ހަބަރު

އީދަށް މުދާ ހިފައިގެންދިޔަ ދޯންޏެއް ފަރަށް އަރައިފި

Jun 13, 2018

މާލެއިން ފުރައިގެން ދ. މީދޫއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އެމްއެންޑީއެފުން އެހީތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، "ގެލެކްސީ" ދޯނި ފަރަށް އަރާފައިވަނީ މާލެ އަތޮޅު އިތާފުށީގެ އިރު ދެކުނުން 1.5 ނޯޓިކަލް މޭލުގައި އޮންނަ ފަރަކަށް ކަމަށާއި އެ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ރޭ ފަތިހު 4:15 އެހާއިރު ކަމަށެވެ.

ދޯނި ފަރަށް އެރިއިރު ހަ މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީން ތިބި އިރު އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، ދޯނީގައި ހުރި މުދަލަކީ އީދަށް މީދޫއަށް ގެންދަން ބަރުކޮށްފައިހުރި މުދާ ކަމަށާއި ދޯނީގައި ހުރި މުދާ ހުސްކުރުމަށް ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އިތުރު ދޯންޏަށް މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދޯނި ފަރަށް އެރުމާއި ގުޅިގެން ދޯނީގެ ހަލްގަނޑަށް ގެއްލުން ލިބި ދިޔަވަމުންދާ ކަމަށާއި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތާއި ގުޅިގެން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.