއުތަސިމް ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ފައިލް ވެސް ސުޕްރީމް ކޯޓުން ވަނީ ނަގައިފަ އެވެ