ހަބަރު

ހަތަރު މީހުންނާއެކު ދަތުރު ކުރި ދޯންޏެއް ކާށިދޫ ކަނޑުގައި ދިޔަވަނީ

Jun 13, 2018
1

ހަތަރު މީހުންނާއެކު ކާށިދޫ ކަނޑުން ދަތުރު ކުރުން ދިޔަ ދޯންޏެއް ދިޔަވެ، އަރިއަޅާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސާ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މުދާ ހިފައިގެން ހަތަރު މީހުންނާއެކު ދަތުރު ކުރި "ވީނަސް" ނަމަކަށް ކިޔާ ދޯންޏެއް ކާށިދޫ ބޮޑު ކަނޑުގައި ދިޔަވެ އަރިއަޅާލައިގެން އުޅޭ ކަމަށާއި މިރޭ 7:45 ހާއިރު އެ ހާދިސާ ރިޕޯޓު ކުރުމާ ގުޅިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ހިލަ ބަރުކޮށްގެން އެ ދޯނި ދަތުރު ކުރީ މާލެއިން ފުރައިގެން ބ. އަތޮޅަށް ކަމަށާއި މިހާތު އޮތީ ގާފަރުގެ ހުޅަނގު އުތުރުން 13 މޭލު ބޭރުގައި ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ދޯނީގައި ތިބި މީހުންނަށް އެހީތެރިވުމުގެ ގޮތުން ކާށިދޫގައި އޮތް ސީ އެމްބިއުލަންސްއަކާއި ކޯސްޓްގާޑު ލޯންޗް، ފާސްޓާ އިންޓަސެޕްޓާ ކްރާފްޓް ވެސް އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވި އެވެ. ނަމަވެސް އެ ދޯނީގައި ތިބީ ދިވެހިން ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.