ކުޅިވަރު

އެމްބަޕޭއަށް ފުރަތަމަ މެޗުގައި ކުޅެވޭނެ

ފްރާންސްގެ ޕްރެކްޓިސްގައި ޒުވާން ފޯވަޑް ކިލިޔަން އެމްބަޕޭގެ ކުޑަހުޅަށް އިއްޔަ ލިބުނު އަނިޔާއާ ގުޅިގެން ޓީމުގެ ޕްރެކްޓިސް ދޫކޮށްދިޔަ ނަމަވެސް ފުރަތަމަ މެޗަށް އޭނާ ފިޓްވާނެ ކަމަށް އެމްބަޕޭ ބުނެފި އެވެ.

ފްރާންސްގެ ޕްރެކްޓިހުގައި އާދިލް ރާމީ އާއި އެމްބަޕޭ ކުރި ޗެލެންޖެއްގައި އެމްބަޕޭގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ޓީމު ދޫކޮށް ދިއުމުން ވޯލްޑްކަޕުގައި އޭނާ އަށް ނުކުޅެވިދާނެ ކަމަށް ވާހަކަ ދެކެވެނުނެވެ. ނަމަވެސް އެމްބަޕޭ ބުނީ އޭނާ ރަނގަޅު ކަމަށެވެ.

މާދަމާ ފަށާ ވޯލްޑްކަޕުގައި ފްރާންސް ހިމެނެނީ އޮސްޓްރޭލިއާ އާއި ޕެރޫ އަދި ޑެންމާކު އާއެކު ގުރޫޕް "ސީ" ގަ އެވެ. ފްރާންސް ކުޅޭ ފުރަތަމަ މެޗުގައި މިއަންނަ ހޮނިހިރު ދުވަހު ވާދަ ކުރާނީ އޮސްޓްރޭލިއާ ދެކޮޅަށެވެ.

ވޯލްޑްކަޕުގެ ކުރިން އެމެރިކާއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައިވެސް އެމްބަޕޭގެ ފަޔަށް ވަނީ ތަދެއް އަރާފަ އެވެ.