ވޯލްޑް ކަޕް 2018

އިންގްލެންޑް

Jun 12, 2018

ގޭމް ސިސްޓަމް: 3-4-2-1

ފުޓްބޯޅައިގެ އާންމު ގަވައިދުތަކާއެކު ފުޓްބޯޅަ ތަރާފު ކުރި ބަޔަކީ އިނގިރޭސިންނެވެ. ދުނިޔޭގެ އެންމެ ވާދަވެރިކަން ބޮޑު ޑޮމެސްޓިކް ލީގް ވެސް އޮތީ އިންގްލެންޑުގަ އެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގައި މާ ގަދަ ބާރެއްގެ ގޮތުގައި އިނގިރޭސިންގެ ނަން ކިޔައެއް ނޫޅެ އެވެ. އަމިއްލަ ގައުމުގައި 1966 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ކާމިޔާބު ކުރި އެވެ. އޭގެ ފަހުން ސެމީ ފައިނަލަށް ދެވުނީވެސް އެންމެ ފަހަރަކު އެވެ. އިޓަލީގައި 1990 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ހަތަރު ވަނަ ލިބުނީ އިންގްލެންޑަށެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖުން ކަޓައިގެން ދިޔައީ އެވެ. އެއީ 1958 ވަނަ އަހަރުގެ ގެ ފަހުން ވޯލްޑްކަޕްގެ ގުރޫޕް ސްޓޭޖުން އެ ޓީމު ކެޓި ފުރަތަމަ ފަހަރެވެ. ރަޝިއާގެ ވޯލްޑްކަޕަށް އިނގިރޭސިން ދަނީ ބޮޑެތި ޝަކުވާތަކެއް އުފުލަމުންނެވެ. ވޯލްޑްކަޕްގެ ބިޑު ރަޝިއާއަށް ދިނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ ރަޝިއާ އާއި ފީފާއާ ދިމާލަށް ތުހުމަތުގެ އިނގިލި ދިއްކުރަނީ އިނގިރޭސިންނެވެ.

ކޮލިފައިވީ ގޮތް

އިނގިރޭސި ގައުމީ ޓީމުގައި ދަމަހައްޓަމުން އަންނަ އެންމެ ހިތްގައިމު ރެކޯޑަކީ، އޮކްޓޯބަރު 2009 ން ފެށިގެން ބޮޑު މުބާރާތެއްގެ ކޮލިފައިންގެ އެއް ވެސް މެޗަކުން އިނގިރޭސިން ބަލިވެފައި ނުވުމެވެ. ތަފާތު ތިން ކޯޗުންނާއެކުވެސް އިނގިރޭސި ގައުމީ ޓީމު ދަނީ އެކަން ދަމަހައްޓަމުންނެވެ. ކޮލިފައިންގައި ބަލި ނުވެ 39 މެޗު ފުރިހަމަ ކޮށްފި އެވެ. މިފަހަރުގެ ވޯލްޑްކަޕަށް އިންގްލެންޑް ކޮލިފައިވީ ގުރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. ދެ ވަނަ ހޯދި ސްލޮވާކިއާއަށް ވުރެ އިތުރަށް އަށް ޕޮއިންޓް ހޯދި އެވެ. ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މޮޅުވި އެވެ.

މުހިންމު ކުޅުންތެރިން

ލަނޑު ޖެހުމުގައި އިނގިރޭސި ގައުމީ ޓީމުގެ ހެރީ ކޭން އަކީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ސްޓައިކަރެވެ. ލަނޑު ލިސްޓްގައި މިދިޔަ އަހަރު އޭނާ ނިންމާލީ ލިއޮނަލް މެސީއަށް ވުރެ ކުރީގައި އޮވެގެންނެވެ. މިދިޔަ އަހަރު ލަނޑު ލިސްޓްގެ ކުރިއަށް އެރުމުން، އޭނާ ވަނީ ހަތް އަހަރު ވަންދެން ރޮނާލްޑޯ އާއި މެސީ ދަމަހައްޓަމުން އައި ރޭސް ނިމުމަކަށް ގެނައި ކުޅުންތެރިޔަކީ ކޭން އެވެ. ގައުމީ ޓީމަށާއި ކުލަބަށް، މިދިޔަ އަހަރު ކޭން ވަނީ 56 ގޯލް ޖަހާފަ އެވެ.

މެސީ އަށް ޖެހުނީ 54 ގޯލެވެ. އިނގިރޭސި ޓީމުން ދެން އެންމެ ފާހަގަ ކުރެވޭ ކުޅުންތެރިޔަކީ، މެންޗެސްޓާ ޔުނައިޓަޑްގެ މާކޯސް ރަޝްފާޑް އެވެ. އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ކުޅުންތެރިން ނެރެދޭ ކުލަބަކީ ޓޮޓެންހަމް ހޮސްޕާސް އެވެ. ކުލަބުގެ ކޭންގެ ކޮމްބިނޭޝަން ޕާޓްނަރ ޑެލީ އަލީ އަކީވެސް އިންގްލެންޑްގެ ހަމަލަތަކުގައި ހިއްސާވާނެ މުހިންމު ކުޅުންތެރިޔެކެވެ.

ކޯޗް

ގެރެތު ސައުތު ގޭޓް، އިންގްލެންޑްގެ ސީނިއާ ޓީމުގެ ކޯޗު ކަމަށް ޕްރަމޯޓް ކުރީ ސެޕްޓެމްބަރު 2016 ގަ އެވެ. އޭގެ ކުރިން އޭނާ ހުރީ 12 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށެވެ. ސީނިއާ ޓީމުގެ ކޯޗު ކަމާ ހަވާލުވިއރު ޓޮޕް ލެވަލް ކޯޗިންގައި އޭނާގެ ތަޖުރިބާ ވަރަށް ކުޑަ އެވެ. ނަމަވެސް އޭނާ ގެނައި ބަދަލުތަކުން ފަހެއް ނުޖެހުނެވެ. ކޮލިފައިންގައި ބަލި ނުވުމުގެ ރެކޯޑު ދެމެހެއްޓި އެވެ.

އޭނާ ނެގި ފިޔަވަޅުތަކުން ގިނަ ބަޔަކު އެންމެ ހައިރާންކަން ލިބުނީ، ޓީމުގެ ކެޕްޓަން ވޭން ރޫނީ ޓީމުން ބާކި ކުރުމުންނެވެ. ދުވަސްވީ ކުޅުންތެރިން މަދުކޮށް އޭނާގެ ޓީމުން ފުރުސަތު ދިނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށެވެ. ޒުވާން ކުޅުންތެރިންނާއެކު އިންގްލެންޑްގެ ފޯމޭޝަން އޭނާ ފައްތާލީ 3-4-2-1 ފޯމޭޝަނަށެވެ. އޭގެ ކުރިން ޓީމުގެ ފޯމޭޝަން ބައްޓަން ކޮށްފައި ވަނީ 4-3-3 އަށެވެ. ސައުތު ގޭޓްގެ ކޯޗު ކަމުގައި އިންގްލެންޑް ބަލިވެފައި ވަނީ އެންމެ ދެ މެޗުންނެވެ. އެއީ ޖަރުމަނާއި ފްރާންސް އަތުންނެވެ.