ހަބަރު

ތިން ދުވަސް ތެރޭ ވޯޓާސް ލިސްޓަށް އެންމެ ޝަކުވާއެއް!

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބޭ މީހުން ހިމަނައި އިލެކްޝަން ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހު އާންމުކުރި ވޯޓާސް ލިސްޓަށް މި ތިން ދުވަހުގެ ތެރޭގައި ލިބިފައިވަނީ އެންމެ ޝަކުވާއެއް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވޯޓާސް ލިސްޓް އާންމުކޮށް އެއަށް ޝަކުވާ ހުށަހަޅަން އީސީން ހުޅުވާލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ލިސްޓްގައި ވޯޓު ލިމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތު ހިމަނާފައިވަނީ 263183 މީހުންނެވެ. ނަމަވެސް މި ނަން ތަކުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހިމެނިފައިވުން އެކަށީގެންވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެއީ އެ ލިސްޓަކީ ޑީއެންއާރުގެ ލިސްޓަށް ވާތީ އެވެ.

އިންތިހާބުގެ މުހިންމު ތާރީހުތައް

  • ޖޫން 10: ވޯޓާޒް ލިސްޓް އާންމުކުރުން
  • ޖުލައި 10: ލިސްޓަށް ޝަކުވާ ހުށަހެޅުން ބަންދުކުރުން
  • ޖުލައި 15-24: އިންތިހާބަށް ކުރިމަތިލާން ހުޅުވާލުން
  • ޖުލައި 17: ރީ ރަޖިސްޓްރޭޝަން ހުޅުވާލުން
  • އޮގަސްޓް 9: ކެންޑިޑޭޓުންގެ ނަމްބަރު ތަރުތީބުކުރުން
  • ސެޕްޓެމްބަރު 23: ވޯޓްލުން އޮންނަ ދުވަސް

ވޯޓާސް ލިސްޓަށް މިހާތަނަށް އެންމެ ޝަކުވާއެއް ހުށަހަޅާފައިވާއިރު، ލިސްޓު ފުރިހަމަކުރުމަށް އާންމުންގެ އެއްބާރުލުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އެދިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ހަތް ވަރަކަށް ދުވަހުގެ ތެރޭ އެއްވެސް ފަރާތަކުން ޝަކުވާއެއް އޮވެއްޖެނަމަ އެކަން އެކޮމިޝަނާ ހިއްސާކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

"މީގެ ކުރިންވެސް އީސީއަށް އާންމުން ދެނީ ވަރަށް ފުރިހަމަ އެއްބާރުލުމެއް. މިހާތަނަށް އެއް ޝަކުވާ ހުށަހަޅާފައި އޮތަސް، ވަރަށް ފެނޭ ސޯޝަލް މީޑިއާގައި އެކި މީހުން އެމީހުންގެ ހުރި ކަންބޮޑުވުންތަކާ ޝަކުވާތައް ހިއްސާކުރާ ތަން. އެހެންވީމަ ޝަކުވާ އެބަހުރި، އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށ ހުށަހެޅުން އަޅުގަނޑުމެން ވީހާވެސް ބޮޑަށް އެދެނީ،" އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު "އަވަސް" އަށް ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓާސް ލިސްޓް މިހާރު ގެޒެޓްގައި އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. ޝަކުވާ ހުށަހަޅަންޖެހޭނީ އީސީން ދޫކުރާ ޝަކުވާ ފޯމަކުންނެވެ. މި ފޯމް އީސީގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ. އަދި ރަށެއްގައި ނަމަ ރަށިު ކައުންސިލްތަކުން ވެސް ފޯމްތަށް ދޫކުރުމާއި ބަލައިގަތުމުގެ ހިދުމަތް ދޭނެ އެވެ. މާލޭގައި ނަމަ ފޯމްތައް ބަލައިގަންނާނީ އީސީގެ އިންތިހާބީ މަރުކަޒް ހުންނަ ކުރީގެ ބާ ޖަމާލުއްދީން އިމާރާތަށެވެ.

ވޯޓާސް ލިސްޓްގައި ނަން ހިމެނޭތޯ ބެލުމަށް އެސްއެމްއެސް ކުރަން ޖެހެނީ، "ވީއާރު (ސްޕޭސް) އައިޑީކާޑް ނަމްބަރު ޖެހުމަށް ފަހު 1414 އަށެވެ.