ވޯލްޑް ކަޕް 2018

ރަޝިއާ - ސައުދީ: ތާރީހު ބުރަވަނީ ރަޝިއާއަށް

ހަތަރު އަހަރު ކުރިން މާރިއޯ ގޮޓޭޒް އާޖެންޓީނާ ކޮޅަށް ޖެހި ލަނޑާއެކު، ވޯލްޑްކަޕު ހަތަރު ވަނަ ފަހަރަށް ޖަރުމަން ކާމިޔާބު ކުރި އެވެ. އޭގެ 1432 ދުވަސް ފަހުން އަނެއްކާވެސް ވޯލްޑްކަޕު ބައްދަލު ކުރަނީ އެވެ. ރާއްޖޭގެ ގަޑިން މިރޭ 8:00 ގައި ރަޝިއާ - ސައުދީ އަރަބިއްޔާ ކުޅޭ މެޗުން ވޯލްޑްކަޕު ފަށަނެ އެވެ.

މިރޭގެ މެޗަކީ ރަޝިއާ އާއި ސައުދީ އަރަބިއްޔާ ބައްދަލު ކުރާ ދެ ވަނަ މެޗެވެ. ރަޝިއާ އާއި ސައުދީ އަރަބިއްޔާ މީގެ ކުރިން ބައްދަލު ކުރީ 1993 ވަނަ އަހަރު އެވެ. އެކުވެރި ކަމުގެ މެޗު ކާމިޔަބު ކުރީ ސައުދީންނެވެ.

ވޯލްޑްކަޕުގެ ކުރިން ރަޝިއާ ކުޅުނު ހަތް މެޗުންވެސް އެ ޓީމު މޮޅުވެފައެއް ނެތެވެ. އެންމެ ފަހުން އެ ޓީމު މޮޅުވީ އޮކްޓޫބަރު މަހު ދެކުނު ކޮރެއާ އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ރަޝިއާއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެލެގްޒެންޑާ ކޮކްރިން އަށް އަނިޔާގެ ސަބަބުން މުބާރާތުން ފުރުސަތު ގެއްލުމެވެ.

ސައުދީ ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފަ އެވެ. ނަމަވެސް އެ ޓީމު ވާދަ ކުރީ ވަރުގަދަ ޓީމުތަކާ ދެކޮޅަށެވެ. އިޓަލީ އާއި ޕެރޫ އާއި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނާ ދެކޮޅަށެވެ.

ދެ ޓީމުންވެސް އަމާޒު ކަނޑައަޅައިގެން ތިބީ އެ މޮޅު ނުވުމުގެ ރޭސް ނިމުމަކަށް ގެނައުމަށެވެ. ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ފަހުން، ވޯލްޑްކަޕުގެ އެއްވެސް މެޗަކުން ރަޝިއާ މޮޅުވެފަ އެއް ނުވެ އެވެ.

އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގައި ދެވަނަ ބުރަށް، ސައުދީ ދަތުރު ކުރި އެވެ. އޭގެ ފަހުން އެ ޓީމުވެސް ވޯލްޑްކަޕުގެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެ އެވެ.

ވޯްލޑްކަޕުގެ ތާރީހްގައި މުބާރާތް ހުޅުވާ މެޗުން، މުބާރާތް ބާއްވާ ގައުމު ބަލިވެފަ އެއް ނުވެ އެވެ. އެ ތާރީހްގެ މައްޗަށް ބުރަވެ ރަޝިއާއަށް އަމިއްލަ ގައުމުގައި ސައުދީއާ ދެކޮޅަށް ފުރުސަތު ބޮޑެވެ. މެކްސިކޯގައި 1970 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕު ހުޅުވި މެޗުގައި ރަޝިއާ ވަނީ މެކްސިކޯ އާ އެއްވަރުކޯށްފަ އެވެ. އޭއީ ސޯވިއަޓް ޔޫނިއަންގެ ގޮތުގައި ރަޝިއާ އޮތްއިރު އެވެ.