ފިނިޕޭޖް

"އިންކްރެޑިބަލްސް 2"އަށް ބޮޑު ރެކޯޑެއް

ޑިޒްނީ ޕިކްސާރުން ގެނެސްދިން އެނިމޭޓެޑް ފިލްމު "އިންކްރެޑިބަލްސް 2" އަށް ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި ރެކޯޑެއް މުގުރާލެވިއްޖެ އެވެ.

މި ފިލްމަކީ މިހާރު ފުރަތަމަ ދުވަހު، މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމެވެ.

ހަތަރު ހާހަށްވުރެ ގިނަ ސްކްރީނުތަކުގައި އަޅުވައިގެން މި ފިލްމަށް ވަނީ ފުރަތަމަ ދުވަހު 180 މިލިއަން ޑޮލަރު ލިބިފަ އެވެ. ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދައިގެން އެ މަގާމު ދިފާއުކޮށްގެން މީގެ ކުރިން އޮތީ ހަމަ ޑިޒްނީ ޕިކްސާރުން ގެނެސްދިން ފިލްމު "ފައިންޑިން ޑޯރީ" އެވެ. އެއީ 2016 ވަނަ އަހަރު 135 މިލިއަން ޑޮލަރާއެކު އެވެ.

އެމެރިކާގެ ބޮކްސް އޮފީހަށް ބަލާނަމަ މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގެ އަށް ވަނަ ވަނީ މި ފިލްމަށް ލިބިފަ އެވެ. ކްރިޓިކުންވެސް ތައުރީފުކޮށްފައިވާ މި ފިލްމު ރޮޓެން ޓޮމާޓޯގައި ވަނީ 94 ޕަސެންޓުގެ ރޭޓިން ލިބިފަ އެވެ.

"އިންކްރެޑިބަލްސް 2" މި ގެނެސްދިނީ މީގެ ފުރަތަމަ ފިލްމު ނިކުތްތާ 14 އަހަރު ފަހުންނެވެ. މި ފިލްމަކީ ހުސް ސުޕަހީރޯއިން އުޅޭ އާއިލާއެއްގެ މެމްބަރުންނަށް ދިމާވާ ތަފާތު ކަންކަން ދައްކުވައިދޭ ފިލްމެކެވެ.

ފުރަތަމަ ފިލްމާ ހިލާފަށް މި ފިލްމުގައި ލީޑު ނެގީ މިސްޓާ އިންކްރެޑިބަލްސްގެ އަންހެނުން އިލާސްޓިގާލް އެވެ. މިސްޓާ އިންކްރެޑިބަލްއަށް މިފަހަރު ޖެހުނީ ކުދިން ބަލަން ގޭގައި ހުންނާށެވެ.

މާލެ އާއި ހުޅުމާލޭ ޝުވެކް ސިނަމާގައިވެސް މި ފިލްމު މިހާރު އަންނަނީ ދައްކަމުންނެވެ.