ކުޅިވަރު

ރަން ކާމިޔާބަށް 10 އަހަރު، މިވަރުގެ ޖީލެއް ނެތް

މުހުތާރު ނަސީރު (ޓޫކީލޯ) ބާރު އުންޑައެއް ހެން ފޮނުވާލި ބޯޅަ ގޮސް އިންޑިއާގެ ގޯލްގެ އެތެރޭގެ ދަގަނޑުގައި ތައްކޮށްލި އެވެ. އަވަށްޓެރި ލަންކާގެ ވެރިރަށް ކޮލަމްބޯގެ މަޝްހޫރު ސްގަތަދާތަ ސްޓޭޑިއަމްގައި ތިބި ދިވެހި ސަޕޯޓަރުންގެ އަޑުން މުޅި ސްޓޭޑިއަމް ގުގުމާލި އެވެ. އެއީ ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށް ހޯދުނު އެންމެ ހައިބަވެތި ކާމިޔާބެވެ.

މިއަދަކީ އެ ކާމިޔާބަށް 10 އަހަރު ފުރުނު ދުވަހެވެ. ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބު ކުރި ޓީމަކީ، ދިވެހި ފުޓްބޯޅައިގައި އުފެދުނު ރަން ޖީލުގެ ކުޅުންތެރިން ކަމަށް، ދިވެހި ފުޓްބޯޅައިގެ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. އޭރުވެސް އިންޑިއާ އޮތީ ވަރުގަދަ ބާރެއްގެ ގޮތުގަ އެވެ. ނަމަވެސް ދިވެހި އެ ޓީމުން އިންޑިއާ ބަލި ކުރުން އެއީ އިންޑިއާގެ ފުޓްބޯޅައަށް ގަބޫލު ކުރެވުނު ކަމެއް ނޫނެވެ.

ފީފާގެ ވޯލްޑްކަޕު ތަށި ހިފައިގެން މި އަހަރު ރާއްޖެ އައި ފިފާގެ ޓީމުގައި ހިމެނުނު އިންޑިއާގެ އޮފިޝަލުންވެސް ވަނީ ބައެއް ނޫސްވެރިންގެ ގާތު 10 އަހަރު ކުރީގެ ފައިނަލު މެޗުގެ ވާހަކަ ދައްކާފަ އެވެ. މާނަ އަކީ ރާއްޖެއިން ނިކުމެ އިންޑިއާ ބަލި ކުރުމުން އެކަން ބަލައިގަންނަން އިންޑިއާއަށްވެސް ފަސޭހަ ކަމަކަށް ނުވި އެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގައި ރާއްޖޭގެ ޓީމުގެ ސިއްރަކީ ކޮބާހެއްޔެވެ.

"ޑެޑިކޭޝަން، ހާޑްވޯކް، ޑިސިޕްލިން، ޕެޝަން، ޕޮރޮފިޝަނަލިޒަމް." ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދިން ކޯޗު ސޮލަވާކިއާގެ ޖޯސެފް ޔަންކޭޒް ގާތު 2016 ވަނަ އަހަރު އެހުމުން އޭނާ ބުނެފައި ވެއެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި އެވަރުގެ ޖީލެއް ނުއުފެދެ އެވެ. އެ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އޭރު ތިބީ އެންމެ ޕީކުގަ އެވެ. މުޅި ޓީމު ތިބީ މުބާރާތަށް 100 ޕަސަންޓް ދީގެންނެވެ. އެ އަހަރަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ހަލަބޮލި އަހަރެވެ. ނަމަވެސް ދިވެހި ފުޓްބޯޅައަށް ދިވެހި ބެހެއްޓި ޝައުގުވެރިކަމާ ދިން ލޯބި ފަނޑެއް ނުވި އެވެ. ސާފް ޗެމްޕިއަންޝިޕު ކާމިޔާބު ކުރި އެ ޓީމުގެ ތަރިންނާ މެދު ދިވެހިން ދެކެނީ ގައުމީ ބަތަލުން ފަދައިންނެވެ.

ކާމިޔާބު އަލުން ތަކުރާރު ނުކުރެވުނީ ކީއްވެ

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ ކުރިން އަޅުގަނޑު ގާތު ބުނެފައި ވަނީ އޭރު އޮތް ޓީމަށް ވުރެ މިހާރު ދިވެހި ފުޓްބޯޅައިގައި މާބޮޑަށް ހުނަރު އެބައޮތް ކަމަށެވެ. ސުވާލަކީ މިހާރުގެ ޖީލަށް އެކާމިޔާބު އަލުން ތަކުރާރު ނުކުރެވެނީ ކީއްވެ ހެއްޔެވެ.

"ވަކިވަކި ހުނަރަށް ބަލައިފިއްޔާ މިހާރުގެ ކުޅުންތެރިންގެ ހުނަރު މާބޮޑަށްވެސް އެބަހުރި،" އައްސަދު ބުނެފައި ވެއެވެ. "އަޅުގަނޑު ބުނާނީ އަޅުގަނޑުމެންނަށް އެ ކާމިޔާބު ލިބުނީ ހުރިހާ ކުޅުންތެރިން އެކުގައި ކުރި ބުރަ މަސައްކަތުން، އަޅުގަނޑަށް ފެނުނު އޭރު ޓީމުގައި ހިމެނުނު ކުޅުންތެރިން ކުރި ބުރަ މަސައްކަތް، ކުޅުންތެރިން 100 ޕަސަންޓް ދިން."

"އަޅުގަނޑަށް ހީވަނީ މިހާރުގެ ފުޓްބޯޅަ ޖީލުގައި މަދުވަނީ އެތަން ހެން، ހުނަރު ހުއްޓަސް 100 ޕަސަންޓް ދީގެން މަސައްކަތް ނުކުރެވެނީ، އަނެއް ކަމަކީ ކުޅުންތެރިން ވިސްނާ ގޮތް. ވެސް ބަދަލު ވުން، އެންމެ ފަހު މިނެޓާ ހަމަޔަށް ބުރަކޮށް މަސައްކަތް ކުރުމުގެ އެޓިޓިޔުޑެއް ނެތުން."