އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ދިވެހިރާއްޖޭގެ ހައި ކޯޓުގައި މާދަމާ ތާވަލްކޮށްފި އެވެ.
މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އިމްރާންގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފަހުން ދީފައިވަނީ 10 ދުވަހެވެ. އެ މައްސަލަ އިމްރާންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުމުން މާދަމާ އިސްތިއުނާފް ޝަރީއަތް ފަށާއިރު އަންނަ ބުރާސްފަތި ދުވަހު އޭނާގެ ބަންދު މުއްދަތު ހަމަވާނެ އެވެ.
އިމްރާންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ދިން 15 ދުވަހުގެ މުއްދަތަށް ހައި ކޯޓުން ކުރިން ވަނީ ތާއީދުކޮށްފަ އެވެ.
އިމްރާންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށާއިރު ސަރުކާރާ އެކު ޕާޓީތަކުން ކުރާ މަޝްވަރާގައި އަދާލަތުގެ ފަރާތުން މަޝްވަރާ ކުރާ ޓީމުގައި އިމްރާންގެ ނަން އެ ޕާޓީން ވަނީ ހިމަނައިފަ އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ބަންދުގައި ތިބޭ އެއްވެސް ފަރާތަކަށް މަޝްވަރާގައި ބައިވެރިނުވެވޭނެ ކަމަށެވެ.