ކުޅިވަރު

ޖަރުމަންގެ ކުރިމަގާ މެދު ސުވާލު ތަކެއް

ދެހާސް ފަސް ވަނަ އަހަރުގެ ފަހުން ޖަރުމަން ވަނީ، ބޭއްވި ހުރިހާ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިންކަން ހޯދި އެވެ. މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ކޮންފެޑްރޭޝަން ކަޕުގެ ޗެމްޕިއަންކަން ހޯދި އެވެ. ޖަރުމަންގެ މިހާރު އޮތް ފުޓްބޯޅައިގެ ޖީލަކީ 1970 ގެ ފަހުން އެ ޓީމުގައި އުފެދުނު ރަން ޖީލެވެ.

"ނަމަވެސް އަހަރެމެންގެ ފުޓްބޯޅައިގެ ކުރިމަގާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ." ޖަރުމަންގެ ފުޓްބޯޅަ މަޖައްލާ "ފުޓްބޯޅަ ކަލްޗާ"އިން ވޯލްޑްކަޕަށް ނެރުނު ހާއްސަ އަދަދުގައި އެ ނޫހުގެ އެޑިޓަރު އުލްރިޗް ޔޭސޭ ލިޔެފައި ވެއެވެ.

"ވޭތުވެދިޔަ 15 އަހަރު އަހަރެމެންގެ ޓީމުން ވަނީ އާދަޔާ ހިލާފު ކާމިޔާބު ތަކެއް ހޯދާފަ، ނަމަވެސް އަހަރެމެންގެ ފުޓްބޯޅަ އަނެއްކާވެސް މިއޮތީ ހަތަރު އަނގޮޅިއެއްގެ މެދަށް ހުއްޓިފައި،" ޖުަރުމަންގެ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ތޯމަސް ހިޓްޒަސްޕާގާ ބުނެފައި ވެއެވެ. އޭނާ ވަނީ ގައުމީ ޓީމަށް 50 ވުރެ ގިނަ މެޗުގައި ކުޅެފަ އެވެ.

"ގައުމީ ޓީމުގެ މަސައްކަތް ވަރަށް ރަނގަޅު، އަދި މެނޭޖްމެންޓުންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރޭ، ނަމަވެސް އަހަރެމެން އަލުން ވިސްނާލަން އެބަޖެހޭ އަހަރެމެން ކިހިނެއްތޯ މި ވާދަ ކުރަނީ، ޒުވާން ކުޅުންތެރިންނަށް އެހީ ނުވެ މި ކަމެއް ފާހަގައެއް ނުވާނެ، އިނގިރޭސި ފުޓްބޯޅަ މިހާރު އެދަނީ ގިނަ ބަދަލުތަކެއް ގެނެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން، ފްރާންސުން ވަރަށް ގިނަ އާ ކުޅުންތެރިން އެބަ އުފައްދާ، އަހަރެމެން ކޮށްލަން ޖެހޭ ސުވާލެއް އެގައުމުތަކާ އެއްވަރަށް އަހަރެމެންނަށް އެކަން ކުރެވޭ ހެއްޔޭ، އަހަރެމެންނަށް ބަދަލެއް ބޭނުންވޭ ހެއްޔޭ، ބުންޑެސް ލީގާއަށް ބަދަލުތަކެއް ގެންނަން ނުޖެހޭ ހެއްޔޭ، މިއީ އަހަރެމެން ކުރަން ޖެހޭ ސުވާލުތައް."

ވޯލްޑްކަޕުގައި ޖަރުމަން ކުޅޭ ފުރަތަމަ މެޗުގައި، މިއަދު އެ ޓީމުން ވާދަ ކުރާނީ، އުތުރު އެމެރިކާގެ ގަދަ ބާރު މެކްސިކޯއާ ދެކޮޅަށެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގަ ޖަރުމަން އޮތް ނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަން ކަމަށް ވިޔަސް ޖަރުމަންއަށް މެޗު ފަސޭހަ ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

މެކްސިކޯގެ ކޯޗް ހުއާން ކާލޯސް އޮސާރިއޯ ބުނީ، ޖަރުމަނާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ ކަމެއް އޭނާގެ ޓީމުން ކުރާނެ ކަމަށެވެ.

"އަހަރެމެންގެ ޓީމުގައި ހުރި ހުރިހާ ފެންވަރެއް ޖަރުމަނާ ދެކޮޅަށް ނެރޭނަން، އަހަރެމެންގެ އެބަތިބި ކޮންމެ ސްޓައިލަކަށް ގޭޟް ފައްތާލި ނަމަވެސް ކުޅެވޭނެ ކުޅުންތެރިން،"

"މި ސްކޮޑުގައި އެބައޮތް، އެއް މަގާމަށް ވުރެ ގިނަ މަގާމުތަކަށް ކުޅެވޭ ކުޅުންތެރިން، އެހެންވީމަ އަހަރެމެންގެ އެބައޮތް ޕްލޭން އޭ އާއި ޕްލޭން ބީ އަދި ޕްލޭން ސީ ވެސް."