ޓީވީ ސީރީޒް

އެމީލިއާ "ގޭމް އޮފް ތްރޯންސް"އަށް އަލްވަދާއު ކިޔައިފި

އަންނަ އަހަރު ފަހު ސީޒަން ދައްކަން ނިންމާފައިވާ އެޗްބީއޯގެ މަޝްހޫރު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ގައި މުހިންމު ރޯލަކުން ފެނިގެންދާ ބަތަލާ އެމީލިއާ ކްލާކް އެ ސީރީޒްގައި އޭނާ ކުޅޭ ކެރެކްޓާގެ ޝޫޓިން އެކޮށް ނިންމާލައިފި އެވެ. މި ސީރީޒްގައި އޭނާ ފެނިގެން ދަނީ ޑްރެގަންތަކުގެ މަންމަ، ޑެނޭރީސް ޓާގޭރިއަންގެ ނުވަތަ އާންމު ނަމުންނަމަ ކަލީސީގެ ރޯލުންނެވެ.

އެމީލިއާގެ މި ކެެރެކްޓާއަކީ ގިނަ ބައެއް ލޯބި ހޯދާފައިވާ ކެރެކްޓާއެކެވެ. އޭނާއަށް މިއަދު ލިބިފައިވާ މަގުބޫލުކަމުގެ ފަހަތުގައި ވެސް އޮތީ މި ކެރެކްޓާ އެވެ. ފުރަތަމަ ސީޒަނުން ފެށިގެން ފަހު ސީޒަނާ ހަމައަށް އައިރު ސަލާމަތުން ތިބި މަދު ކެރެކްޓާސްތަކުގެ ތެރޭގައި އޭނާގެ ކެރެކްޓާ ހިމެނެ އެވެ.

ހަތް ކޮއިލުގެ ރަސްކަމުގެ ދަހިވެތިކަމުގައި ބަޔަކު ކުރާ ހަނގުރާމަ ދައްކުވައިދޭ މި ސީރީޒްގެ ގިނަ ފޭނުން ގަބޫލުކުރާ ގޮތުގައި ސީރީޒް ނިމޭއިރު ހަތް ކޮއިލުގެ މައްޗަށް ރަނިކަން ކުރާނީ އެމިލިއާގެ ކެރެކްޓާ ޑެނޭރީސް އެވެ. އެކަމަކު މި މަންޒަރު ހަގީގަތަކަށް ނުވުންވެސް ގާތެވެ. ސަބަބަކީ މި ސީރީޒްގެ އުފެންދުންތެރިން ކެރެކްޓާއެއް މަރާލާނީ ކޮން ވަގުތަކު ކިހިނެތް ކަމެއްވެސް ބުނަން ނޭނގޭތީ އެވެ.

ސީރީޒްގެ ޝޫޓިން ނިންމާލަމުން އެމީލިއާ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، "ގާތްގަނޑަކަށް ދިހަ އަހަރުވަންދެން އަހަރެންގެ އަމިއްލަ ވަޒަނު ކަމުގައި ގަބޫލުކުރި ބިން ދޫކޮށް އަނބުރާ ދިއުމަށް މި އަރަނީ ބޯޓަށް. އަހަންނަށް މި ފުރުސަތު ދިން ކަމަށްޓަކައި 'ގޭމް އޮފް ތްރޯންސް' ގެ ޓީމަށް ޝުކުރު އަދާކުރަން. މިހާ ހިސާބަށް އާދެވޭނެ ކަމަށް ހީވެސްނުކުރަން. އެންމެން މަތިން ވަރަށް ހަނދާންވާނެ." ކަމަށެވެ.

އެމީލިއާ އިންސްޓަގުރާމުގައި ކޮށްފައިވާ ޕޯސްޓު.

"ގޭމް އޮފް ތްރޯންސް" ގެ މިދިޔަ ސީޒަން ނިމުނުއިރު ހާމަވި އެއްޗަކީ އެމީލިއާގެ ކެރެކްޓާ ޑެނޭރީސް އާއި ކިޓް ހެރިންގްޓަންގެ ކެރެކްޓާ ޖޯން ސްނޯއަކީ ލޭގެ ގުޅުން އޮންނަ ދެމީހުން ކަމެވެ. މި ސީރީޒްގެ ފަހުން ސީޒަން އަދި އަށް ވަނަ ސީޒަން އަންނަ އަހަރު ދައްކާއިރު ގެނެސްދޭނީ އެންމެ ހަ އެޕިސޯޑެވެ.

މި ސީރީޒްއަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އާރް އާރް މާޓިންގެ ވާހަކަ ފޮތް "އަ ސޯން އޮފް އައިސް އެންޑް ފަޔާ" ބިނާކޮށް ތައްޔާރުކުރަން ފެށި ސީރީޒްއެކެވެ. މިހާރު މި ސީރީޒްގެ ޕްރީކުއެލްގެ މަސައްކަތްވެސް ވަނީ ފަށާފަ އެވެ. ޕްރީކުއެލްގައި ގެނެސްދޭނީ "ގޭމް އޮފް ތްރޯންސް" ގައި މިހާރު ހިނގާ ކަންކަން ހިނގުމުގެ އެއްހާސް އަހަރު ކުރިން ހިނގި ކަންތައްތަކުގެ މައްޗަށެވެ.