ޓީވީ ސީރީޒް

8 އަހަރުފަހުން އަނޫޕް "ކްރައިމް ޕެޓްރޯލްް" ދޫކޮށްލައިފި

ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޜަނުން މެދުކެނޑުމެއް ނެތި އަށް އަހަރުވަންދެން ގެނެސްދެމުން އަންނަ ކްރައިމް ސީރީޒް "ކްރައިމް ޕެޓްރޯލް" ގެ ހޮސްޓު، އަނޫޕް ސޯނީ އެ ޝޯ ދޫކޮށްލައިފި އެވެ. ދިވެހިންގެ މެދުގައިވެސް މަގުބޫލު މި ސީރީޒް ފެށުނީއްސުރެ މިއަދާ ހަމައަށް ސީރީޒްގެ ގިނަ އެޕިސޯޑުތަކެއް ހޮސްޓުކޮށްދިނީ އޭނާ އެވެ.

ސީރީޒް ހޮސްޓުކުރުން ހުއްޓާލުމުގެ އިތުރަށް އޭނާ ވަނީ ކްރައިމް ހިމެނޭ އެއްވެސް ޑްރާމާއެއް ދެން ނުބަލާނެ ކަމަށްވެސް ބުނެފަ އެވެ.

"އަހަންނަށް ވަރަށް ގިނަ ކަންކަން މި ޝޯއިން ހާސިލުވި. އެކަމަކު މިހާރު އަހަރެން ނިންމައިފިން ކްރައިމް އާއި ކުޅުންހުރި އެއްވެސް ޑްރާމާއެއް ނުބަލަން. މި ޝޯގައި ގެނެސްދިން ވާހަކަތަކުގެ ސަބަބުން އަހަންނަށް ވަރަށް ގިނަ ފުން އަސަރުތަކެއް ކޮށްފި." އަނޫޕް ބުނީ އެކަމުން އަރައިގަތުމަށް މިހާރު އޭނާ ކޮމެޑީ ފިލްމުތަކާއި އިބްރަތްތެރި ފިލްމުތައް ބަލަމުން އަންނަ ކަމަށެވެ.

އަނޫޕް ހުށަހަޅާދިން "ކްރައިމް ޕެޓްރޯލް" ގެ އެޕިސޯޑެއް.

މި ސީރީޒުން އޭނާއަށް ވަނީ ބޮޑު މަޝްހޫރުކަމެއް ލިބިފަ އެވެ. ސީރީޒް ދޫކޮށްލީ ކީއްވެތޯ އެހުމުން އަނޫޕް ބުނީ، "އަށް އަހަރަކީ ވަރަށް ދިގު މުއްދަތެއް. އަހަރެން ވަރަށް ހިތްހަމަޖެހިގެން މަސައްކަތްކުރީ. އެހެން ނަމަވެސް، އަހަރެން މިހާރު ބޭނުންވަނީ އެކްޓުކުރަން." ކަމަށެވެ.

އަނޫޕް ބުނީ އޭނާއަކީ އަސްލު އެކްޓަރެއް ކަމަށާއި އެކްޓު ނުކުރާތާއި މިހާރު ފަސް އަހަރުވެފައި ވާތީ އޭނާ މިހާރު ބޭނުންވަނީ ފިލްމާއި ސީރީޒްތައް ކުޅެން ކަމަށެވެ.