ވިޔަފާރި

ގެސްޓް ހައުސް އައިލެންޑުގެ ބަނދަރު ހަދަން ހެވީ ފޯސްއަށް، ދަތުރުފަތުރުގެ ހިދުމަތް ދޭން މޯލްޑިވިއަން އަށް

May 26, 2015

ގެސްޓް ހައުސް އައިލެންޑް ތަރައްގީ ކުރާ ލ. ބަރެސްދޫގެ ބަނދު ހަދަން ހެވީ ފޯސްއަށް އަދި ދަތުރުގެ ފަތުރުގެ ހިދުމަތް ދޭން މޯލްޑިވިއަން އަށް މިއަދު ހަވާލުކޮށްފި އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއެމްޕީއާރުސީގެ ފަރާތުން އެެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިއަތު އެވެ. އަދި މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ހާރިސް އެވެ. އަދި ހެވީފޯސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ނައީމް އެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޒިއަތު ވިދާޅުވީ ލ. ބަރެސްދޫގެ ބަނދަރާއި ކޯޒްވޭ ހަދަން ހެވީ ފޯސްއަށް ހަވާލުކުރީ 19 މިލިއަން ރުފިޔާއަށް ކަމަށާއި، މި މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންއާއެކު އެއްބަސްވުމުގެ ދަށުން ލ. ބަރެސްދޫއަށް ޓޫރިސްޓުން އުފުލާ އަގުތައް ހެޔޮވެގެން ދާނެ ކަމަށެވެ.

"މި އެއްބަސްވުމުގެ ދަށުން ލަފާކުރަނީ ބެރަސްދޫއަށް 150 ޑޮލަރަށް ރިޓާން ޓިކެޓު ދެވޭނެ ކަމަށް،" ޒިއަތު ވިދާޅުވި އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ހާރިސް ވިދާޅުވީ ލ. ބެރަސްދޫގައި ގެސްޓް ހައުސް އައިލެންޑް ތަރައްގީކޮށް ނިމުމުން ލ. އަތޮލަށް އެއާލައިނުން ކުރާ ދަތުރުތަކުގެ އަދަދު އިތުރު ވެގެންދާނެ ކަމަށެވެ.

"މިހާރު ދުވާލަކު ފަސް ފްލައިޓް ބާއްވަނީ. ނަމަވެސް އަޅުގަނޑުމެން އުންމީދުކުރަނީ މި ރަށް ހުޅުމުން 10 ފްލައިޓަށް އިތުރު ވެގެން ދާނެ ކަމަށް،" ޒިއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއަކީ އުންމީދު ކުރާ ޕްރޮޖެކްޓެއް ކަމަށެވެ.

"މި ޕްރޮޖެކްޓުގެ ދަށުން ވަޒީފާތަކާއި ބޭރު ފައިސާ ވެސް އިތުރު ވެގެންދާނެ،" ހާރިސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ބުނީ ބަރެސްދޫގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް އެމްޑަބްލިއުއެސްއީއަށް ހަވާލުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ވެސް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.