ވޯލްޑް ކަޕް 2018

މޮރޮކޯ އާއި އިރާން ކުރަންޖެހޭ މަސައްކަތް ދެގުނަ ބޮޑު

ވޯލްޑްކަޕުގައި މޮރޮކާ އާއި އިރާން ކުޅޭ ފުރަތަމަ މެޗުން، ގުރޫޕް "ބީ" ގެ އަނެއް ދެ ބާރަށް ހައިރާކަން ގެނެސް ދިނުމަކީ އެ ދެ ޓީމުގެ އެންމެ ބޮޑު އަޒުމެވެ. "މަރުގެ ގުރޫޕް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ އެ ގުރޫޕްގައި ދެން ހިމެނެނީ 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން އާއި އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް އެވެ.

މުބާރާތުގައި ސްޕެއިން ހިމެނެނީ މުބާރާތް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ފޭވަރިޓުންގެ ލިސްޓްގަ އެވެ. ޔޫރޯގެ ކާމިޔާބާއެކު ޕޯޗުގަލްވެސް ބޮޑު ތަފާތަކަށް ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރާ ދެކޮޅަށް އިރާން އާއި މޮރޮކޯ ދެ ގުނައަށް މަސައްކަތް ކުރަން ޖެހޭނެ އެވެ.

ފެންވަރާއި ހުނަރާއި ތަޖުރިބާއަށް ބަލާއިރުވެސް އެ ދެ ޓީމު ހިމެނެނީ ޕޯޗްގަލް އާއި ސްޕެއިންއަށް ވުރެ މާބޮޑަށްވެސް ފަހަތުގަ އެވެ.

ވޯލްޑްކަޕުގެ ޖާގަ އެންމެ އަވަހަށް ކަށަވަރު ކުރި ނަމަވެސް، ވޯލްޑްކަޕުގައި އިރާން އަކީ ބަދު ނަސީބު ޓީމެކެވެ. ހަތަރު ފަހަރަށް ވޯލްޑްކަޕު ކުޅެފައިވާއިރު، އެ ޓީމަށް މޮޅު ވެވުނީ އެންމެ މެޗަކުންނެވެ. އެއީ ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ގުރޫޕް ސްޓޭޖުގައި އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ވިހި އަހަރު ފަހުން ވޯލްޑްކަޕަށް އެނބުރި އައި، މޮރޮކޯއަށް ބޮޑު އިތުބާރެއް އެބައޮތެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު 18 މެޗުންވެސް ބަލި ވެފައެއް ނުވެ އެވެ. ބަލި ނުވުމުގެ ޓްރެކުގައި މޮރޮކޯއަށް ވުރެ ކުރީގައި އޮތީ، ބެލްޖިއަމް އާއި ސްޕެއިން އެވެ.

މޮރޮކޯގެ ކޯޗް ފްރާންސްގެ ހާވޭ ރެނާޑް އަކީ އެފްރިކާ ބައްރުގައި މަޝްހޫރު ކޯޗެކެވެ. އޭނާ ވަނީ ޒެމްބިއާ އާއި އައިވަރީ ކޯސްޓަށް އެފްރިކާގެ މުބާރާތް ކާމިޔާބު ކޮށްދީފަ އެވެ. އޭނާގެ ތަޖުރިބާ އިރާންއާ ދެކޮޅަށް މުހިންމު ދައުރެއް އަދާ ކުރާނެ އެވެ.

އިރާންގެ ކޯޗް ޕޯޗްގަލްގެ ކާލޯސް ކްއިރޯޒް އަކީ ޓީމުތައް ވޯލްޑްކަޕަށް ކޮލިފައި ކޮށްދިނުމުގައި ތަޖުރިބާ ކާރު ކޯޗެވެ. އިރާންގެ ކޯޗުގެ މަގާމުގައި ގިނަ މުއްދަތެއް އޭނާ ހޭދަ ކޮށްފި އެވެ. ނަމަވެސް ވޯލްޑްކަޕުގެ މެޗަކުން އިރާނަށް މޮޅެއް ހޯދައި ދެވިފައެއް ނެތެވެ. އޭނާ ނިކުންނާނީ މޮރޮކޯއާ ދެކޮޅަށް އެ ތާރީހް ބަދަލު ކުރުމަށެވެ.

މޮރޮކޯ އާއި އިރާން މީގެ ކުރިން ބައްދަލު ކުރީ އެއް ފަހަރު އެވެ. އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 8:00 ގަ އެވެ.