ހަބަރު

ލ. އަތޮޅަށް ލޮޅުމެއް އަރައިފި

ލ. އަތޮޅުގެ ބައެއް ސަރަހައްދުތަކަކަށް ލޮޅުމެއް އަރައިގެން މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހަށް ރިޕޯޓްކޮށްފި އެވެ.

އެ އަތޮޅުގެ ސިކްސް ސެންސް ރިސޯޓްގެ މުވައްޒަފެއް އަވަސްއަށް ބުނި ގޮތުގައި މީގެ އިރުކޮޅެއް ކުރިން އެ ރިސޯޓްގެ މުވައްޒަފުންނަށް ވަނީ ލޮޅުމެއްގެ އިހުސާސް ކުރެވިފަ އެވެ. ލޮޅުން ގާތްގަނޑަކަށް އެއް މިނެޓެއްހާއިރަށް ހުރި ކަމަށް އޭނާ ބުންޏެވެ.

މި ލޮޅުމުގައި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނެތެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި ލ. އަތޮޅުގެ ގަމާއި ކައްދު އާއި މާންދޫ އަދި ފޮނަދޫއަށް ގުޑުމެއް އަރައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މެޓް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، ގދ. ކާޑެއްދޫގައި ހުރި ބިންހެލުން ރިކޯޑްކުރާ ސެންސަރުން މިގުޑުމުގެ އަސަރު ރެކޯޑް ކުރުވުނު ނަމަވެސް މިއީ ބިންހެލުމެއް ނޫން ކަމަށެވެ. އެހެންކަމުން ލޮޅުމަކީ އެ ސަރަހައްދުގެ ބިންގަނޑަށް އައި ކުޑަ ލޮޅުމެއް ކަމަށް ބެލެވޭ ކަމަށެވެ.

ސަރަހައްދުގެ އެހެން ގައުމުތަކުގައި ހުރި ބިންހެލުން ރިކޯޑްކުރާ ސެންސަރުތަކުން މީގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ގުނޑުމެއް އަރާފައިވެ އެވެ.