ދުނިޔެ

ރެފިއުޖީންގެ ގަބުރުތައް ނެގުމުގެ މަސައްކަތް މެލޭޝިއާއިން ފަށައިފި

May 27, 2015

މަރާލުމަށް ފަހު ވަޅުލާފައި ވަނިކޮށް ފެނުނު ރެފިއުޖީންގެ ގަބުރުތައް ނެގުމުގެ މަސައްކަތް މެލޭޝިއާ އިން އިއްޔެ ފަށައިފި އެވެ.

މެލޭޝިއާ އާއި ތައިލެންޑް ގުޅޭ ބޯޑަރު ކައިރީގައި އޮންނަ ޕާލިސް ސްޓޭޓުގެ ޕަދަންގު ބެސާރު ސަރަހައްދާއި ވެންގް ކެލިއަން ސަރަހައްދުން މިދިޔަ އާދިއްތަ ދުވަހު ފެނުނު ކަށްވަޅުތަކުގެ އަދަދު 139 އަށް އަރަ އެވެ. މީހުން ޓްރެފިކްކުރާ ބަޔަކު ބޭނުންކޮށް ދޫކޮށްލާފައިވާ 17 ކޭމްޕަކުން ފެނުނު އެ ކަށްވަޅުތަކުގައި ހުރި ކަމަށް ބޮޑަށް ބެލެވެނީ ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންތަކެއްގެ ގަބުރުތަކެކެވެ.

މެލޭޝިއާގެ ފުލުހުންގެ ވެރިޔާ ހާލިދު އަބޫ ބަކުރު އިއްޔެ ވިދާޅުވި ގޮތުގައި މަރާލުމުގެ ކުރިން އެ ރެފިއުޖީންނަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ވަނީ ފެނިފަ އެވެ. އެ ގޮތުން، އެ މީހުން ބައިތިއްބާފައި ތިބީ ލަކުނޑިންނާއި ކަށިނަރުން ހަދާފައި ހުރި ކޮށިތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ މީހުން ތިބީ އެއްވެސް ހަރަކާތެއް ނުކުރެވޭ ގޮތަށް. އަދި ފިލައިގެން ދޭތޯ ބަލަން ގާޑުން ވެސް ތިބި،" ހާލިދު ވިދާޅުވި އެވެ.

މިއީ މިފަދަ ކަށްވަޅުތަކެއް މެލޭޝިއާ އިން ފެނުނު ފުރަތަމަ ފަހަރު ކަމަށް ވިޔަސް، މިފަދަ އެތައް ވަޅެއް މީގެ ކުރިން ތައިލެންޑުން ފެނިފައިވެ އެވެ. އެ ކަށްވަޅުތައް ފެނިފައި ވަނީ މިޔަންމާ ދޫކޮށް ދާ ރޮހިންޔާ ދަރިކޮޅުގެ މީހުން ޓްރެފިކްކުރުމަށް އާއްމުކޮށް ބޭނުންކުރާ މަގުތަކުންނެވެ.

ތައިލެންޑުން ވަނީ އެ ގައުމުގައި ހަރަކާތްތެރިވާ، މީހުން ޓްރެފިކްކުރާ ނެޓްވޯކުތަކާ ދެކޮޅަށް ހާއްސަ އަސްކަރީ ކެމްޕޭނެއް ދާދި ފަހުން ފަށާފަ އެވެ. މެލޭޝިއާ އިން ފެނުނު ފަދަ ކަށްވަޅުތަކެއް އެ އޮޕަރޭޝަނުގައި ވެސް ފެނިފައިވެ އެވެ.

ރޮހިންޔާ ދަރިކޮޅުގެ ބަޔަކު މަރައި ވަޅުލާފައި ހުރި ކަމަށް ބެލެވޭ ކަށްވަޅުތަކެއް މެލޭޝިއާ އިން ފެނިފައި ވާއިރު، މިއަންމާ ދޫކޮށް ދާ ގިނަ އަދަދެއްގެ ރޮހިންޔާ ދަރިކޮޅާއި ބަންގްލަދޭޝް މީހުން ކަނޑުމަތީގައި ހާލުގައި ޖެހުން ވަނީ އިތުރުވެފަ އެެވެ. ގިނަ ދުވަސްތަކެއްގެ ދެބަސްވުންތަކަށް ފަހު، މެލޭޝިއާ އާއި އިންޑޮނީޝިއާ އަދި މިއަންމާ އިން ވަނީ ރެފިއުޖީންނަށް އެހީވާން މިހާރު ފަށާފަ އެވެ.

މިއަންމާގައި ތިބި ރޮހިންޔާ މުސްލިމުންގެ އަދަދު 800،000 އަށް އަރާއިރު، މިއީ ރަށްވެހިކަމެއް ނެތި މި ގޮތަށް ބާކީވެފައި ތިބޭތާ އެތައް ޒަމާނެއްވީ، ނާޒުކު ދަރިކޮޅެވެ. މި ދަރިކޮޅުގެ މީހުންނަށް މިއަންމާ ސަރުކާރާއި ބުދު ދީނުގެ ހަރުކަށި ވިސްނުން ގެންގުޅޭ މީހުން ވަނީ ހުރިހާ ދިމާލަކުން ދަތިކުރުމުގެ ފިޔަވަޅުތައް ކުރިމަތިކޮށްފަ އެވެ. އެ ގޮތުން، ކައިވެނިކުރުމުން ފެށިގެން ވަޒީފާ އަދާކޮށް، ތައުލީމު އުނގެނުމުގެ ހައްގުން އެ މީހުން ވަނީ މަހުރޫމްކޮށްފަ އެވެ.

ބަންގަލްދޭޝް އަށް ނިސްބަތްވާ ރެފިއުޖީންގެ ތެރޭގައި ގިނައިން ހިމެނެނީ ރަނގަޅު އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ގައުމު ދޫކޮށްދާ މީހުންނެވެ.