ހަބަރު

އަލީ ވަހީދުގެ ބަންދު މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރަންޖެހޭ ސަބަބެއް ނެތް، އަމުރު ބާތިލް: ހައި ކޯޓު

May 26, 2015

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ބަންދުގައި ބަހައްޓަން އެންމެ ފަހުން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކޮށްފި އެވެ.

މިމަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި އަލީ ވަހީދު ހަތް ދުވަހަށް ފުލުހުންގެ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުން ބާތިލްކުރީ އެ މައްސަލަ އަލީ ވަހީދުގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ. އެ އަމުރު ބާތިލް ކުރުމުގެ ކުރިން މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ މިމަހުގެ ފުރަތަމަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައި އޭނާ ދެއްކި ވާހަކަތަކަކާ ގުޅިގެން ކަމަށްވާއިރު އޭގެ ދެ ހަފުތާ ފަހުން އެކަމުގެ މައްޗަށް ބިނާކޮށް އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އަދި އޭނާ ދޫކޮށްލައިފި ނަމަ ކުށް ތަކުރާރު ކޮށްފާނެކަމުގެ ބިރު އޮތް ކަމަށް ފުލުހުން ބުނި ނަމަވެސް އެފަދަ ކަމެއް އޭނާ ތަކުރާރުކޮށްފި ނަމަ އޭނާ އަލުން ހައްޔަރުކޮށް، ބަންދު މުއްދަތު އިތުރުކުރަން ހުރަހެއް ނެތް ކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ދަށު ކޯޓުގެ އަމުރު ބާތިލްކުރި ނަމަވެސް ފާހަގަކުރެވުނު ކަންކަމުގައި ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައިވެ އެވެ. ފާހަގަކުރެވުނު ކަންކަމުގައި ފަނޑިޔާރު އަލީ ސަމީރުގެ ރައުޔު ތަފާތުވި ނަމަވެސް އޭނާގެ ވެސް ނިންމުމަކީ ދަށު ކޯޓުގެ އަމުރު ބާތިލްކުރަންޖެހޭނެ ކަމަށެވެ.

ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އަލީ ވަހީދު ބަންދުގައި ބަހައްޓަން އެންމެ ފަހުން ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލްކުރި ނަމަވެސް އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން އެންމެ ފުރަތަމަ ނެރުނު އަމުރަށް ހައި ކޯޓުން ކުރިން ވަނީ ތާއީދުކޮށްފަ އެވެ.