ހަބަރު

އާންމުންނަށް ބެލޭނެ ގޮތަށް ސިފައިން މުބާރާތެއް ބާއްވަނީ

Jun 19, 2018
3

އެމްއެންޑީއެފް އިން "ހެސަ ވާދަ – 2018" ގެ ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ މުބާރާތެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ، ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުންހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުންއައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުބާރާތެކެވެ.

ރަސްމިއްޔާތަކާއެކު އަންނަ ހުކުރު ދުވަހުގެ ރޭ 20:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެ ސިޓީ ދެކުނުފަރާތު އިންޑަސްޓްރިއަލް ޒޯނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިވެންޓްތައް އޮންނާނީ ކޮންމެ ރެއެއްގެ 20:00 ން 00:00 އަށެވެ. މި މުބާރާތުގެ އިވެންޓުތައް ބެލުމުގެ އިންތިޒާމް، އިވެންޓްތައް ކުރިއަށްދާ ވަގުތުތަކުގައި އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ.

"ހެސަ ވާދަ – 2018" ގައި ބައިވެރިވާ ޓީމްތަކުން މި ޗެލެންޖުގައި ފުރިހަމަ ކުރަން ޖެހޭ އިވެންޓްތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ޖޯލިގެތުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނެއެވެ.

މި މުބާރާތުގައި އެމްއެންޑީއެފްގެ 17 ޔުނިޓެއް ބައިވެރިވެފައިވާއިރު މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެންމެ އަވަހަށް އިވެންޓްތައް ފުރިހަމަކުރާ ތިން ޓީމެއް ހޮވައި ވަނަ ދިނުމަށް ވަނީ ހަމަޖައްސާފަ އެވ.