ވިޔަފާރި

ގެސްޓް ހައުސް އައިލެންޑަށް ހިދުމަތް ދޭނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް: ގައުމީ ފެން ކުންފުނި

May 27, 2015

ގެސްޓް ހައުސް އައިލެންޑް ތަރައްގީކުރާ ލ. ބަރެސްދޫއަށް ހިދުމަތް ދޭން ބޭނުންކުރާނީ ތިމާވެއްޓާ ރަހުމަތްތެރި މޮޑެލްތަކެއް ކަމަށް ގައުމީ ފެން ކުންފުނިން ބުނެފި އެވެ.

ގައުމީ ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓަށް އެ ކުންފުނިން ގިނަ ހިދުމަތްތަކެއް ދޭނެ ކަމަށެވެ. އެ ހިދުމަތްތަކުގެ ތެރޭގައި ބަރެސްދޫ އަށް ކަރަންޓު ދިނުމާއި ފެނާއި ނަރުދަމާ އަދި ކުނި ނައްތާލުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

" އެމްޑަބްލިއުއެސްސީގެ ފަރާތުން މި ދެނީ ޓޯޓަލް އިންޓަގްރޭޑެޓް ސާވިސްއެއް. އެންވަޔަރުމެންޓް ފްރެންޑްލީކޮށް ކުރިއަށް ގެންދާގެ މަޝްރޫއެއް މިއީ. ޕަވާ، ފެން ނަރުދަމާ، ސޯލާޕެނަލް ވެސް މި ދޫކުރަނީ ޕަވާ ސޭވް ކުރެވޭނެ،" ފަޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަޝްރޫއަކީ ވަރަށް ފީޒިބަލް މަޝްރޫއެއް ކަމަށާއި، ބަރެސްދޫގެ ހިދުމަތް ދިނުމުގެ މަސައްކަތް ވީ އެންމެ އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"މެދު ފަންތި އަށް އަމާޒު ކުރެވިގެން ހިންގާ މި މަޝްރޫއެއް މިއީ، މި މާކެޓުގައި ވަރަށް ބޮޑަށް ބޫސްޓް ވެގެން މިދަނީ. އެހެންވެ މިކަމުގެ ދެމެހެއްޓެނިވި ފައިދާއެއް ލިބިގެންދާނެ. އަޅުގަނޑުމެން މި ބަލަނީ ބަނދަރު ނިމުމުގެ ކުރިން ވެސް ބައެއް ހިދުމަތްތައް ދޭން. އަހަރެއްހާ ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމާލެވޭނެ ކަމަށް މި ބަލަނީ،" ފަޒުލް ވިދާޅުވި އެވެ.

ގެސްޓް ހައުސް އައިލެންޑް މަޝްރޫއުގެ ދަށުން 2،000 އަށްވުރެ ގިނަ އެނދު އުފެދިގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ ބުނެފަ އެވެ. މި މަޝްރޫއުގެ ދަށުން ބަރެސްދޫގެ ބަނދަރާއި ކޯޒްވޭ ހެދުމަށް ވަނީ ހެވީފޯސް ކުންފުންޏާ ހަވާލުކޮށްފަ އެވެ. އަދި ފަތުރު ފަތުރުގެ ހިދުމަތް ދިނުމަށް ވަނީ މޯލްޑިވިއަންއާ ހަވާލުކޮށްފަ އެވެ. ބަރެސްދޫ ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރެވެ.