ދުނިޔެ

އޮބާމާގެ ދޮށީ ދަރިކަނބަލުންނާ ކައިވެނިކުރަން ކެންޔާގެ ވަކީލަކު ގެރި އާއި ބަކަރި ހުށަހަޅައިފި

ކެންޔާގެ ދަ ނައިރޯބިއަން ދުވަހު ނޫހަށް ދިން އިންޓަވިއުއެއްގައި، ފީލިކްސް ކިޕްރޯނޯ ނަމަކަށް ކިޔާ މި ޒުވާން ވަކީލު ބުނެފައި ވަނީ އޮބާމާގެ ދޮށީ ދަރިކަނބަލުން، މާލިއާއާ ކައިވެނިކުރުމުގެ ހުއްދަ އަށް 50 ގެރި އާއި 30 ބަކަރި އަދި 70 ކަންބަޅި އަގެއްގެ ގޮތުގައި ހުށަހެޅުމަށް އޭނާ ތައްޔާރަށް ހުރި ކަމަށެވެ.

މާލިއާ އަށް އަދި ކިރިޔާ 16 އަހަރު ފުރުނީ އެވެ. އޭނާއާ އިންނަން ހުވަފެން ދެކޭ ކެންޔާގެ ޒުވާނާގެ އުމުރު ނޫހުގައި އާންމުކޮށްފައެއް ނުވެ އެވެ.

ނަމަވެސް އޭނާ ބުނަނީ އޮބާމާގެ ދަރިކަނބަލުންނަށްޓަކައި އޭނާގެ ހިތުގައި އުފެދިފައި ވަނީ އަސްލު އަދި އެހާމެ އަސަރުގަދަ ލޯތްބެއް ކަމަށެވެ.

"އަޅުގަނޑަށް މި ކުއްޖަކު ކަމުދިޔައީ 2008 ވަނަ އަހަރު،" ނައިރޯބިއަން ދުވަހު ނޫހަށް ދިން އިންޓަވިއުއެއްގައި ކިޕްރޯނޯ ބުނެފައިވެ އެވެ.

އޭނާ ފާހަގަ އެ ކުރި އަހަރަކީ އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަށް އޮބާމާ އެންމެ ފުރަތަމަ ކެމްޕޭން ކުރައްވަމުން ގެންދެވި އަހަރެވެ. އޭރު މަލާލާ އަށް 10 އަހަރެވެ.

ކެންޔާގެ ޒުވާނާ ބުނަނީ އޮބާމާގެ ދަރިކަނބަލުން ފެނި އޭނާ އަށް ހިތްބަންޑުންވި ހިސާބުން ފެށިގެން ދެ ވަނަ އަންހެނަކަށް އޭނާގެ ހިތް ހަލާލު ނުވާނެ ކަމަށް ނިންމައިފި ކަމަށެވެ.

"އަސްލު ހަގީގަތަކީ، އަހަރެން އެއަށް ފަހު އެހެން އަންހެން ކުއްޖަކު ގޮވައިގެން އުޅެފައި ނެތްކަން. އަހަރެން މި ވަނީ އޭނާ އަށް ވަފާތެރިވާން ވައުދުވެފައި. އަހަރެން މިހާރު މި ވާހަކައެއް އާއިލާގެ މީހުންގެ ގާތު ވެސް ބުނެފިން. އެމީހުން ތިބީ ކައިވެނީގެ އަގު ދޭން ތައްޔާރަށް،" ކިޕްރޯނޯ ބުނެފައިވެ އެވެ.

ކިޕްރޯނޯ އޮބާމާގެ ދަރިކަނބަލުންނާ ކައިވެނިކުރުމުގެ ހުވަފެން ދެކެމުން އަންނައިރު މި އަހަރުގެ ޖުލައި މަހު އޮބާމާ ކެންޔާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އޮބާމާގެ ބައްޕަ ފަރާތުގެ އާއިލާ ނިސްބަތް ވަނީ ކެންޔާ އަށެވެ.

އެހެންކަމުން މަލިއާގެ، ބައްޕަފަރާތު ކާފަގެ ރަށަށް އޮބާމާ ކުރައްވާ ދަތުރުފުޅުގައި މާލިއާ ގޮވައިގެން ވަޑައިގަތުމަކީ ކިޕްރޯނޯގެ ވަރަށް ބޮޑު އެދުމެކެވެ. އޭނާ ބުނެފައި ވަނީ އެ ދަތުރުފުޅުގައި ކެންޔާ އަށް ވަޑައިގެން މާލިއާއާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު އޮބާމާ އޭނާ އަށް ތަނަވަސްކޮށްދެއްވާތޯ އެދި މިހާރު ސިޓީއެއް ވެސް ތައްޔާރުކޮށްފައިވާ ކަމަށެވެ.

މި ހުވަފެނެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ މި ޒުވާނާ ބުނަނީ އޮބާމާގެ ދަރިކަނބަލުންނާ އޭނާ ކައިވެނިކުރަން އުޅެނީ އެއްގޮތަކަށް ވެސް އެ އާއިލާގެ މުދާވެރިކަމުގެ ދަހިވެތިކަމުގައެއް ނޫން ކަމަށެވެ.

"ބައެއް މީހުން ބުނެފާނެ އަހަރެން އުޅެނީ އެމީހުންގެ އާއިލާގެ މުއްސަނދިކަމާ ހެދިއޭ. އެކަމަކު އެހެނެއް ނޫން. އަހަރެން ހިތުގައި މަލާލާ އަށް އުފެދިފައި ވަނީ ހަގީގީ ލޯބި."

ކިޕްރޯނޯ ބުނެފައި ވަނީ މާލިއާ އަށް ޕްރޮޕޯޒްކުރާނެ ގޮތް ވެސް މިހާރު މުޅިން ޕްލޭންކޮށް ނިމިފައިވާ ކަމަށާއި ކައިވެނީގެ ހަފުލާގައި ޝެމްޕޭންގެ ބަދަލުގައި ފެލާނީ ކިރު ކަމަށެވެ.