ހަބަރު

އެއް ކެންޑިޑޭޓަކަށް އެންމެ ރަނގަޅީ ނަޝީދު: އިބޫ

Jun 14, 2018
16

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރެގެން ކަމަށާއި އިދިކޮޅު ޕާޓީތަކުން ނެރޭ ސިންގަލް ކެންޑިޑޭޓަކީ އެމަނިކުފާނަށް ހެދުމަށް ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕް ލީޑަރު އިބްރާހިމް މުހަައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ލޯންޗު ކުރުމަށް އެމްޑީޕީ ހަރުގޭގައި މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ރިޔާސީ އިންތިހާބު ގާތްވެފައިވާތީ އިދިކޮޅު ޕާޓީތަކާ ރައްޔިތުން ގިނަ ސުވާލުތަކެއް އުފައްދަމުން އެބަދާ ކަމަށެވެ. އެގޮތުން ކޯލިޝަން ކޮބައިތޯ އާއި ކޯލިޝަންގެ ކެންޑިޑޭޓު ކޮބައިތޯ އާއި އެމްޑީޕީ އިން ވަކިން ކެމްޕެއިން ކުރަނީ ކީއްވެގެން ކަމާ މެދު ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށާއި އެއީ ޖަވާބު ވެސް ދޭން ޖެހޭ ސުވާލުތަކެއް ކަމަށެވެ. .

އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީތަކުން މިހާރު ވެސް ގަބޫލު ކުރަނީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށެވެ. އަދި އެ މަގްސަދުތައް ހާސިލް ކުރުމަށް އެންމެ ފަސޭހަ ގޮތަކީ ސިންގަލް ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ނަޝީދު ނެރެން މަސައްކަތްކޮށްގެން ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މި ފަށައިގަންނަނީ އެ މަސައްކަތް، ސިންގަލް ކެންޑިޑޭޓެއް ގޮތުގައި ކޯލިޝަންގެ ތެރެއިން ރައީސް ނަޝީދު ނެރުމުގެ މަސައްކަތް، މި މަސަައްކަތް ފަށައިގެން ކުރިޔަށް ދާއިރު ބައިވެރު ހުރަސްތަކެއް އާދޭ، ބައިވަރު އަޑުތައް އަރާ، އެހެން ނަމަވެސް މެޗަައް ފޯކަސްކޮށްގެން ކުރިޔަށް ދާން ޖެހޭ، މިއަދު އަޅުގަނޑުމެން ދަނޑަށް ކުޅެން ނިކުމެ ތިބި އިރު ބޭރުން އިވޭ އަޑު އަހާނެ ކަމެއް ނެތް މެޗައް ފޯކަސް ކުރަންވީ،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅި މަސައްކަތާ ގުޅޭ ގޮތުން ކުރަމުން އަންނަ އިތުރު ސުވާލުތަކަކަށް އަލިއަޅުވާލައި އިބޫ ވިދާޅުވީ އިދިކޮޅުން ސިންގަލް ކެންޑިޑޭޓެއްގެ ނަން ހާމަ ކުރޭތޯ ނުވަތަ ވަކިވަކިން ނިކުމެ އެ އިންތިހާބުގައި ބައިވެރިވަނީތޯ ނޫނީ އެއްވެސް ކެންޑިޑޭޓަކު ނުނެރި މިނިވަން ކެންޑިޑޭޓަކަށް ތާއީދު ކުރައްވަނީތޯ ސުވާލު އުފައްދާ ކަމަށެވެ. އިބޫ ވިދާޅުވީ އިދިކޮޅު ލީޑަރުން އެކަމަށް ހައްލެއް ހޯއްދަވާ ފޯމިއުލާއެއް ނެރުއްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖެއިން ދުނިޔޭގެ އެހެން ގައުމުތަކުގައި ހިނގާ އިންތިހާބުތައް ބަލައި ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށެވެ. އެގޮތުން މެލޭޝިޔާގެ އިންތިހާބަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވި ގޮތުގައި އިންތިހާބަށް އިއުލާންކޮށް އިދިކޮޅަށް ކެމްޕެއިން ކުރުމަށް ސަރުކާރުން ދިނީ އެންމެ 11 ދުވަހެވެ. އިދިކޮޅު ކެންޑިޑޭޓުގެ ފޮޓޯ ޕޯސްޓަރެއް ހިތްޕިޔަސް ފޮޓޯ ނަގާ އެއްލާލާ ކަމަށާއި ފޮޓޮއެއް ޓީވީ އިން ދެއްކުން ވެސްސ މަނާ ކަމަށެވެ. ނަމަވެސް ރައްޔިތުން ނިކުމެ ވޯޓުލުމަށް ފަހު އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު ކެންޑިޑޭޓު ކަމަށާއި ވެރިކަން ކުރެއްވި ބޭފުޅާ ހުންނެވީ މަގާމުން ވަކިވެ ޝަރީއަތާ ކުރިމަތިލާން ޖެހިފައި ކަމަށެވެ. އަދި އިރާދަ ކުރައްވީއާ ރާއްޖޭގައި ވެސް ފެނިގެން ދާނީ އެ މަންޒަރު ކަމަށް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކެންޑިޑޭޓަކީ ރައީސް ނަޝީދަށް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އިބޫ ވިދާޅުވީ އެއް ކެންޑިޑޭޓެއް ގޮތުގައި ޕާޓީތަކުން ނެރެން ބޭނުން ވަނީ އިބޫ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އަދި ރައީސް ނަޝީދާއި އިބޫއާ ދެމެދު މައްސަލަތަކެއް ޖެހި، އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށެވެ.

ނަމަވެސް މިރޭ ވާހަކަދައްކަވަމުން އިބޫ ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަފުޅު ދައްކަވައިފަ އެވެ. އިބޫ ވިދާޅުވީ ރައީސް ނަޝީދަކީ ޖަޒީރާ ރައީސް އަދި ނޫ އިގްތިސާދުގެ ވެރިޔާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ކުޑަ ދުވަސްކޮޅުގައި ގިނަ ގުނަ ހިދުމަތްތަކެއް ރައްޔިތުންނަށް ކުރައްވާފައިވާ ކަމަށާއި އެންމެ ބޮޑު ކަމަކަށް އެމަނިކުފާނު ކުރެއްވީ ޓެކްސް ނިޒާމް ތާރަފް ކުރުމަށް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި މިއަދު އިގްތިސާދު ބަނގުރޫޓު ނުވެ ހުރީ އޭގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.