ކުޅިވަރު

މެކްސިކޯއިން ޗެމްޕިއަން ޖަރުމަން ބަލިކޮށްލައިފި

ދުނިޔޭގެ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަންގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މެކްސިކޯއިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މުޅިން ތަރިންގެ ސްކޮޑެއް ހިމެނޭ، ޖަރުމަން އާ ދެކޮޅަށް މެކްސިކޯއިން ވަނީ ފުރަތަމަ ހާފަުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. މެކްސީކޯގެ ތަފާތަކަށްވީ ކައުންޓަ އެޓޭކުގައި އެޓީމުން އުފައްދާ ހަމަލާތައް ނުރައްކާ ވުމެވެ.

އެ ޓީމުގެ ލަނޑުވެސް ޖެހީ، ޖަރުމަނުން ހަމަލާއެއް އުފައްދަން ބޯޅައެއް ތަނަވަސް ކުރަން ކުރިއަށް އަރާތިއްބައި، ޖަރުމަންގެ ކުޅުންތެރި އަތުން ބޯޅަ ހޯދައިގެން ތަނަވަސް ކުރި ފުރުސަތެއްގަ އެވެ.

މެޗުގެ 35 ވަނަ މިނެޓްގައި، މެކްސިކޯ ޖެހި ގޯލަކީ، ކައުންޓަ އެޓޭކުގައި ލިބުނު ފުރުސަތުގައި ހާވިއޭ ހެނާންޑޭޒް ބޯޅަ ތަނަަސް ކޮށްދިނުމުން، ލަޒާނޯގެ ސްޕީޑް ބޭނުން ކޮށްގެން ބޯޅައަށް އަރައި ޖަރުމަންގެ ގޯލްގެ ހަނި ފަޅިއަށް ފޮނުވާލި ބާރު ބޯޅައިން ކާމިޔާބު ކުރި ލަނޑެކެވެ.

އެ ބޯޅަ ސަލާމަތް ކުރުމަށް، ޖަރުމަންގެ ކީޕަރު މެނައުލް ނޯޔާ ޑައިވް ކުރި ނަމަވެސް އޭނާގެ އަތުގައި އެ ބޯޅަ ލައްވާލާ ގޮތެއް ނުވި އެވެ.

ލަނޑަށް ފަހު، ޖަރުމަނަށް ހިލޭޖެހުމަކުން، މެކްސިކޯގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. ޓޯނީ ކްރޫޒް ފޮޖުވާލި ހިލޭ ޖެހުން މެކްސިކޯގެ ކީޕަރު ގެލާމޯ އޮޗާއާ ދިފާއު ކުރީ ގޯލްތެރެއަށް ވަދެވަދެ އޮއްވަ އެވެ.

ދެ ވަނަ ހާފުގައި، ޖަރުމަނުން، މެކްސިކޯގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުން ދިޔަ ނަމަވެސް، މެކްސިކޯއިން ދިޔައީ ޖަރުމަނުން އުފައްދާ ހަމަލާތަކުން ބްލޮކު ވާ ބޯޅަ ތަކުން ފުރުސަތު ތަަނަވަސް ކުރަމުންނެވެ.