ވޯލްޑް ކަޕް 2018

ޖަޕާން

Jun 12, 2018

ގޭމް ސިސްޓަމް: 4-3-3

ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަކީ ޖަޕާނުގެ ފުރަތަމަ ވޯލްޑްކަޕެވެ. އޭގެ ފަހުން ގަވައިދުން ވޯލްޑްކަޕުގެ ޖާގަ ހޯދަ އެވެ. ދެ ފަހަރެއްގެ މަތިން ދެ ވަނަ ބުރަށްވެސް ދަތުރު ކުރި އެވެ. އޭގެ ތެރޭގައި ދެކުނު ކޮރެއާ އާއި ގުޅިގެން ދެ ގައުމުގައި ބޭއްވި ފަހަރުވެސް ހިމެނެ އެވެ. ޖަޕާނަކީ އޭޝިއާގެ ފުޓްބޯޅައިގައި ބޮޑު ބާރެކެވެ. އޭޝިއަން ކަޕުގައި އެންމެ ކާމިޔާބު ޓީމަކީވެސް ޖަޕާނެވެ. އެ ގައުމުން ވަނީ އެ މުބާރާތް ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. ޖަޕާނުގެ ފުޓްބޯޅައިގެ މައިގަނޑު ސްޓައިލަކީ ޕޮޒެޝަން ގޭމެވެ. ނަމަވެސް އެ ޓީމުގެ ކުރީގެ ކޯޗު ބޮސްނިއާގެ ވާހިދު ހަލިލޮހޮޒްވިޗް ޓީމާ ހަވާލުވެ އޭނާ އިސްކަން ދިނީ ކައުންޓާ އެޓޭކް ފުޓްބޯޅައަށެވެ.

ކޮލިފައިވީ ގޮތް

އޭޝިއޯ ޒޯން ކޮލިފައިންގެ ތިން ވަނަ ބުރުގެ ފެށުން ޖަޕާނަށް ދިޔައީ އުނދަގޫ ކޮށެވެ. ތިން ވަނަ ބުރުގެ ފުރަތަމަ މެޗުގައި އަރިބި އެމިރޭޓްސް އަތުން 2-1 ބަލިވީ އެވެ. ތިން ވަނަ ބުރުގައި ކުޅުނު 10 މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އެވެ. ދެ މެޗުން އެއްވަރުވެ ދެ މެޗުން ބަލިވީ އެވެ. އެ ޓީމު ދެ ވަނަ އަށް ބަލިވި މެޗަކީ ގުރޫޕް ފަހު މެޗުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗެވެ. ޖަޕާން ގުރޫޕްގެ އެއް ވަނަ ހޯދީ ސައުދީ އަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ.

މުހިންމު ކުޅުންތެރިން

ބުރޫޝިއާ ޑޯޓަމުންޑްގެ މިޑްފީލްޑާ ޝިންޖީ ކަގާވާއަކީ ޓީމުގެ ޖަޕާނު ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް 90 މެޗާ ގާތްކުރާ އަދަކަށް ކުޅެފަ އެވެ. މިޑްފީލްޑްގައި ޓީމުގެ ހަމަލާތަކަށް އެހީތެރިވެދޭނެ އަނެއް ކުޅުންތެރިޔަކީ ކިއިސޫކީ ހޮންޑާ އެވެ. ވާހިދު ހަލިލޮހޮޒްވިޗް ޓީމު ކައުންޓައެޓޭކަށް ފައްތާލުމުން ފުރަތަމަ ކޮޅުގައި އޭނާގެ ސްކޮޑުން ކަގާވާ އާއި ހޮންޑާއަށް ފުރުސަތެއް ނުލިބުނެވެ.

އެ ދެކުޅުންތެރިންނާއެކު ޔޫރަޕްގެ ފުޓްބޯޅައިގެ ތަޖުރިބާ ޖަޕާން ޓީމުގައި ބޮޑުވާނެ އެވެ. ލެސްޓާ ސިޓީގެ ފޯވަޑް ޝިންޖީ އޮކާޒާކީއަކީ ޓީމުގެ ހަމަލާތަކުގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ޓީމުގެ ޑިފެންޑަރު ޔޫޓޯ ނަގަމޯޓާ އަކީވެސް ޓީމުގައި ތޖުރިބާ ކާރު ކުޅުންތެރިޔެކެވެ. އިންޓަމިލާންގެ ލޯން އެއްބަސްވުމުގެ ދަށުން މިހާރު އޭނާ ކުޅެމުންދަނީ ތުރުކީގެ ގަލަތަސަރާއީއަށެވެ.

ކޯޗް

ޖަޕާން ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނީ، 2014 ވަނަ އަހަރު އަލްޖީރިއާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދީ، އެ ޓީމު ދެ ވަނަ ބުރަށް ގެންގޮސްދިން ބޮސްނިއާގެ ވާހިދު ހަލިލޮހޮޒްވިޗް އެވެ. އޭނާ ޓީމާ ހަވާލުވެ ގެނައި ބަދަލުތަކުން ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވި އެވެ. ވޯލްޑްކަޕު ފެށެން ދެ މަހަށްވީރު އޭނާ ކޯޗުން ކަމުން ވަކި ކުރި އެވެ.

ޖަޕާނުގެ އެފްއޭއިން ގައުމީ ޓީމުގެ ކޯޗު ކަމަށް ހަމަޖެއްސީ ޖޭއެފްއޭގެ ޓެކްނިކަލް ޑައިރެކްޓާ އެގައުމުގެ އަކީރާ ނިޝީނޯ އެވެ. އޭނާ ވަނީ 1996 ވަނަ އަހަރު ހޫނު މޫސުމުގެ އޮލިމްޕިކްސްގައި ޖަޕާނުގެ 23 އަހަރުން ދަށުގެ ޓީމަށް ކޯޗު ކޮށްދީފަ އެވެ. ކޯޗިން ކެރިއަރުގެ ބޮޑުބައެއް އޭނާ ހޭދަ ކުރީ ޖޭ ލީގްގެ ގެމްބާ އޮސަކާ ޓީމުގަ އެވެ. އެ ޓީމަށް އޭއެފްސީ ޗެމްޕިއަންސް ލީގް ހޯދައިދިނެވެ.