ވޯލްޑް ކަޕް 2018

ސެނަގާލް

Jun 12, 2018

ގޭމް ސިސްޓަމް: 4-3-3

މިފަހަރުގެ ވޯލްޑްކަޕަކީ، ސެނެގާލްގެ ދެ ވަނަ ވޯލްޑްކަޕެވެ. އެ ޓީމުގެ ފުރަތަމަ ވޯލްޑްކަޕަކީ ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ގެ ބޭއްވި ވޯލްޑަކަޕެވެ. އޭގެ ކުރިގެ ޗެމްޕިއަން، މަޝްހޫރު ޒައިނުއްދީން ޒިދާން ހިމެނުނު ފްރާންސްގެ ޓީމު ވޯލްޑްކަޕު ގުރޫޕް ސްޓޭޖުން ކަޓުވާލައި ސެނެގާލުން އެފަހަރު މުބާރާތުގައި ދުނިޔޭގެ ސަމާލުކަން ހޯދި އެވެ. އެ މުބާރާތުގެ ކްއާޓާ ފައިނަލާ ހަމަޔަށް ސެނެގާލް ދަތުރު ކުރި އެވެ.

ކޮލިފައިވީ ގޮތް

އެފްރީކާ ޒޯން ކޮލިފައިންގައި، ސެނެގާލް ހިމެނުނީ، ބުރުކީނާ ފާސޯ އާއި ކޭޕް ވާޑޭ އައިލެންޑާއި ދެކުނު އެފްރީކާ ހިމެނޭ ވަރުގަދަ ގުރޫޕް "ޑީ" ގަ އެވެ. ނަމަވެސް ގުރޫޕްގެ އެއްވެސް މެޗަކުން ބަލި ނުވެ އެ ޓީމުން ނިންމާލި އެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވި އެވެ. ދެ ވަނަ ހޯދި ބުރުކީނާ ފާސޯއަށް ވުރެ ފަސް ޕޮއިންޓް އިތުރަށް ހޯދި އެވެ.

މުހިންމު ކުޅުންތެރިން

ލިވަޕޫލްގެ ސެޑިއޯ މާނޭ އަކީ ހުޅަނގު އެފްރިކާއަށް ނިސްބަތްވާ ޓީމުގެ ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ސީނިއާ ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 48 މެޗަށް ވުރެ ގިނައިން ކުޅެފަ އެވެ. ގައުމީ ޓީމަށް 14 ގޯލް ޖެހި އެވެ. މާނޭ އަކީ ޕްރިމިއާ ލީގްގެ ތާރީހްގައި އެންމެ އަވަސް ހެޓްރިކު ހެދި ކުޅުންތެރިޔާ އެވެ. ސައުތު ހެމްޓަން އަށް އޭނާ ކުޅުނުއިރު، 2015 ވަނަ އަހަރު އެސްޓަން ވިލާ އާ ދެކޮޅަށް 6-1 ސައުތު ހެމްޓަން މޮޅުވި މެޗުގައި އޭނާ ވަނީ 176 ސިކުތު ތެރޭގައި ތިން ލަނޑު ޖަހައި ހެޓްރިކު ހަދާފަ އެވެ.

ސައުތު ހެމްޓަން ދޫކޮށް އޭނާ ބަދަލުވީ 2016 ވަނަ އަހަރު އެވެ. އޭނާގެ ޓްރާންސްފާއަށް ހުށަހެޅި 34 މިލިއަން ޕައުންޑަކީ، އެހާތަނަށް އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިޔަކު ހެދި އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. ސެނާގާލްގެ ހަމަލާތަކުގައި މާނޭ އާއެކު ދެން އެންމެ މުހިންމު ހިއްސާއެއްވާ އަނެއް ދެ ކުޅުންތެރިންނަކީ ކުޅުންތެރިޔަކީ މޮނަކޯގެ ފޯވަޑް ކެއިޓާ ބަލްޑޭ ޑިއާއޯ އާއި އިޓަލީގެ ޓޮރިނޯގެ އެމްބޭ ނިއަންގް އެވެ. ފްރާންސަށް އުފަން ނިއަންގް ވަނީ ފްރާންސްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށްވެސް ކުޅެފަ އެވެ.

ކޯޗް

ސެނަގާލްގެ ފުރަތަމަ ވޯލްޑްކަޕުގައި، ވަރުގަދަ ފްރާންސް ކަޓުވާލައި ދެ ވަނަ ބުރަށް ދަތުރުކޮށް، ދެ ވަނަ ބުރުން ކްއްޓާފައިނަލަށް އެ ޓީމު ގެންގޮސްދިނުމުގައި އެންމެ މުހިންމު ހިއްސާއެއްވި ކުޅުންތެރިޔަކީ، ގައުމީ ޓީމުގެ އޭރުގެ ކެޕްޓަން އަލިއު ސީސް އެވެ. ގައުމީ ޓީމުގެ މިހާރުގެ ހެޑްކޯޗެވެ. އޭނާ އާއެކު ސެނެގާލް އެ ހަނދާންތައް އާ ކުރާނެ އެވެ. އެއީ ސެނަގާލްގެ ހަޔާތުގައި ފުޓްބޯޅައިގެ ރަން ޖީލެވެ. ގައުމީ ޓީމުގޮވައިގެން އަލިއު ސީސް ނިކުންނަނީ،

އޭރުގެ ކޯޗު ބުރުނޯ މެޓްސޫއާއެކު ހޯދި ކާމިޔާބުން ކަންކަން ދަސްކޮށްގެންނެވެ. އަލިއު ސީސް ގައުމީ ކޯޗުކަމާ ހަވާލުވީ ސެނެގާލްގެ ކޯޗުކަމުގައި ހުރި އެ ގައުމުގެ އަމާރާ ޓްރައޯރޭ 2012 ވަނަ އަހަރު ކޯޗު ކަމުން ވަކިކުރުމުން ވަގުތީ ވަޒީފާއެއްގެ ގޮތުގަ އެވެ. އޭރު އޭނާ މަސައްކަތް ކުރަނީ ސެނެގާލްގެ 23 އަހަރުން ދަށުގެ ޓީމުގަ އެވެ. ގައުމީ ޓީމުގެ ހެޑްކޯޗުކަން ރަސްމީކޮށް އޭނާ އާ ހަވާލު ކުރީ 2015 ވަނަ އަހަރު އެވެ. އޭނާ ޓީމާ ހަވާލުވެ ޓީމުގެ ކުޅުމުގެ ސްޓައިލް 4-3-3 އަށް ބަދަލު ކުރި އެވެ. އެ ސިސްޓަމުގައި ސެޑިއޯ މާނޭ އާއި ކެއިޓާ ބަލްޑޭ ޑިއާއޯ އަދި އެމްބޭ ނިއަންގް ދައުރު ފުޅާ ކުރި އެވެ.