ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަވަސްއިން ގެނެސްދޭ ހާއްސަ ކަވަރޭޖްގައި މަސައްކަތް ކުރާނެ ވޮލެންޓިއަރުން ހޯދުމަށް މިއަދު އިއުލާންކޮށްފި އެވެ.
އިންތިހާބުގައި ވޯޓު ފޮށިތައް ކައިރީގައި ހަރަކާތްތެރިވާނެ މޮނީޓަރުންގެ ގޮތުގައި ވޮލެންޓިއަރުން ހޯދުމަށް އަވަސްއިން އިއުލާން ކުރީ މިއަދު އެވެ. ވޮލަންޓިއަރަކަށް ވުމަށް ޝައުގިވެރިވާ ފަރާތްތަކުން އޮންލައިންކޮށް ފޯމް ފުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ފުރުސަތު މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވިފަ އެވެ.
މި ފުރުސަތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަވަސްގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް ވިދާޅުވީ، އިންތިހާބަށް އަވަސްއިން 300 އެއްހާ ވޮލެންޓިއަރުން ހޯދުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްކަށް އޮންލައިން ފޯމް ފުރުމުގެ އިންތިޒާމް މިހާރު އަވަސްގެ ވެބްސައިޓްގައި ވަނީ ހުޅުވާލައިފަ އެވެ.
އާދަމް ހަލީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ގައުމުތަކުން އަވަސްއިން ވޮލަންޓިއަރުން ހޯދާނެ އެވެ. ވޮލަންޓިއަރުންގެ މައިގަނޑު މަސައްކަތަކަށް ވާނީ ވޯޓްލާ މަރުކަޒުތަކުގައި ހިނގާ ހަރަކާތްތަކާއި ފޮޓޯ އާއި ވީޑިއޯ އަދި ވަގުތުން ނަތީޖާތައް އަވަސްގެ އިލެކްޝަން ސެންޓަރާ ހިއްސާކުރުމެވެ.
މިއީ ވަރަށް ރަނގަޅު ފުރުސަތެއް، އަވަސްއިން މަސައްކަތް ކުރާނީ ތަފާތު ކަވަރޭޖެއް ޒަމާނީ މީޑިއަމްތައް ބޭނުންކޮށްގެން އޮންލައިނުކޮށް ގެނެސްދިނުމަށް. އަޅުގަނޑުމެންގެ ކަވަރޭޖް އިރާދަކުރެއްވިއްޔާ މިފަހަރު ތަފާތު ވާނެއާދަމް ހަލީމް - ޗީފް އެޑިޓަރު
ވޮލެންޓިއަރުންގެ ގޮތުގައި އަވަސްގެ ޓީމާ ގުޅޭ ފަރާތްތަކުން ކުރާ މަސައްކަތަކަށް ކަނޑައެޅިފައިވާ އެލަވެންސްއެއް ވެސް ދޭނެ ކަމަށް އާދަމް ހަލީމް ވިދާޅުވި އެވެ. އަދި ވޯޓުލާ ދުވަހުގެ ކުރިން ތަމްރީނު ޕްރޮގްރާމްތައް ވެސް ވޮލެންޓިއަރުންނަށް ހާއްސަކޮށްގެން އަވަސްއިން ހިންގާނެ އެވެ.
ވޮލެންޓިއަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްމާޓް ފޯނު ގެންގުޅޭ އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އަހުލުވެރި އަމިއްލަ ސައިކަލް ގެންގުޅޭ ފަރާތްތަކަށް އިސްކަން ދޭނެ އެވެ.
"މިއީ ވަރަށް ރަނގަޅު ފުރުސަތެއް، އަވަސްއިން މަސައްކަތް ކުރާނީ ތަފާތު ކަވަރޭޖެއް ޒަމާނީ މީޑިއަމްތައް ބޭނުންކޮށްގެން އޮންލައިނުކޮށް ގެނެސްދިނުމަށް. އަޅުގަނޑުމެންގެ ކަވަރޭޖް އިރާދަކުރެއްވިއްޔާ މިފަހަރު ތަފާތު ވާނެ،" އާދަމް ހަލީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ވޮލެންޓިއަރުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ކުރިއަށް އޮތް ތަނުގައި އަވަސްއާއެކު ދާއިމީކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ދޭނެ އެވެ.
އޮންލައިނުކޮށް ކުރިމަތިލާން ހުޅުވާލާފައިވާއިރު ފޯނުން އަވަސްއަށް ގުޅައިގެން ވެސް ވޮލެންޓިއަރު ކަމަށް ޝައުގުވެރިކަން ފާޅުކުރެވޭނެ އެވެ. އަވަސްގެ ފޯނު ނަންބަރަކީ 3011534 އެވެ. ރަސްމީ ގަޑި، ހެނދުނު 8:30 - ހަވީރު 4:00 އަށް ގުޅައިގެން ނަން ނޯޓްކުރެވޭނެ އެވެ.