ވޯލްޑް ކަޕް 2018

ޕެނަމާ

Jun 12, 2018

ގޭމް ސިސްޓަމް: 4-4-2

ރަޝިއާގެ ވޯލްޑްކަޕަކީ، މެދުތެރެ އެމެރިކާއަށް ނިސްބަތްވާ ކުޑަ ގައުމު ޕެނަމާގެ ފުރަތަމަ ވޯލްޑްކަޕަވެ. މީގެ ކުރިން ފުޓްބޯޅައިގައި ޕެނަމާއަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ، އުތުރު އެމެރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތް ކޮންކާކަފްގެ ފައިނަލަށް ދަތުރު ކުރުމެވެ. ޕެނަމާގެ އާބާދީ އަކީ ހަތަރު މިލިއަން މީހުންނެވެ. ނަމަވެސް ބޮޑު އާބާދީއެއް ހިމެނޭ ސަރަހައްދުގެ ވަރުގަދަ ބާރު އެމެރިކާ ފަހަތައް ޖައްސާލެވުމުން ޕެނަމާގައި އުފާ ފާޅުކުރުން ވަރަށް ބޮޑަށް ކުރިއަށް ގެންދިޔަ އެވެ. އެ ގައުމު ވޯލްޑްކަޕަށް ކޮލިފައިވުމުން، އުފާ ފާޅު ކުރުމަށް ޖެހިގެން އައި ދުވަސް ޕަބްލިކު ބަންދު ދުވަހެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ހަމަޖެއްސި އެވެ.

ކޮލިފައިވީ ގޮތް:

ޕެނަމާ ވޯލްޑްކަޕަށް ކޮލިފައިވީ، ސަރަހައްދުގެ ތިން ވަނަ ޓީމުގެ ގޮތުގަ އެވެ. އެ ޓީމު ކޮލިފައި ވުމުގައި ޓްރިނިޑާޑް އެންޑް ޓޮބޯގޯ ހިއްސާ އޮތެވެ. ގުރޫޕު ފަހު މެޗުތަކުގައި ޕެނަމާއިން ކޮސްޓަރިކާއާ ދެކޮޅަށް ކާމިޔާބު ހޯދައި 12 ޕޮއިންޓް ހަމަ ކުރި އެވެ. ވޯލްޑްކަޕްގެ ޖާގަ މާ ކުރިންވެސް ގެއްލިފައިވާ ޓްރިނިޑާޑް އެންޑް ޓޮބޯގޯއިން އެމެރިކާ އާ ދެކޮޅަށް ކުޅުނީ ވަރުގަދަ މެޗެކެވެ. އެމެރިކާ ކޮލިފައިވާކަށް ޓްރިނިޑާޑުން ނޭދުނެވެ. އެ މެޗުން އެމެރިކާ ބަލިވުމުން ވޯލްޑްކަޕުގެ ޖާގަ ލިބުނީ ޕެނަމާ އަށެވެ.

މުހިންމު ކުޅުންތެރިން

ޕެނަމާ ޓީމުގައި އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ ޕެރޫގެ ލީގްގެ ސްޕޯޓްސް ބޯއީސް އަށް ކުޅެމުން ގެންދާ، ލުއިސް ޓެހަޑާ އެވެ. އުމުރުން 36 އަހަރުގެ ސްޓައިކަރު ވަނީ ގައުމީ ޓީމަށް 43 ގޯލް ކާމިޔާބު ކޮށްފަ އެވެ. ޕެނަމާގެ ޓީމުން ދެން އެންމެ ފާހަގަ ކުރެވޭނެ ކުޅުންތެރިޔަކީ، އެމެރިކާގެ މޭޖާ ލީގްގެ ސިއާޓަލް ސައުންޑާސް އެފްސީއަށް ކުޅެމުން ގެންދާ، ރޯމަން ޓޯރޭޒް އެވެ. ޓީމުގެ މައި ޑިފެންޑަރަކަށް ކުޅޭ ރޯމަން،31 ގެ އެންމެ މުހިންމު ކޮލިޓީއަކީ ވަރުގަދައަށް ވިއްދައިގެން ޑިފެންސް ކުރުމެވެ.

އަދި ޓީމުގެ ފަހަތުގައި ހުރެގެން އޭނާ ދައްކާ ލީޑާޝިޕް ކޮލިޓީއަކީ މިފަހަރު ވޯލްޑްކަޕުގައި ޕެނަމާގެ މުޅި ޓީމަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ. މިހާރުވެސް އޭނާގެ ނަން ވަނީ ޕެނަމާގެ ތާރީހްގައި ލިޔެވިފަ އެވެ. ކޮލިފައިންގައި ކޮސްޓަރިކާ ކޮޅަށް ޓީމު މޮޅު ކޮށްދިން ލަނޑު ޖަހައިދިނީ އޭނާ އެވެ. އެ ލަނޑަކީ ޕެނަމާ އަށް ވޯލްޑްކަޕްގެ ޖާގަ ކަށަވަރުވި ލަނޑެވެ.

ކޯޗް

ޓީމުތައް ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމުގެ ކޮލަމްބިއާގެ ހަނާން ޑަރިއޯ ގޯމޭޒް އަކީ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ތިން ގައުމެއް ވޯލްޑްކަޕަށް ކޮލިފައި ކޮށްދީފަ އެވެ. އޭނާގެ އަމިއްލަ ގައުމު ކޮލަމްބިއާ 1998 ގެ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނެވެ. އެކްއެޑޯގެ ތާރީހްގައި ފުރަތަމަ ފަހަރަށް އެ ގައުމަށްވސް ވޯލްޑްކަޕުގެ ޖާގަ ހޯދައިން ކޯޗަކީ ޑަރިއޯ ގޯމޭޒް އެވެ. މިފަހަރު ޕެނަމާ އެވެ.

ޕެނަމާގެ ޓީމާ އޭނާ ހަވާލުވީ، 2014 ވަނަ އަހަރު އެވެ. މީޑިއާއިން ސިފަ ކުރާ ގޮތުގައި އޭނާ ހަވާލުވެ ޕެނަމާ ޓީމު ތަސައްރަފު ފުދިފައިވާ ޓީމަކަށް ހެދި އެވެ. އޭނާގެ ޓީމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީވެސް ދުވަސްވީ ސީނިއާ ކުޅުންތެރިންނެވެ. އެ ކުޅުންތެރިން ބޭޏުން ކޮށްގެން ވަރުގަދަ ޑިފެންސަކާއި މިޑްފީލްޑް ލައިނެއް އޭޏާ ހެދި އެވެ. އެބަދަލުގެ ސަބަބުން ޕެނަމާ ފެނުނީ ވަރަށް ބޮޑަށް ވިއްދައިގެން ކުޅޭ ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ.