ހަބަރު

ރާއްޖޭގައި އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަމާ މެދު ސުވާލު އުފެދޭ: އިންޑިއާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އަވަސް އަރުވާލައިގެން ޝަރީއަތްކޮށް ޖަލަށް ލާފައިވާތީ ކަންބޮޑުވާ ކަމަށާއި ރާއްޖޭގައި ގާނޫނުގެ ބާރު ދަމަހައްޓާ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން އިހުލާސްތެރި މަސައްކަތެއް ސަރުކާރުން ކުރާ ކަމާ މެދު އިންޑާއިން ސުވާލު އުފައްދައިފި އެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ ގައުމު ހަލަބޮލިވާން ފެށުމާއެކު، ސަރުކާރުގެ އިދާރާތަކާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމްކޯޓު ފަދަ ތަންތަން ސަރުކާރުގެ ނުފޫޒުން އެއްކިބާކޮށް މިނިވަންކަމާއެކު ހިންގުމަށް ފުރުސަތު ދީ، ސިޔާސީ ފަރާތްތަކާއި ކަމާގުޅޭ އެހެންވެސް ފަރާތްތައް ގުޅިގެން ގައުމުގައި އުފެދިފައިވާ މައްސަލަތައް ވީހާވެސް އަވަހަށް ހައްލުކުރުމަށް އިންޑިއާއިން ގެންދިޔައީ ތަކުރާރުކޮށް ގޮވާލަމުން ކަމަށެވެ. އަދި އެއީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް އެދެމުންދިޔަ ގޮތް ކަމަށާއި ނަމަވެސް ރައީސް މައުމޫނާއި ދެ ފަނޑިޔާރުންނަށް މިނިވަން ޝަރީއަތެއް ކުރިއަށްގެންދިއުމުގެ ފުރުސަތު ނުދީ، ދިގު މުއްދަތަށް އެ ފަރާތްތަށް ޖަލަށް ލުމަށް ހުކުމް ކުރުމުން އެކަމާ އިންޑިއާއިން ހިތާމަކޮށް ކަންބޮޑުވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ނިއުދެއްލީގެ ބަޔާނުގައި ބުނީ ދިވެހި ސަރުކާރުގެ މި އަމަލުން، ރާއްޖޭގައި ގާނޫނީ ބާރު ދަމަހައްޓައި، މިނިވަން އިންތިހާބެއް ބާއްވަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.

"މީގެ ސަބަބުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މުޅި ޕްރޮސެސް ކުރިއަށްގެންދާ ގޮތުގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ،" ބަޔާނުގައި ބުންޏެވެ.

އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައި ޖަލަށް ލާފައިވާ ރައީސް މައުމޫނާއި ދެ ފަނޑިޔާރުން މިހާރުން މިހާރަށް ދޫކޮށްލުމަށް މިއަދުވެސް އިންޑިއާއިން ވަނީ ގޮވާލާފަ އެވެ. އަދި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ހަމަހަމަކަމާއި އިންސާފުވެރިކަން ދެމެހެއްޓުމަށް ސިޔާސީ ފަރާތްތައް ދޫކޮށްލައި، އެފަރާތްތަކަށް ވެސް އިންތިހާބުގައި ބައިވެރިވެވޭނެ ގޮތް ފަހިކޮށްދިނުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް ކަމަށެވެ.

"އަވައްޓެރިގައުމުތަކުން ވެސް ބޭނުންވާނީ ރާއްޖޭގައި ޑިމޮކްރަސީއާ ތަރައްގީއާ އަމާންކަން ގާއިމްވެފައި އޮތުމަށް ކަމަށް ގަބޫލުކުރަން. އެހެންކަމުން މި ގޮވާލަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ހިމެނޭ ގޮތަށް ހުރިހާ ސިޔާސީ ހައްޔަރީން މިނިވަންކޮށް، ރާއްޖޭގައި ސިޔާސީ މިނިވަންކަމާއި އިންތިހާބުގެ މިނިވަންކަން ރައްކާތެރިކުރުމަށް،" އިންޑިއާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސް މައުމޫނާއި ޖަލުތަކުގައި ބަންދުކޮށްފައިވާ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އިންޑިއާއިން ގޮވާލާފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

އިންޑިއާއިން މިފަދަ ބަޔާނެއް ނެރުނު އިރު އިންޑިއާ-ރާއްޖޭގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ދެ ހެލޮކޮޕްޓަރު މި މަސްނިމުމުގެ ކުރިން ގެންދަން ރާއްޖެއިން މިހާރު ވަނީ އިންޑިއާއަށް އަންގައިފަ އެވެ. އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އިންޑިއާގެ ޗެންނާއީއަށް ވަނުމުގެ ހުއްދަ ނުދީ ފޮނުވާލި މައްސަލައިގައި ގުޅުން ވަނީ އިތުރަށް ގޯސްވެފަ އެވެ.