ހަބަރު

ޖަޕާނަށް އައި ބިންހެލުމުގައި ދިވެއްސަކަށް ގެއްލުމެއް ނުވޭ: މިނިސްޓްރީ

ޖަޕާންގެ އޮސާކާ ސިޓީއަށާއި ގުއަޓަމާލާއަށް އައި ބާރުގަދަ ބިންހެލުމެއްގައި ދިވެއްސަކަށް ގެއްލުމެއްވެފައިނުވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވިސް އިން ބުނި ގޮތުގައި ޖަޕާނު ގަޑިން މިއަދު ހެނދުނު 8:00 ގައި ރެކްޓާމިންގަނޑުން 5.3 ގެ ބާރު މިނުގައި ބިން ހެލުން އައިސްފައި ވަނީ އެ ގައުމުގެ އެންމެ ބޮޑު ރަށް، ހޮންޝޫ އައިލެންޑްގެ އޮސާކާ އަށެވެ. ޖަޕާނުގެ މީޓްރޮލޮޖިކަލް ސެންޓަރުން ބުނަނީ، ބިން ހެލުމުގެ ބާރުމިން ހުރީ ރެކްޓާމިންގަނޑުން 5.9 ގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، ބިންހެލުން އައި ސަރަހައްދުގައި ތިބި ހުރިހާ ދިވެހިން ވެސް ތިބީ ސަލާމަތުން ކަމަށާއި ހާލަތު ވަރަށް ގާތުން މޮނީޓާކުރަމުންދާ ކަމަށެވެ.

ޖަޕާންގެ ސަރުކާރުން ބުނި ގޮތުގައި ބިން ހެލުމުގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އޮފީސްތައް ފެށި އެންމެ ކާރޫބާރޫބޮޑު ވަގުތުގައި އައި މި ބިންހެލުމުގެ ސަބަބުން، ބައެއް ސަރަހައްދުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންވި ކަމަށެވެ. ޖަޕާނުގެ ސަރުކާރުން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ހިމެނެ އެވެ. އެ ކުއްޖާ މަރުވީ ސްކޫލަށް ދިޔަ މަގުމަތީގައި އައި މި ބިންހެލުމުގެ ސަބަބުން ކައިރި އިމާރާތެއްގެ ފާރު އެ ކުއްޖާގެ ގައި މައްޗަށް ވެއްޓިގެން އެވެ. އަދި ދެވަނަ އަށް މަރުވި މީހަކީ ވެސް ވެއްޓުނު ފާރެއް ދަށުވެ މަރުވި މުސްކުޅި މީހެކެވެ.

މި ބިންހެލުމާ ގުޅިގެން އޮސާކާ ސިޓީގެ ރޭލުގެ ދަތުރުގެ ހިދުމަތްތައް މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އަދި ބިން ހެލުން އައި ވަގުތު 170،000 ގޭބިސީއަކުން ކަރަންޓްގެ ހިދުމަތް ވެސް ކެނޑުނެވެ. އެހެން ނަމަވެސް، ގަޑިއެއްހާ އިރު ތެރޭގައި މި ސަރަހައްދުތަކަށް އަލުން ވަނީ ކަރަންޓް ދީފަ އެވެ.

ގުދުރަތީގޮތުން ޖަޕާނާއި ގުއަޓަމާލާ އުފެދިފައި ވަނީ، އަލިފާން ފަރުބަދަތަކާއި ލޮޅުންތައް ގިނަ އަދި ބިންހެލުމުގެ އައުމުގެ ފުރުސަތު ވަރަށް ވެސް ބޮޑު، ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ޕްލޭޓްގަ އެވެ. ޕެސިފިކް ކަނޑަށް ފެތުރިފައިވާ މި ޕްލޭޓްގެ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެ އެވެ.