ދުނިޔެ

ޗައިނާ އަސްކަރިއްޔާގެ ފޯކަސް އައްސޭރިފަށުން މާކަނޑަށް!

May 27, 2015

އަސްކަރިއްޔާ އިން ހިންގާ އޮޕަރޭޝަންތައް އައްސޭރިފަށުން ދުރަށް، މާކަނޑަށް ފޯކަސް ކުރުމަށް ޗައިނާ އިން ނިންމައިފި އެވެ.

ޗައިނާ އިން އިއްޔެ ރަސްމީކޮށް އާއްމުުކުރި އާ އަސްކަރީ ސްޓްރެޓެޖީގައިވާ ގޮތުން، ޗައިނާގެ އަސްކަރިއްޔާ އިން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މައިގަނޑު ހަތަރު ދާއިރާ އަކަށެވެ. އެއީ، ކަނޑާއި ޖައްވުގެ އިތުރަށް ނިއުކްލިއާ އަދި ސައިބަ ސެކިއުރިޓީ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ދޭނީ، އެ ސްޓްރެޓެޖީގައި ބުނި ގޮތުގައި، ހަމައެކަނި "އައްސޭރިފަށް ހިމާޔަތްކުރުމު"ގެ ބަދަލުގައި، "މާކަނޑުގެ ސަލާމަތާއި ރައްކާތެރިކަން" ކަށަވަރުކުރުމަށެވެ.

ޗައިނާގެ އަސްކަރިއްޔާގެ ފޯކަސް މާކަނޑަށް ބަދަލުކުރަން ނިންމާފައި މި ވަނީ، ސައުތު ޗައިނާ ކަނޑުގައި ހުރި ރަށްތަކުގެ މިލްކުވެރިކަމުގެ މައްސަލައިގައި ޗައިނާ އާއި އަވަށްޓެރި ގިނަ ގައުމުތަކެއްގެ އިތުރަށް ހުޅަނގާ ދެމެދު ވެސް ބޮޑެތި މައްސަލަތަކެއް އުފެދިފައި ވަނިކޮށެވެ. އެ ގޮތުން، ވިއެޓްނާމާއި ފިލިޕިންސާއި މެލޭޝިއާ އަދި ބުރޫނާއީން ވެސް މިލްކުވެރިކަމަށް ދައުވާކުރާ އެ ޖަޒީރާ ރަށްތަކުގައި ޗައިނާ އިން ބިޔަ މަޝްރޫއުތައް ހިންގުމާއި އެ ސަރަހައްދު ހިއްކައިގެން "ރަށްތަކެއް" ހަދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ޗައިނާގެ ބޭނުމަކީ ސައުތު ޗައިނާ ކަނޑުގައި އަސްކަރީ ބާރު ގަދަކުރުން ކަމަށް އެ ސަރަހައްދުގެ ގައުމުތަކާއި ޗައިނާއާ ވާދަވެރި ގައުމުތަކުން ބުނެ އެވެ. އެހެން ނަމަވެސް، އެ ރަށްތައް ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި ހުރުމަކީ ޗައިނާގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ޗައިނާ އިން ދެކެ އެވެ. އަދި ސައުތު ޗައިނާ ކަނޑުގެ ވަސީލަތްތައް ތަރައްގީކުރުމަކީ ޗައިނާ އިން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ބުނެ އެވެ.

ސައުތު ޗައިނާ ކަނޑުގައިވާ ޗައިނާގެ ހައްގުތަކާއި މަސްލަހަތުތަކަށް ނުރައްކާވެފައިވާކަން އިއްޔެ އާއްމުކުރި އަސްކަރީ ސްޓެރެޓެޖީގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް، އިސްވެ ހަމަލާ ނުދޭނެ ކަމަށާއި ޗައިނާ އިން ހަމަލާ ދޭނީ ރައްދުގައި އެކަނި ކަމަަށް އެ ސްޓްރެޓެޖީގައި ބުނެފައިވެ އެވެ.

މި ސްޓްރެޓެޖީ އާއްމުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ޔަންގް ޔުޖުން ވިދާޅުވީ ސައުތު ޗައިނާ ކަނޑުގައި ހުރި "އަހަރުމެންގެ ރަށްތަކުގައި" ކުރިއަށް ގެންދާ މަޝްރޫއުތަކާއި ޗައިނާގެ "އެކި ކަންކޮޅުތަކުގައި ހިނގަމުންދާ މަޝްރޫއުތަކާ އެއްވެސް ތަފާތެއް ނެތް" ކަމަށެވެ.

"[ސައުތު ޗައިނާ ކަނޑުގައި] ރަށްތައް ހެދުމުގެ ފައިދާ ބައިނަލްއަގުވާމީ ދުނިޔެ އަށް ވެސް ކުރާނެ. އެއީ އެ ރަށްތަކުގެ ސަބަބުން މީހުން ހޯދައި ސަލާމަތް ކުރުމުގެ ގާބިލުކަން އިތުރުވެ، ތިމާވެށި ހިމާޔަތްކުރުމަށް ޗައިނާ އިން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބޭނެތީ،" އޭނާ ވިދާޅުވި އެވެ