ވޯލްޑް ކަޕް 2018

ބެލްޖިއަމް

Jun 12, 2018

ގޭމް ސިސްޓަމް: 3-4-2-1

ޔޫރަޕްގެ ފުޓްބޯޅައިގެ ބާރުގަދަ ކަމަށް ނަން ވެފައި އޮންނަނީ ފަސް ހަ ގައުމެއްގެ ވާހަކަ އެވެ. އެއީ ދުނިޔޭގެ އެންމެ ވުރުގަދަ ލީގް ސިސްޓަމްވެސް އޮންނަ ހަ ގައުމެވެ. ސްޕެއިން، ޖަރުމަން، އިޓާލީ، އިންގްލެންޑް، ފްރާންސް އަދި ޕޯޗުގަލް އެވެ. ނަމަވެސް މާ ވަރުގަދަ ލީގެއް ނެތް ނަމަވެސް ބެލްޖިއަމް އަކީ މިހާރު ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި މިން ކުރެވޭ ގައުމެކެވެ. އެންމެ ފަހުން އެ ގައުމު ވާދަ ކުރި އިންޓަނޭޝަނަލް ދެ މުބާރާތުގައިވެސް ކްއާޓާ ފައިނަލަށް ދަތުރު ކުރި އެވެ. އެއީ 2014 ގައި ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕާއި ފްރާންސްގައި ބޭއްވި ޔޫރޯ 2016 އެވެ. ފީފާގެ ރޭންކިންގައިވެސް ބެލްޖިއަމް އަކީ ދުނިޔޭގެ ތިން ވަނަ އެވެ.

ކޮލިފައިވީ ގޮތް

ވޯލްޑްކަޕް ކޮލިފައިންގައި، ބެލްޖިއަމްގެ މި ޖީލުން އެގައުމުގެ ފުޓްބޯޅައިގައި ހުރިހާ ރެކޯޑެއްވެސް މުގުރާލައިފި އެވެ. ޔޫރޯ ޒޯންގެ ކޮލިފައިންގެ ގުރޫޕް "އެޗް" ގައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިވެފަ އެއް ނުވެ އެވެ. ކުޅުނު 10 މެޗުން، ގުރޫޕްގެ އެއް ވަނައިގައި 28 ޕޮއިންޓް ހޯދި އެވެ. ޔޫރޯ ޒޯންގެ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި ޓީމުގެ ގޮތުގައި ބެލްޖިއަމް ވަނީ ހިމެނިފަ އެވެ. ކޮލިފައިންގައި އެ ޓީމުން 43 ގޯލް ޖެހި އެވެ. ދެން އެ އަދަދަށް ލަނޑު ޖެހި ޓީމަކީ ޖަރުމަނެވެ. ކޮލިފައިންގައި ރޮމެޔޫ ލުކާކޫ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފަ އެވެ.

މުހިންމު ކުޅުންތެރިން

އިނގިރޭސި ޕްރިމިއާ ލީގުން އެކަނިވެސް، ބެލްޖިއަމްއަށް އެ ޓީމުގެ އެންމެ ވަރުގަދަ ޓީމު ނެގެނެ އެވެ. ޓީމުގެ އެންމެ މޮޅު ކުޅުންތެރިންވެސް ކުޅެމުން ދަނީ އިނިގިރޭސި ލީގަށެވެ. އެ ހުރިހާ ކުޅުންތެރިންގެ ތެރެއިންވެސް އެންމެ މުހިންމު ކުޅުންތެރިޔަކީ ޗެލްސީގެ އެޑެން ހަޒާޑް އެވެ. އިދިކޮޅު ޓީމުގެ ޑިފެންސް ހާވާލާފައި ވަނުމުގައި އެ ވަރުގެ ދެ ވަނަ ކުޅުންތެރިޔަކު ޕްރިމިއާ ލީގުން ހޯދުމަކީ އުނދަގޫ ކަމަކެވެ. އޭނާގެ އަނެއް ކޮލިޓީއަކީ ހަލުވި ސްޕީޑެވެ. މަޝްހޫރު ރެއާލް މެޑްރިޑުން ދަނީ އޭނާ ގެންދިއުމަށް ފާރަ ލަމުންނެވެ. ބެލްޖިއަމް ޓީމުން ފާހަގަ ކުރެވޭނެ އަނެއް ކުޅުންތެރިޔަކީ މި ސީޒަންގައި މެންޗެސްޓާ ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކެވިން ޑި ބްރޭނޭ އެވެ.

މެން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ފާހަގަ ކުރާ ގޮތުގައި ޑިބްރޭނޭ އަކީ ވޯލްޑް ކްލާސް ކުޅުންތެރިޔެކެވެ. ހަޒާޑް އާއި ޑިބްރޭނޭގެ ކުރިމައްޗަށް މެންޗެސްޓާ ޔުނައިޓަޑްގެ ރޮމެޔޫ ލުކާކޫ ލުމުން ބެލްޖިއަމްގެ ފޯވަޑްލައިން ހިފަހައްޓާލަން އިދިކޮޅު ޓީމުތަކުގެ ޑިފެންސަށް އުނދަގޫ ވާނެ އެވެ. ބެލްޖިއަމްގެ ޑިފެންސަށްވެސް އިތުބާރު އެބައޮތެވެ. މެންޗެސްޓާ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމެޕެނީ އެވެ. ޓީމުގެ އެންމެ ފަހަތުގައި ގޯލްކީޕަރު ޗެލްސީގެ ތައިބަޓް ކޯޓްއާ އެވެ. މިކޫލުންތެރިންނާއެކު ބެލްޖިއަމްގެ މުޅި ޓީމު ހުރިހާ ޑިޕާޓްމެންޓެއްވެސް ފެންނަނީ ވަރަށް އެކިއުރޭޓް ކޮށެވެ.

ކޯޗް

ސްޕެއިންގެ ރޮބާޓޯ މާޓިނޭޒްއަކީ، އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާއެކެވެ. އިނގިރޭސި ޕްރިމިއާ ލީގްގައި އޭނާ ކޯޗު ކޮށްދިން ޓީމުތަކަށް ލީގްގައި އެދެވޭ ކާމިޔާބެއް ނުލިބުނެވެ. އިނގިރޭސި ފުޓްބޯޅައިން އޭނާ އަށް ހޯދުނު ކާމިޔާބަކީ، މެންޗެސްޓާ ސިޓީ ބަލިކޮށް ވިގަން އެތުލެޓިކަށް 2013 ވަނަ އަހަރު އެފްއޭކަޕްގެ ޗެމްޕިއަންކަން ހޯދައިދިނުމެވެ. ނަމަވެސް އޭގެ ތިން ދުވަސް ފަހު އެ ޓީމު ރެލީގޭޓުވުމުން ސަލާމަތް ކޮށް ނުދެވުނެވެ.

ބެލްޖިއަމްގެ ކޯޗު ކަން އޭނާ އާ ހަވާލު ކުރީ 2016 ވަނަ އަހަރު ޔޫރޯ އަށް ފަހު އެވެ. އެއީ އޭރު ކޯޗަކަށް ހުރި މާކް ވިލްމޮޓްސް މަގާމުން ވަކި ކުރުމަށްފަހު އެވެ. ކުލަބު ކެރިއާގައި ކޯޗެއްގެ ގޮތުގައި ވިދުން ގަދަ ނުވިޔަސް ގައުމީ ޓީމުގައި އޭނާ ވިދުން ގަދަ އެވެ. އޭނާގެ އެސިސްޓެންޓް ފްރާންސްގެ ކުރީގެ ތަރި ތިއޮރީ އޮންރީގެ އެހީތެރި ކަމާއެކު ކޮލިފައިގައި ބެލްޖިއަމްގެ ޓީމު ހޯދި ކާމިޔާބަށް މުޅި ދުނިޔޭގެ ތައުރީފު ލިބުނެވެ.