ހަބަރު

ގާސިމް ދެއްވި މަގާމު ކަމާލުއްދީން ގަބޫލެއް ނުކުރެއްވި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ދެއްވި މަގާމު ގަބޫލު ކުރެއްވުމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން އިންކާރު ކުރައްވައިފި އެވެ.

ގާސިމް މިއަދު ފޭސްބުކް ލައިވް މެދުވެރިކޮށް އިއުލާން ކުރެއްވި "ޖުމްހޫރީ ކޯލިޝަން"ގެ ހިޔަނި ކެބިނެޓްގެ ލޭބާ މިނިސްޓަރު ކަމުގެ މަގާމު ކަމާލުއްދީންއަށް ވަނީ ދެއްވާފަ އެވެ.

ނަމަވެސް އެ މަގާމު އޭނާ ގަބޫލު ނުކުރައްވާކަން ވަނީ ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވާފަ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި ކަމާލުއްދީން ވިދާޅުވީ، އޭނާއަކީ އޭނާއަށް ނާންގައި ހަވާލުކުރާ މަގާމު ނުވަތަ ހަވާލުކުރަން އުޅޭ މަގާމު ގަބޫލުކުރައްވާ ހިތްވާ ބޭފުޅެއް ނޫން ކަމަށެވެ.

ގާސިމް ހިޔަނި ކެބިނެޓެއް އިއުލާން ކުރައްވާފައިވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ އެއްވެސް ބޭފުޅެއް ހިމަނައިގެންނެއް ނޫނެވެ. އެކަމާ ގުޅިގެން ކޯލިޝަންގެ އެހެން ޕާޓީތަކާއި އިސް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ކަމާލުއްދީން، ގާސިމް ނިންވެމުމަށް ފާޅުގައި ދެކޮޅު ހައްދަވާފައިވާއިރު އެ ޕާޓީއަށް އާ ލީޑަރަކާއި ޑެޕިއުޓީ ލީޑަރުން އަދި ރައީސްއަކާއި ނައިބު ރައީސްއެއް އިންތިހާބުކުރުމަށް މާދަމާ ކޮންގްރެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެކަމުގެ ސަބަބުން ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ވާދަވެރިކަން އިތުރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.