ވޯލްޑް ކަޕް 2018

ދެކުނު ކޮރެއާ

ގޭމް ސިސްޓަމް: 4-4-2

ދެކުނު ކޮރެއާ އަކީ އޭޝިއާގެ ފުޓްބޯޅައިގެ ހިތެވެ. ވޯލްޑްކަޕުގައި އޭޝިއާގެ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ރިކޯޑެއް އޮތީ ދެކުނު ކޮރެއާ އަތުގަ އެވެ. ޖަޕާނާއެކު ހިއްސާވެގެން ދެ ގައުމު އެކުގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދެކުނު ކޮރެއާ ދަތުރު ކުރި އެވެ. މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ފަހުން ދެން ޖެހިގެން އައި ވޯލްޑްކަޕުގެ ހުރީހާ މުބާރާތަކަށް ކޮރެއާ ކޮލިފައި ވިއެވެ. މިއީ އެ ޓީމު ވޯލްޑްކަޕުގައި ވާދަ ކުރާ 10 ވަނަ ފަހަރެވެ.

ކޮލިފައިވީ ގޮތް

ކޮލިފައިންގައި ދެކުނު ކޮރެއާ މައްސަލަތަކެއް ކުރިމަތިވި އެވެ. އެޓޭކިން ޑިޕާޓްމެންޓާއި ޑިފެންސުގައިވެސް އެ ޓީމަށް މައްސަލަ ކުރިމަތި ވިއެވެ. އޭޝިއާ ޒޯންގެ ކޮލިފައިންގެ ތިން ވަނަ ބުރުގައި އެ ޓީމު ވަނީ ތިން މެޗުން ބަލި ވެފަ އެވެ. އޭގެ ތެރޭގައި ގުރޫޕްގެ އެންމެ ފުލަށް ދިޔަ ޗައިނާ އާއި ގަތަރުން އަތުން ބަލިވި ދެ މެޗުވެސް ހިމެނެ އެވެ. އެ ތީމު ކޮލިފައިވީ، ގުރޫޕްގެ އެންމެ ފަހު މެޗުގައި، އުޒްބެކިސްތާން އާ އެއް އެއްވަރު ކޮށްލެވުމުންނެވެ. އެމެޗުން އުޒްބެކިސްތާން މޮޅުވި ނަމަ ވޯލްޑްކަޕަށް ދާނީ އެ ޓީމެވެ. ގުރޫޕް "އޭ" ގެ ދެ ވަނައަށް ދިޔަ އިރާން އާއި ކޮރެއާ ދެމެދު ހަތް ޕޮއިންޓް ފަރަގެއް އޮތެވެ.

މުހިންމު ކުޅުންތެރިން

ސަން ހިއުންގް މިން، ދަނީ އޭނާގެ ޖާދޫ ޓޮޓެންހަމް ދައްކަމުންނެވެ. އޭޝިއާ އަށް ނިސްބަތްވާ ކުޅުންތެރިންގެ ތރެއިން އިނިގިރޭސި ޕްރިމިއާ ލީގްގައި އެންމެ ގިނަ ލަނޑު ޖަހި ކުޅުންތެރިޔަކީ އޭނާ އެވެ. ނަމަވެސް ގައުމީ ޓީމުގައި އޭނާ އަށް ގޯލް ޖެހުމުގެ ޖާދޫ އެންމެ ރަނގަޅަށް ދެއްކިފަ އެއް ނުވެ އެވެ. ކޮލިފައިންގެ ދެ ވަނަ ބުރުގައި އޭނާ އަށް ޖެހުނީ އެންމެ ލަނޑެކެވެ. ސްވަންސީ ސިޓީގެ ކީ ސުއިންގް ޔުއިންގް އަކީ ކޮރެއާ ޓީމުގެ އެއް ތަނަބެވެ. އޭނާ އަކީ ޓީމުގެ ކެޕްޓަނެވެ.

ދިގު ޕާސްތަކެއް ޖަހައިގެން ކުޅޭ ކުޅުންތެރިޔާގެ ބޭނުން ޓީމަށް އެންމެ ބޮޑަށް ހިފޭނީ ހިލޭ ޖެހުންތަކުގަ އެވެ. ކޮރެއާ ޓީމުން އެންމެ ފާހަގަ ކުރެވޭ ނަމަކަށް ވާނީ މިޑްލްސް ބަރާފގެ ކުރިގެ ސްޓައިކަރު ލީ ޑޮންގް ގޫކް އެވެ. ކޮލިފައިންގެ ފަހު މެޗުގައި އޭނާ ވަނި ކުޅެެން ނިކުމެފަ އެވެ. ވޯލްޑްކަޕު ކުޅޭއިރު އޭނާ ހުންނާނީ 39 އަހަރުވެފަ އެވެ. އޭނާގެ 19 އަހަރުވީ ދިގު ކެރިއާގައި އޭނާ ވަނީ ގައުމީ ޓީމަށް 105 މެޗު ކުޅެފަ އެވެ.

ކޯޗް

ޝިން ޓޭ ޔަންގް މަޝްހޫރު ވެފައި ވަނީ އޭޝިއާގެ މޮރީނިއޯގެ ނަމުންނެވެ. އޭނާ އަކީ ޓެކްޓިކަލް ބަދަލު ތަކުގެ މާ މޮޅު މާހިރެއް ނޫނެވެ. އޭނާގެ އެންމެ ބޮޑު އުކުޅަކީ ޓީމު ރަނގަޅަށް މޯޓިވޭޓް ކޮށްލުމުގެ ގާބިލުކަން ހުރުމެވެ. ސީނިއާ ގައުމީ ޓީމުގެ ކޯޗުކަން އޭނާ އާ ހަވާލ ކުރީ މިދިޔަ އަހަރު ޖުލައި މަހު އެވެ. އެއީ އެ ޓީމުގެ ކޯޗަކަށް ހުރި ޖަރުމަންގެ އުލިސް ޓީލައިކް ކޯޗު ކަމުން ވަކި ކުރުމަށް ފަހު އެވެ.

އޭރު ޝިން ހުރީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށެވެ. އޭގެ ކުރިން 20 އަހަރުން ދަށުގެ ގައުމީ ޓީީމަށްވެސް އޭނާ ކޯޗު ކޮށްދިނެވެ. ގައުމީ ޓީމާ އޭނާ ހަވާލު ވުމަށްފަހު ޓީމުން ދެއްކި ޕާފޯމަންސާމެދު ސަޕޯޓަރުން ހިތްހަމައެއް ނުޖެހުނެވެ. ނަމަވެސް އޭނާ ވަނީ އަމިއްލަ ދަނޑުގައި ކުޅެ އިރާން އާ އެއްވަރު ކޮށްފަ އެވެ. ކޯޗެއްގެ ގޮތުގައި އޭނާ ވަނީ އޮސްޓްރޭލިއާގެ "އޭ ލީގް" ގައިވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ކޮރެއާ ލީގްގައި 12 އަހަރު ވަންދެން ކުޅެފަ އެވެ.