ވޯލްޑް ކަޕް 2018

ޕޮލެންޑް

Jun 12, 2018

ގޭމް ސިސްޓަމް: 4-2-3-1

ދުނިޔޭގެ ރޭންކިންގައި، ޕޮލެންޑް ދަނީ ހަ ވަނައިގައި ހިފަހައްޓަމުންނެވެ. އެ ޓީމު އުޅެނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި، ސްޕެއިން އާއި ފްރާންސަށްވުރެވެސް ކުރީގަ އެވެ. ޕޮލެންޑުން ވަނީ ވޯލްޑްކަޕްގެ ތިން ވަނަ ދެ ފަހަރަށް ހޯދާފަ އެވެ. އެއީ 1974 އަދި 1982 ގަ އެވެ. ނަމަވެސް މިއީ ޖަރުމަންގައި 200 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ފަހުން، މުބާރާތުގައި ވާދަ ކުރާ ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ޕޮލެންޑްގެ ފުޓްބޯޅައިގެ ހަޔާތުގައި އައި އެންމެ ރަނގަޅު ގައުމީ ސްކޮޑެއް އޮތީ މިހާރު އެވެ.

ކޮލިފައިވީ ގޮތް

ޕޮލެންޑް ވޯލްޑްކަޕަށް ކޮލިފައިވީ ޔޫރޯ ޒޯންގެ ގުރޫޕް "އީ" ގެ އެއް ވަނަ ހޯދައިގެންނެވެ. ގުރޫޕްގެ ދެ ވަނަ ހޯދި ޑެންމާކަށް ވުރެ އިތުރަށް ފަސް ޕޮއިންޓް ހޯދި އެވެ. ކުޅުނު 10 މެޗުގެ ތރެއިން އަނެއް މެޗުން މޮޅުވި އެވެ. ބަލިވީ އެންމެ މެޗަކުންނެވެ. އެ ޓީމު ބަލިވީ ޑެންމާކު އަތުން 4-0 ންނެވެ. ތަފާތު ބޮޑުކޮށް ބަލިވުމުން، ޕޮލެންޑްގެ ކޯޗު އެޑަމް ނަވާކާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި އެވެ.

މުހިންމު ކުޅުންތެރިން

ޓީމުގެ ކެޕްޓަން ބަޔާން މިޔުނިކުގެ ރޮބަޓް ލެވަނޑޮސްކީ ވަނީ ކޮލިފައިންގައި ކުޅުނު ނުވަ މެޗުގައި 16 ލަނޑު ޖަހާފަ އެވެ. އޭނާ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް ކުޅުނު 91 މެޗުގައި އޭނާ ވަނީ 51 ގޯލް ޖާހާފަ އެވެ.

ޕޮލެންޑް ޓީމު ބަރޯސާ ވަނީ ހަމައެކަނި ލެވަންޑޮސްކީ އަކަށް ނޫނެވެ. ކޮލިފައިންގައި ނަޕޯލީގެ މިޑްފީލްޑާ ޕިއޮޓަރ ޒިލީންސްކީ ދައުރުވެސް ބޮޑެވެ. އޭނާ އަކީވެސް ޕޮލެންޑް ޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ. ހަލް ސިޓީގެ ވުންގާ ކަމިލް ގްރޮސިކީ އަކީވެސް އޭނާގެ ނުފޫޒު ޓީމުގަ ގަދަ ކުޅުންތެރިޔެކެވެ. ގައުމީ ޓީމަށް 40 ވުރެ ގިނަ މެޗު އޭނާ ވަނީ ކުޅެފަ އެވެ.

ކޯޗް

އެޑަމް ނަވާކާ ޕޮލެންޑްގެ ޓީމާ ހަވާލުވީ ނޮވެމްބަރު 2013 ގަ އެވެ. ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕަށް ކޮލިފައި ނުވުމުން އޮތް ނުތަނަވަސް ކަމާއެކު ޓީމާ ހަވާލުވެ ޓީމަށް ބަދަލުތަކެއް ގެނެ އެވެ. ކައުންޓަ އެޓޭކްގެ މައްޗަށް ބިނާވެފައިވާ ޓީމު އޭނާ ބަދަލު ކޮށްލީ ޕޮޒެޝަން ހިފަހައްޓައިގެން ކުޅުވާ ޕާސިން ގޭމަކަށެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ޔޫރޯ 2016 ގެ ކްއާޓާ ފައިނަލަށް ޕޮލެންޑް ގެންގޮސް ދިނެވެ.

އޭނާއާ އެކު ހެދި ފުރަތަމަ ކޮންޓްރެކްޓް މިދިޔަ ޑިސެމްބަރު މަހު ހަމަ ވާގޮތަށް އޮތް ނަމަވެސް، ޔޫރޯގެ ކްއާޓާ ފައިނަލަށް ގެންގޮސްދީ ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމުން އޭނާ އާއެކު ކުރިއަށް ދާން ޕޮލެންޑުން ނިންމި އެވެ. ނަމަވެސް ކޮލިފައިންގައި އެ ޓީމު ކޮޅަށް ގިނަ ލަނޑުތަކެއް ވަނުމުން އޭނާއަށް ފާޑު ކިޔުން އަމާޒުވި އެވެ. ގައުމީ ޓީމާއެކު އޭނާ ދެ ވަނަ މުބާރާތަށް ދާނީ އެކަމަށް ހައްލުތަކެއް ހޯދައިގެންނެވެ.