ހަބަރު

ގާސިމްގެ ވީޑިއޯ ޑިލީޓްކޮށްލުމަށްފަހު އަލުން އަޕްލޯޑްކޮށްފި

ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފޭސްބުކް ލައިވް ވީޑިއޯ ޑިލީޓްކޮށްލުމަށްފަހު އަލުން އެ ވީޑިއޯ އަޕްލޯޑްކޮށްފި އެވެ.

މިއަދު ހަވީރު ގާސިމް އިބްރާހިމް ޖަރުމަނުވިލާތުގައި ހުންނަވާ ފޭސްބުކް މެދުވެރިކޮށް ލައިވް ވީޑިއޯއެއްގައި ގާސިމް ބަޔާނެއް ދެއްވިއިރު ވީޑިއޯ ޑިލީޓްކޮށްލީ އެ ބަޔާން ދެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ.

ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްޕާސަން އަލީ ސޯލިހު ވިދާޅުވީ، ވީޑިއޯ ޑިލީޓްކޮށްލީ އަޑުގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ. އެކަން ހައްލުކުރުމަށްފަހު އަލުން ވީޑިއޯ މިހާރު އަޕްލޯޑްކޮށްފައިވާ ކަމަށެވެ. ފާޑުކިޔުންތަކާ ވީޑިއޯ ޑިލީޓްކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ގާސިމް ވަނީ އެމްޑީޕީ ނުހިމަނައި "ޖުމްހޫރީ ކޯލިޝަން"ގެ ހިޔަނި ކެބިނެޓް އިއުލާން ކުރައްވާފަ އެވެ. އެ ކެބިނެޓްގައި 20 މިނިސްޓަރެއް ހިމެނޭއިރު އޭގެ ތެރެއިން ބައެއް ބޭފުޅުން ވަނީ އެ މަގާމުތައް ގަބޫލު ކުރެއްވުމަށް ދެކޮޅު ހައްދަވާފަ އެވެ. އަދި އަދާލަތު ޕާޓީ އާއި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުން ވަނީ އެކަމާ އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަން ހާމަކުރައްވާފަ އެވެ. އަދި އެ ކޯލިޝަނުގައި ހިމެނޭ ކަމަށް އިންކާރު ކުރައްވާފަ އެވެ.

އަދާލަތު ޕާޓީން ކުރި ޓްވީޓެއްގައި ބުނީ، ގުޅިފައިވާ ޕާޓީތަކުން އެކުގައި ކުރާ މަސައްކަތް ފިޔަވައި 2018 ގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އަދާލަތު ޕާޓީން އެއްވެސް ބަޔަކާ ކޯލިޝަން ނަހަދާ ކަމަށެވެ. އެފަދަ ނިންމުމެއް ނިންމައިފިނަމަ އެކަން އެ ޕާޓީގެ ފަރާތުން އިއުލާން ކުރައްވާނެ ކަމަށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ޓްވީޓް ކުރައްވަމުން އައިމިނަތު ނާދިރާ ވިދާޅުވީ، ރައީސް މައުމޫންގެ ފަރާތްޕުޅުން ގުޅިފައިވާ ޕާޓީތަކާއެކު ކޮމެޓީތަކުގައި ދަނީ މަޝްވަރާ ކުރަމުން ކަމަށާއި މަޝްވަރާތަކުގައި އިސްކަން ދެއްވާނީ ގައުމަށް އަދި ގައުމީ މަސްލަހަތަށް ކަމަށެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ވައްޑެ ވިދާޅުވީ، ރައީސް މައުމޫން ފެއްޓެވި އިސްލާހީ މަސައްކަތު ކުރަމުން ދަނީ ގައުމީ މަސްލަހަތުގައި ހަތަރު ޕާޓީއާއެކު ކަމަށެވެ. އެއްވެސް ބަޔަކާ ވަކިވެފައިނުވާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، އޭނާއަކީ އޭނާއަށް ނާންގައި ހަވާލުކުރާ މަގާމު ނުވަތަ ހަވާލުކުރަން އުޅޭ މަގާމު ގަބޫލުކުރައްވާ ހިތްވާ ބޭފުޅެއް ނޫން ކަމަށެވެ. ގާސިމްގެ ހިޔަނި ކެބިނެޓުން ކަމާލުއްދީންއަށް ވެސް މަގާމެއް ދީފައިވެ އެވެ.

ގާސިމް މަގާމުތައް ދެއްވި ބައެއް ބޭފުޅުންނަށް އަވަސްއިން ވެސް ގުޅުމުން އެ ބޭފުޅުންނަށް އެ މަގާމުތައް ހަވާލުކުރާކަން އެނގިފައިނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.