ބާއެއްގެ ތެރޭގައި ފިނި ބުއިމެއް ބޯލަން، ފުން ހިތާމައެއްގެ ތެރެއަށް ގެނބިފައި އިން ޒުވާން ފިރިހެން ކުއްޖަކު އެކަނިމާ އެކަނި އިންނެވެ. އެ މަންޒަރު ބަދަލުވުމަށްފަހު ދެން ފެންނަނީ މެދު އުމުރުގެ އަންހެނަކު މަގެއް މަތީ ފޯނެއްގައި ހުންނަ މަންޒަރެވެ. ބާތްބޯވެފައި އޮތް އެމަގުގާއި އޭނަ ހުއްޓިގެން ހުރިއިރު މޫނުމަތިން ފެންނަނީ ހާއްސަކަމާއި ނުތަނަވަސްކަމެވެ.
މި މަންޒަރުތައް ގެނެސްދެމުން ދިޔައިރު ހިތާމަވެރި ލޯބީގެ ލަވައެއް އަޑުއިވެ އެވެ.
"ދެރަވެފައި އިން ޒުވާން ފިރިހެން ކުއްޖަކީ ފޯނުގައި ހުރި އަންހެން މީހާގެ ރައްޓެއްސެއްގެ ކޮއްކޮ." މި ޑްރާމާގެ ޕްރޮޑިއުސަރު މާ ޖުންގް ހޫން ކިޔައިދިނެވެ. "މި ދެ މީހުން އެކަކު އަނެކަކު ދެކެ ވަރަށް ގަޔާވެ، އެކަމަކު މި ދެ މީހުންގެ މައިންބަފައިން މި ގުޅުމާއި މެދު ހިތްހަމައެއްނުޖެހޭ."
ކޮރެއާ ޑްރާމާތަކަކީ މިހާރު ދިވެހި ޒުވާނުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ޑްރާމާތަކެކެވެ. ކޮރެއާ ޑްރާމާތަކަށް މަރުދޭ ޒުވާނުންނަށް މި ޑްރާމާ ކަމުދާނެ އެވެ.
"ސަމްތިން އިން ދި ރެއިން" ނުވަތަ ކޮރެއާގައި މަޝްހޫރު ނަމުންނަމަ، "ޕްރިޓީ ސިސްޓާ ހޫ ބައިސް މީ ފުޑް" އަކީ މިހާރު އެ ގައުމުގައި އެންމެ މަގުބޫލު އެއް ޑްރާމާ އެވެ. މި ޑްރާމާގައި ގެނެސްދެނީ ތިރީހުގެ އަހަރުތައް ގުނަމުން އަންނަ އަންހެނަކަށް އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ކޮއްކޮ ދެކެ ލޯބިވެވުމުން ދިމާވާ ކަންތައްތަކެވެ.
ކޮންމެ ހަފްތާ ބަންދަކުން ދެ އެޕިސޯޑު ދައްކާ މި ޑްރާމާ މިހާރު ނެޓްފްލިކްސް އިންވެސް ބަލާލެވޭނެ އެވެ.
ދެހާހުގެ އަހަރުތަކުން ފެށިގެން ކޮރެއާގެ ޑްރާމާ އިންޓަސްޓްރީއަށް އަންނަނީ ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ. އެ މީހުނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ އިންޓަނޭޝަނަލް މާކެޓުންނެވެ. "ސަމްތިން އިން ދި ރެއިން" އަކީ އިންޓަނޭޝަނަލް މާކެޓުގައި މިހާރު އެންމެ ހިނގާ ކޮރެއާ ޑްރާމާ އެވެ.
"އަހަރެމެންނަށް ލިބޭ އާމްދަނީގެ ބައިކުޅަ ބައި އާމްދަނީ އަންނަނީ އިންޓަނޭޝަނަލް މާކެޓުން." މާ ޖުންގް ހޫ ބުންޏެވެ. "އޭގެ ތެރެއިން 70 ޕަސެންޓަކީ އޭޝިއާގެ ގައުމުތަކުން. އަނެއް 30 ޕަސެންޓަކީ އެމެރިކާއިން،"
ބޭރު ގައުމުތަކުން ހާއްސަކޮށް އެމެރިކާގެ ކުންފުނިތަކުން ކޮރެއާ ޑްރާމާ އުފެއްދުމަށް މިހާރު ހަރަދުވެސްކުރެ އެވެ. ނެޓްފްލިކްސްއާއި ވިކީ ފަދަ އޮންލައިން ސްޓްރީމިން ހިދުމަތްދޭ ކުންފުނިތަކުންވެސް ކޮރެއާ ޑްރާމާ މިހާރު އުފައްދަ އެވެ.
ކޮރެއާ ޑްރާމާގެ އިތުރުން ކޭ-ޕޮޕް ލަވަތަކަކީވެސް މިހާރު ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލުކަން ހޯދަމުން އަންނަ ލަވަތަކެކެވެ.