ހަބަރު

ބޮޑު ފައިދާއެއް ހޯދަން ބޭނުން ނަމަ އިންވެސްޓްކުރަންވީ ރާއްޖޭގައި ހުރި މަޝްރޫއުތަކަށް: ގަވަރުނަރު

ރާއްޖޭގައި ހުރި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަކީ އިންވެސްޓް ކުރަން ވަރަށް ރަނގަޅު މަޝްރޫއުތަކެއް ކަމަށާއި އެ މަޝްރޫއުތަކުން އިންވެސްޓަރުންނަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.

އިއްޔެ މެލޭޝިޔާގައި ފެށި، އިސްލާމިކް ފައިނޭންސް ފޯރަމްގައި މިއަދު ތަގުރީރު ކުރައްވަމުން އަޒީމާ ވިދާޅުވީ 21 ވަނަ ގަރުނުގައި ގައުމެއްގެ ކަންތައްތައް ވަޒަން ކުރަނީ ކުޑަ ބޮޑުމިނަށް ބަލައިގެން ނޫން ކަމަށާއި އެ ގައުމެއްގެ އުފެއްދުންތެރިކަމާއި އާ ހިޔާލުތައް އަދި ހުރި ފުރުސަތުތަކުގެ މައްޗަށް ކަމަށެވެ.

އިންވެސްޓަރުންނަށް އޮތީ ފަހި މާހައުލެއް ކަން ފާހަގަ ކުރައްވަމުން އަޒީމާ ވިދާޅުވީ ރާއްޖެއިން މި އަންނަނީ އިންވެސްޓް ކުރަން ފަސޭހަވާނެ ހުރިހާ ގޮތްތަކަކާއި އާ ފުރުސަތުތައް ތަނަވަސްކޮށްދެމުން ކަމަށެވެ. އެ ފުރުސަތުތަކުގެ ތެރެއިން ރާއްޖެއަށް އިންވެސްޓްކޮށްފި ނަމަ، އެކަމުން ލިބޭ ފައިދާ އެ ފަރާތަކަށް ވަރަށް ބޮޑުވާނެ ކަމުގެ ޔަގީންކަން އަޒީމާ ދެއްވި އެވެ.

"ރާއްޖޭގެ ނަމާ އެކު ރަމްޒްކޮށްދެނީ އިތުބާރު، ޔަގީންކަން އަދި މަތީ ފެންވަރުގެ ދިރިއުޅުން. ރާއްޖޭގެ ޓޫރިޒަމްގެ އިންވެސްޓްމަންޓްތަކަކީ އެންމެ ފައިދާ ބޮޑު އަދި އޭގެ ރިޓާން އެންމެ އަވަހަށް ލިބޭ އިންވެސްޓްމަންޓްތައް. މިކަމުން ދިވެހިންނަށް ވެސް އޭގެ ފައިދާ މި އަންނަނީ ކުރަމުން. އެގޮތުން އިންފްރާސްޓަކްޗާ މަޝްރޫއުތައް މި ވަނީ އިސްލާމިކް ފައިނޭންސަށް ހުޅުވާލެވިފައި. މިފަދަ ކޮންމެ މަޝްރޫއަކުން ލިބޭ ފައިދާގެ ޔަގީންކަން ބޮޑުވާނެ،" ގަވަރުނަރު ވިދާޅުވި އެވެ.

އިސްލާމިކް ފައިނޭންސްގެ ރޮގުން ރާއްޖޭގައި ހުރި ފުރުސަތުތަކާއެކު ގުޅޭ ގޮތުން ތަގުރީރު ކުރައްވަމުން، އަޒީމާ ވިދާޅުވީ ޓްއަރިޒަމްގެ ދާއިރާގައި ރާއްޖެއިން ކާމިޔާބު ހޯދި ގޮތަށް އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ވެސް މި ސަރަހައްދުގެ އެންމެ ކުރީގައި އޮތް ގައުމަށް ރާއްޖެއަށް ވެވިދާނެ ކަމަށެވެ. އެކަމަނާ ވިދާޅުވީ ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް، ޓްއަރިޒަމް ދާއިރާގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީގެ ސަބަބުން ރާއްޖެއަށް އިތުރު ދާއިރާތަކުން ވެސް ކުރިއެރުން ހޯދޭނެ ކަން ސާބިތުކޮށްދޭ ކަމަށެވެ.

"ޓޫރިޒަމްގައި އެކަންޏެއް ނޫން ރާއްޖެއަށް ކުރިއެރުން އޮތީ. ޓްއަރިޒަމްގައި ކާމިޔާބު ހޯދި ގޮތަށް އިސްލާމިކް ފައިނޭންސްގެ ރޮނގުން ވެސް ސަރަހައްދުގެ އެއްވަނަ ގައުމަށް ވުމުގެ ފުރުސަތުތައް ރާއްޖެއަށް އެބަހުރި،" އަޒީމާ ވިދާޅުވި އެވެ.

އެ ކޮންފަރެންސްގައި އޭޝިޔާ ސަރަހައްދުގެ ސަރުކާރު ތަކުގެ އިސްވެރިންނާއި ބޭންކްތަކާއި އިސްލާމިކް ފައިނޭންސް ސެންޓަރުތަކުން ބައިވެރިވެ އެވެ.