ވިޔަފާރި

ގެސްޓް ހައުސް އައިލެންޑް ތަރައްގީކުރުން ބަރެސްދޫއަށް ބަދަލުކޮށްފި

May 26, 2015
1

ގެސްޓް ހައުސް އައިލެންޑް ތަރައްގީ ކުރަން ސަރުކާރުން ކުރިން ކަނޑައަޅައިވާ ލ. ތުނބުރި އާއި ހުޅިޔަންދޫގެ ބަދަލުގައި، އެ އަތޮޅު ބަރެސްދޫގައި މި މަޝްރޫއު ހިންގަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ނިންމައިފި އެވެ.

ގެސްޓް ހައުސް އައިލެންޑު މަޝްރޫއުގެ ދަށުން ތަރައްގީކުރާ ލ. ހުޅިޔަންދޫގައި ބަނދަރަކާއި ޓްރާންސްޕޯޓުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރެއްވުމަށްފަހު، އެމްއެމްޕީއާރުސީ ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު ވިދާޅުވީ ބަރެސްދޫ އަށް މި މަޝްރޫއު ބަދަލު ކުރީ އެ ރަށް ބޮޑުވުމުން ކަމަށެވެ.

"މި މަޝްރޫއުގެ ފޭސް ވަންގެ ގޮތުގައި ތަރައްގީ ކުރުމަށް ބަރެސްދޫ ބެލީ މިއީ ވަރަށް ކައިރީގައި އޮންނަ ރަށަކަށް ވާތީ. މިއީ 75 ހެކްޓަރުގެ ރަށެއް. އެރަށުގައި ގިނަ ޕްލޮޓް އެޅޭނެ. އެހެންވެ ބިޒްނަސް ސެންސް މޭކްކުރާތީ މި ރަށަކަށް ބަދަލު ކުރީ،" ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ރަށް ބަދަލު ކުރިނަމަވެސް ހުޅިޔަންދޫ އާއި ތުނބުރިން ޕްލޮޓްތައް ގަނެފައިވާ މީހުންނަށް މި ރަށުން ޖާގަ ލިބޭނެ ކަމަށެވެ.

"ފޭސް ދޭއްގައި ތަރައްގީ ކުރާނީ ތުނބުރި އާއި ހުޅިޔަންދޫ،" ޒިއަތު ވިދާޅުވި އެވެ.