ފިނިޕޭޖް

ދެން ރާއްޖެއަށް އަބަދުވެސް އަންނާނަން: ސްޓީވަން

ދިވެހިންގެ މެދުގައިވެސް މަގުބޫލު އެމެރިކާގެ މަޝްހޫރު ސުޕަހީރޯ ޓީވީ ސީރީޒް "އެރޯ" ގެ ލީޑުން ފެނިގެންދާ ތަރި ސްޓީވަން އެމެލް ވާނީ ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފަ އެވެ.

ސްޓީވަން އޭނާގެ އާއިލާއާއެކު ރާއްޖެ އައީ މި މަހު ފަހެއްގަ އެވެ. އެމީހުން ޗުއްޓީ ހޭދަކުރީ ސޮނެވާ ޖާނީ ރިސޯޓުގަ އެވެ. ޗުއްޓީ ހޭދަކޮށްލުމަށްފަހު އެމީހުން ވަނީ ރާއްޖެއިން ފުރާފަ އެވެ. މިހާރު އެމީހުން ތިބީ ސިންގަޕޫރުގަ އެވެ.

ޗުއްޓީ ނިންމާލުމަށްފަހު ދަމުން އޭނާގެ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "ދެން އަހަރެންގެ މުޅި އުމުރު ދުވަހު، ކޮންމެ އަހަރަކުވެސް ރާއްޖެއަށް އަންނާނަން." ކަމަށެވެ.

ސީޑަބްލިއު ޓެލެވިޜަން ނެޓްވޯކުން ގެނެސްދެމުން އަންނަ "އެރޯ" ގެ ހަ ސީޒަނެއް މިހާތަނަށް ގެނެސްދީފައިވެ އެވެ. ހަތް ވަނަ ސީޒަން އަންނަ އޮކްޓޯބަރު މަހު ފަށާނެ އެވެ.

"އެރޯ" އަކީ ޔޮޓެއްގައި ދަތުރުކުރަމުން ދިޔަ ދެބަފައިން ކަނޑުމަތިވުމަށްފަހު ހިނގި ހާދިސާތަކެއް ގެނެސްދޭ ސީރީޒްއެކެވެ. އެ ހާދިސާގައި ސަލާމަތްވާނީ ސްޓީވެން ކުޅޭ ކެރެކްޓާ އޮލިވާ ކުއީން އެވެ. އެ ހާދިސާއަށްފަހު އޭނާ އޮންނާނީ ރަށަކަށް ބެހިގެން ލައްގާފަ އެވެ. އެ ރަށުގައި އޭނާއަށް ކުރިމަތިވާ ކަންތައްތަކެއް ސަބަބުން މުޅި ދިރިއުޅުން ބަދަލުވެގެންދެ އެވެ.

އެ ސީރީޒްގެ އިތުރުން ހަމަ އެ ނެޓްވޯކުން ގެނެސްދޭ ސީރީޒްތައް ކަމަށްވާ "ފްލެޝް"، "ސުޕަގާލް" އަދި "ލެޖެންޑްސް އޮފް ޓުމޯރޯ" ބައެއް އެޕިސޯޑުތަކުން އޭނާ ފެނިގެންގޮސްފައިވެ އެވެ.