ވިޔަފާރި

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އާމްދަނީ ދެ ޕަސެންޓް ދަށް ވެއްޖެ

May 27, 2015

މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މިދިޔަ އަހަރުގެ އާމްދަނީ ދެ ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ޓޫރިޒަމް ވިޔަފާރި ހިންގުމަށް އުފައްދާފައިވާ އެމްޓީޑީސީގެ މިދިޔަ އަހަރު ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 14.34 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިފައިވާއިރު، އޭގެ ކުރީ އަހަރު ލިބިފައިވަނީ 14.68 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު މިއީ ދެ ޕަސެންޓުގެ ދަށް އަދަދެކެވެ.

އެމްޓީޑީސީގެ ހިސާބުތައް ދައްކާ ގޮތުގައި ކުންފުނީގެ ޖުމްލަ އާމްދަނީ ދަށަށް ދިޔަ ނަމަވެސް އާމްދަނީ ހޯދުމަށް ސީދާ ގޮތުން ކުރެވުނު ހޭދަވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ކޮސްޓް އޮފް ސޭލްސްގެ ގޮތުގައި 1.5 މިލިއަން ޑޮލަރު އިތުރުވެފައިވެ އެވެ.

އެ ކުންފުނިން ބުނީ ތައިލެންޑުގެ އޮކްސިން ގްރޫޕާ ގުޅިގެން ހެރެތެރެ ހިންގަން ވެފައިވާ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން ގއ. ހަވޮޑާ 6.3 މިލިއަން ޑޮލަރަށް އަގުކޮށް، ހިލޭ އެހީގެ ގޮތުގައި 2013 ވަނަ އަހަރު ވަނަ އަހަރު ސަރުކާރުން ދީފައިވާ ކަމަށެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ އާމްދަނީ ދަށަށް ދިޔަ ނަމަވެސް މިހާރު އެ ކުންފުންޏަށް ދަނީ ފައިދާވަމުންނެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ 45 ޕަސެންޓް އިތުރުވެފައިވެ އެވެ.